ކ. މާލެ
|
26 މާރޗް 2022 | ހޮނިހިރު 04:30
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މާހެފުމުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މާހެފުމުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރައީސް ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅު
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
މިހާރު ޓެންޑަރިންގ ގެ މަރުޙަލާގައިވާ 200 ހައުސިންގ ޔުނިޓުގެ އިތުރުން އިތުރު 200 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދިއުމަށް ނިންމަވާފައިވޭ
ދެވަނަ ފޭސްއެއްގެ ގޮތުގައި އިތުރު 10 ކިލޯމީޓަރުގެ މަގު ހެދުމަށް ނިންމަވާފައިވޭ
50 އެނދުގެ އައު ހޮސްޕިޓަލް ތަރައްޤީކުރާއިރު އެތަނުގައި ޚާއްޞަ ޚިދުމަތް ތަކެއްގެ ގޮތުގައި ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަ ސްޕެލިޓީ ޚިދުމަތްތައް ހިމަނުއްވާނެ

މި ސަރުކާރުން ރިޔާސީ އިންތިޙާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްވައިފިއެވެ.

ރައީސް ޞާލިހު މިޔަގީންކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހުކުރު ދުވަހުގެ ރޭ ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވުމުން އެ ސިޓީގެ ރައްޔިތުން ވިދާޅުވި ހޫނު މަރުހަބާއަށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ފުވައްމުލައް ސިޓީގެ ކުރިޔަށްހުރި ތަރައްޤީގެ ބައެއް މަޝްރޫޢުތައް ހާމަކުރައްވާފައެވެ. އެގޮތުން ސިޓީ ކައުންސިލުން އެ ސިޓީގެ އެއަރޕޯޓް މިހާރަށްވުރެ ބޮޑުކުރުމަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއަރޕޯޓް ބޮޑުކުރެވެން އޮތް މިންވަރެއް ބެލުމަށް ޓެކްނިކަލް ސާވޭއެއް ހަދަންޖެހޭކަން ފާހަގަކުރައްވައި އެ ސާވޭއަށްފަހު އެއަރޕޯޓް ބޮޑުކުރެވެން އޮތް އެންމެ ބޮޑަކަށް އެއަރޕޯޓް ބޮޑުކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން އެ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މިހާރު ޓެންޑަރިންގ ގެ މަރުޙަލާގައިވާ 200 ހައުސިންގ ޔުނިޓުގެ އިތުރުން އިތުރު 200 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދިއުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ފުވައްމުލައް ސިޓީގެ މިހާރު ކުރިޔަށްދާ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާއިރު އެ މަސައްކަތް މެދުނުކެނޑި ކުރިޔަށްދާގޮތަށް ދެވަނަ ފޭސްއެއްގެ ގޮތުގައި އިތުރު 10 ކިލޯމީޓަރުގެ މަގު ހެދުމަށް ނިންމަވާފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވިއެވެ.

ފުވައްމުލައް ސިޓީގައި ތަރައްޤީކުރާ 50 އެނދުގެ އައު ހޮސްޕިޓަލް ތަރައްޤީކުރާއިރު އެތަނުގައި ޚާއްޞަ ޚިދުމަތް ތަކެއްގެ ގޮތުގައި ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަ ސްޕެލިޓީ ޚިދުމަތްތައް ހިމަނުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ފުވައްމުލައް ސިޓީގެ ބަނދަރުގެ ދަތިކަން ހައްލުކޮށް ބަނދަރު ބޮޑުކުރުމަށް ކުރިން އެ ބަނދަރުގެ މަސައްކަތް ކުރި ކުންފުންޏަށް ބަނދަރުގެ ސާވޭގެ މަސައްކަތް ހަވާލުކުރުމަށް ނިންމަވާފައިވާކަމަށާއި އަދި މި ނޫންވެސް މަސްވެރިންގެ ފަސޭހައަށް ރޭވިފައިވާ ކަންކަމާއި ފުވައްމުލައް ސިޓީގައި ފަތާފެންގަޑެއް ތަރައްޤީކުރުމާއި އަދި ސިޓީގެ ތަރައްޤީއަށް  ރޭވިފައި ހުރި އަދި މިހާރު ހިނގަމުންދާ ބައެއް މަޝްރޫއުތަކުގެ ތަފްޞީލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެންކަން ފާހަގަކުރެއްވިއެވެ. އަދި ފުވައްމުލައް ސިޓީއަކީ ބަޔޮސްފިއަރ ރިޒާވެއްކަން ފާހަގަކުރައްވައި ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށްގެންދިއުމުގައި އެކަމަށް ޚާއްޞަ ސަމާލުކަމެއްދީގެން ގުދުރަތީ ދިރުންތައް އަންނަން އޮތްޖީލުތަކަށް ވާޞިލުކޮށްދެވޭގޮތަށް ކުރިޔަށްގެންދިއުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެެވެ.

މި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށާއި ޚާއްޞަކޮށް ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ތަޢުލީމީ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

- ކޮމެންޓް