ކ. މާލެ
|
26 މާރޗް 2022 | ހޮނިހިރު 14:05
ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ޖެންޑާ މިނިސްޓްރީ
ހިންގުމުގެ ނިޒާމު ހަރުދަނާކުރުން
ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގައި މިންތިއަށް އިސްކަންދިނުމަކީ މުހިންމު ކަމެއް: ޖެންޑަރ މިނިސްޓަރު
ތަރައްގީގެ ބައިވެރިންނާއި، ކަމާބެހޭ އެކި ވުޒާރާތަކާއެކު ވީހާވެސް ގާތުން މަސައްކަތްކުރަންޖެހޭ
މުޖުތަމައުގައި އެންމެ އެކަހެރިކުރެވިފައިވާ ފަރާތްތައް ވީހާވެސް ބޮޑަށް ބައިވެރިކުރެވިގެން، ސިޔާސަތުތަކާއި މަޝްރޫއުތައް އެކުލަވާލުމަކީ މުހިންމުކަމެއް
ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތައް ކުރެވެމުންދޭ

ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގައި މިންތިއަށް އިސްކަންދިނުމަކީ އަންހެނުންނާއި މުޖުތަމުގައި ހިމެނޭ ނާޒުކު ފަރާތްތަކުގެ ހިއްސާއާއި ބައިވެރިވުން އިތުރުކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއްކަމަށް ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޔޫއެންޑީޕީ މޯލްޑިވްސްއިން ކުރިޔަށް އޮތް ފަސް އަހަރު ހިންގުމަށް ހަމަޖެހިފައިވާ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ, ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި މިހާރު ހެޔޮ ބަދަލުތައް އަންނަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިޒާމު ހަރުދަނާ ކުރުމަށްޓަކައި މިންތިއަށް އިސްކަންދިނުމަކީ އަންހެނުންނާއި މުޖުތަމުގައި ހިމެނޭ ނާޒުކު ފަރާތްތަކުގެ ހިއްސާއާއި ބައިވެރިވުން އިތުރުކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަނާ ވާހަކަފުޅުދެއްކެވިއެވެ.

މިނިސްޓަރު ވިދާޅުވީ ތަރައްގީގެ ބައިވެރިންނާއި، ކަމާބެހޭ އެކި ވުޒާރާތަކާއެކު ވީހާވެސް ގާތުން މަސައްކަތް ކުރަންޖެހޭ ކަމަށާއި، އަދި ވަކީން ޚާއްސަކޮށް، މުޖުތަމައުގައި އެންމެ އެކަހެރިކުރެވިފައިވާ ފަރާތްތައް ވީހާވެސް ބޮޑަށް ބައިވެރިކުރެވިގެން ސިޔާސަތުތަކާއި މަޝްރޫއުތައް އެކުލަވާލުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

ޔޫއެންޑީޕީ މޯލްޑިވްސްއިން ކުރިޔަށް އޮތް ފަސް އަހަރު ހިންގުމަށް ހަމަޖެހިފައިވާ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އިންސާނީ ހައްގުތަކާއި މިންތީގެ ހަމަހަމަކަމާއި، ޓެކްނޮލޮޖީއާއި ދޯޅު އަދި ކުރިޔާލައި އެކުލަވާލެވޭ ސިޔާސަތުތަކަށް ބާރު އަޅާ، މުސްތަގިއްލު، ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރެވޭގޮތަށް ދައުލަތް ހިންގުމާއި އަދުލުގެ ނިޒާމު ހިންގުމަށް ބާރުއަޅާ ރައްޔިތުންގެ ބާރާއި އިހުތިޔާރު ހިމެނިގެން ހިންގޭ، ހުޅުވާލެވިފައިވާ ދިމިގްރާތީ ނިޒާމެއް ބިނާކުރުމުގެ މައްޗަށެވެ. މި ޕްރޮގްރާމްގެ މައިގަނޑު ލަނޑުދަނޑިއަކީ ދިމިގްރާތީ ހަމަތަކާއި، ދެމެހެއްޓެނިވި، މައުނަވީ އިންސާނީ ތަރައްގީއަށް ބާރުއަޅާ އަގުކުރުންތަކެއްގެ މައްޗަށް ބިނާވެފައިވާ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދިވެހި ރައްޔިތުންނަށް ހޯދައިދިނުމެވެ.

ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ފާއިތުވެ ދިޔަ ދެ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމްގައިވެސް ރާއްޖޭގެ ދިމިގްރާތީ ނިޒާމް ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނެވެ. މީގެ ތެރޭގައި ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކުރުމާއި، ގާނޫނީ ދާއިރާއަށް ދެވުނު އެއްބާރުލުމާއި، މިނިވަން ބާރުވެރި މަދަނީ ޖަމިއްޔާތަކާއި މީޑިއާ އުފެއްދުމަށް ކެނޑިނޭޅި ފޯރުކޮށްދެވުނު އެހީއާއި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ދެވުނު ބިނާކުރަނިވި އަދި ދެމެހެއްޓެނިވި އެހީއާއި، އަންހެނުން ބާރުވެރިކުރުވުމަށާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރެވުނު މަސައްކަތް ހިމެނެއެވެ.

އަލަށް އިފްތިތާހު ކުރެވިގެންދާ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމްގައި ކަމާބެހޭ ވުޒާރާތަކުގެ އެއްބާރުލުމާއެކު ހާސިލުކުރަން ކަނޑައެޅިފައިވާ ނަތީޖާ ތަކަކީ:

  1. ހުޅުވާލެވިި، ލާމަރުކަޒުކުރެވިފައިވާ، އަދި މިންތީގެ ހަމަތަކަށް ބިނާވެފައިވާ ހިންގުމުގެ ނިޒާމެއް ގާއިމުކުރުން
  2. އެންމެނަށްވެސް އަދުލުވެރިކަމާއެކު ފޯރުކޮށްދެވޭ އިންސާނީ ހައްގުތަކާއި އިންސާފު
  3. ބާރުވެރި، ބަދަހި، ވިލުންވެރި މުޖުތަމައުއެއް ބިނާކުރުން.

މި ޕްރޮގްރާމަކީ ޔޫއެންޑީޕީއާއި މިދާއިރާގައި ޝާމިލުވާ އެކި ހިއްސާދާރުންނާއި، އެފަރާތްތަކާއެކު ވޭތުވެދިޔަ ތަނުގައި ކުރެވުނު އެކިއެކި މަސައްކަތްތަކާއި އޭގެ ރަނގަޅު ނަތީޖާ ރަމްޒުކޮށްދޭ ޕްރޮގްރާމެކެވެ. އަދި މިޕްރޮގްރާމަކީ ޔޫއެންޑީޕީގެ ގައުމީ ޕްރޮގްރާމް ކަރުދާސް 2022 – 2026 ލގައި ބަޔާންކޮށްފައިވާ ތަރައްގީގެ އަމާޒުތައް ހާސިލުކުރުމަށް އެޅޭ ހަރުދަނާ ބިންގަލެކެވެ.

- ކޮމެންޓް