ކ. މާލެ
|
26 މާރޗް 2022 | ހޮނިހިރު 17:13
ކޮވިޑަށް ޓެސްޓުކުރުމުގެ ތެރެއިން
ކޮވިޑަށް ޓެސްޓުކުރުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް-19ގެ ތަފާސްހިސާބު
ކޮވިޑްގެ ތަފާސްހިސާބު ގަވާއިދުން އާއްމުނުކުރެވުނީ ސާމްޕަލް ކަލެކްޓްކުރުމުގައި ދިމާވި ދަތިތަކާގުޅިގެން
 
މިފެށޭ ހަފުތާގައި ތަފާސްހިސާބު އާއްމުކުރާނެ
 
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާގުޅިގެން ކޮވިޑްގެ އަޕްޑޭޓް ހަފްތާއަކު އެއްފަހަރު އާއްމުކުރާގޮތަށް ނިންމި
 
ކޮވިޑްގެ އެންމެފަހުގެ ތަފާސްހިސާބުތައް އާއްމުކޮށްފައިވަނީ 13 މާޗް 2022ގައި

ރާއްޖޭގެ ކޮވިޑް-19ގެ ތަފާސްހިސާބު ގަވާއިދުން އާއްމު ނުކުރެވުނީ ސާމްޕަލް ކަލެކްޓް ކުރުމުގައި ދިމާވި ދަތިތަކާއި ގުޅިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭއިން ވަނީ ކޮންމެ ރެއަކު 10:00ގައި ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބުތަކާއި، ވެކްސިން ޖަހަމުންދާ މީހުންގެ ތަފާސްހިސާބުތައް އާއްމުކޮށްފައެވެ. ނަމަވެސް 13 މާޗް 2022ވީ އާދިއްތަ ދުވަހު, ކޮވިޑް-19އާ ގުޅިގެން އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އުވާލެއްވުމާ ގުޅިގެން މިހާރު ވަނީ އެޗްޕީއޭގެ އުސޫލުތަކަށް ބަދަލު ގެނެސްފައެވެ. އަދި ކޮންމެ ރެއަކު އާއްމުކުރަމުންދިޔަ ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބުތައް ހަފުތާއަކު އެއްފަހަރު އާއްމުކުރާ ގޮތަށް ނިންމިއެވެ.

އެގޮތުން ކޮވިޑްގެ އެންމެފަހުގެ ތަފާސްހިސާބުތައް އާއްމުކޮށްފައިވަނީ 13 މާޗް 2022ގައެވެ. އޭގެފަހުން އެއްވެސް އަޕްޑޭޓެއް އާއްމުކޮށްފައެއް ނުވެއެވެ. އެކަމާގުޅިގެން ރާއްޖެއެމްވީން ސުވާލުކުރުމުން އެޗްޕީއޭގެ އޮފިޝަލެއް ވިދާޅުވީ ސާމްޕަލް ކަލެކްޓް ކުރުމުގައި ދިމާވި ދަތިކަމުގެ ސަބަބުން ތަފާސްހިސާބުތައް އާއްމުކުރުން ލަސްވެގެންދިޔައީ ކަމަށެވެ. ނަމަވެސް މިފެށޭ ހަފުތާގެ ހޯމަދުވަހު އާއްމުކުރާނެ ބެލެވޭ ކަމަށެވެ.

އެޗްޕީއޭގެ މަސައްކަތްތަކަށް ބަދަލު ގެނެސްފައިވާއިރު، ކޮމިއުނިކަބަލް ޑިޒީޒް ޑިވިޝަންގެ ހެޑް ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ, ކުރިއަށް އޮތްތަނުގައި އެޗްޕީއޭއިން މަސައްކަތް ކުރާނެ ސްޓްރެޓަޖިކް އެކްޝަން ޕްލޭނެއް އެކުލަވާލާއި، އެ ޕްލޭން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުކުރާނެ ކަމަށެވެ. މި ޕްލޭންގައި ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ކޮވިޑްގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ސިއްހީ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދޭނެ ކަމަށެވެ. އަދި ނާޒުކު ގިންތިތަކުގައި ހިމެނޭ މީހުން ބަލިން ރައްކާތެރިކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރާނެ ކަމަށާއި، ކޮވިޑްގެ ސަބަބުން ދިމާވާ އިޖްތިމާއީ, އަދި އިގުތިސާދީ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ މިދަނޑިވަޅުގައި ވެސް ބައްޔަށް ފަރުވާ ކުޑަ ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެދިފައިވެއެވެ. އަދި މިހާރު ބޫސްޓަރ ޑޯޒު ޖަހައިދެމުންދާއިރު، ކުރިއަށް އޮތް ރޯދަމަހު ވެސް މި ޚިދުމަތް ދެމުންދާނެކަމަށް އެޗްޕޭއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް