ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރުކުރުމާއި ގުޅޭ ދެ ދައުވާއެއްގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 13 މާރޗު 2022 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ގާޒީ އަލީ އާދަމް ވަނީ ދައުލަތާއި ދިފާއުންވެސް އެދިފައިވާ ގޮތަށް މި މައްސަލައިގެ އިބްތިދާއީ މަރުޙަލާ އަލުން ފަށައިގެން ކުރިއަށް ގެންދިޔުމަށް ނިންމަވާފައެވެ. އެއާއެކު ދައުލަތުން ވަނީ ދައުލަތުން ކުރާ ދެ ދައުވާ އެ އަޑުއެހުމުގައި އިއްވާފައެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި، މަނީ ލޯންޑަރިންގ އަށް މަގުފަހި ކޮށްދިނުމުގެ ކުށުގެ ދައުވާއެވެ.
ދައުލަތުން އިއްވާފައިވާ ދެ ދައުވާއަށްވެސް އާޒިމާ ވަނީ އިންކާރު ކުރައްވާފައެވެ.
އާދިއްތަ ދުވަހު އޮތް އަޑުއެހުމަކީ މި މައްސަލައިގެ ހެކި ހާމަ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން މި އަޑުއެހުމުގައި ދައުލަތުން ވަނީ އާޒިމާއަށް ކުރާ 2 ދައުވާއާއި ގުޅިގެން ހުށައަޅާ ހެކިތައް ހާމަކުރައްވާފައެވެ. ޢެއަށްފަހު ދިފާއުންވެސް ވަނީ ހެކި ހާމަކޮށްފައެވެ.
މި އަޑުއެހުމުގައި އާޒިމާގެ ފަރާތުން ވަނީ ދައުލަތުން ހުށައަޅާފައިވާ ހެކިތަކަށް ބަލާއިރު، މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިލައްވާފައެވެ. މިއީ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ކޮށްފައިވާ ދައުވާއެއްކަން އާޒިމާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ދައުލަތުން ވަނީ މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދިޔުމާމެދު ހުރަހެއް އޮތްކަމަށް ނުދެކޭކަމަށް ބަޔާންކޮށް އެކަމުގެ ސަބަބުތައް ހިއްސާކޮށްފައެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ، ރައީސް ޔާމީން މަނީ ލޯންޑަރިންގ ޢަމަލު ހިންގުމަށް އާޒިމާ މަގުފަހިކޮށްދެއްވާ، އަދި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތުު ދެއްވާފައިވާކަން ހެކިތަކުން ސާބިތު ކުރެވޭނެކަމަށެވެ.
މި މައްސަލައިގައި މީގެ ކުރިން ދައުލަތުގެ ވަކީލާ ވިދާޅުވެފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ކުރީގެ ރައީސް ޙަސަން ލުޠުފީއާއި، އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ފުލުހުންގެ ތަހުޤީޤަށް ދީފައިވާ ބަޔާނުން އާޒިމާ އޭސީސީއަށް ދޮގު މަޢުލޫމާތު ދެއްވާފައިވާކަމަށް ހާމަވާ ކަމަށެވެ. އެގޮތުން ރައީސް އޮފީހުން އާޒިމާ ފޮނުއްވި ނޯޓެއްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ލިޔުއްވާފައިވާ ކަމަށެވެ.
އެހެންނަމަވެސް އާޒިމާ ވަނީ، އެކްސްކްރޯ އެގްރީމަންޓާ އެއްގޮތަށް ފައިސާ ޖަމާވެއްޖެކަމަށް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން ފޯރުކޮށްދިން މައުލޫމާތުތަކުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ. އަދި ނޯޓުގައި އޮތީވެސް ދައުލަތުން ބަޔާންކުރާ އެކައުންޓު ނަންބަރު ނޫންކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، އޭސީސީއަށް އެއްވެސް ކަމެއްގައި ލަފާ ދެއްވާފައިނުވާނެ ކަމަށާއި، އޭސީސީއަށް ލަފާ ދެއްވުމަކީ އޭނާގެ މަސްއޫލިއްޔަތެއް ނޫންކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. ވީއިރު ދެވަނަ ދައުވާގައިވެސް ހިމެނޭ ހަމައެކަނި އަމަލަކީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުންކަމަށްވާއިރު، އެއް ކަމަކާއި ގުޅިގެން ދެ ދައުވާއެއް ނުކުރެވޭނެކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ ގެ ދައުވާ ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަންވެސް އާޒިމާގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެތޯ ދެ ފަރާތުންވެސް ވަނީ ދިގު ބަހުސެއް ކޮށްފައެވެ.
މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދާއިރު، މިއީ ހުށައަޅާ ހުރިހާ ހެކިތަކުގެ ފުނަށް ފަނޑިޔާރު ވާސިލުވާން ޖެހޭ މަރުޙަލާއެއް ނޫން ކަމަށެވެ. ވުމާއެކު، ދައުލަތުން ހުށައަޅާފައިވާ ހެކިތަކަށް ބަލާއިރު، މި ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ.
އާޒިމާގެ ފަރާތުން ވަނީ ގާޒީގެ އެ ނިންމެވުން އިސްތިއުނާފު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމެވެ.