ކ. މާލެ
|
24 މާރޗް 2022 | ބުރާސްފަތި 11:51
ކުނި ރީސައިކަލް ކޮށްގެން ހެދުން ފެހުން
ކުނި ރީސައިކަލް ކޮށްގެން ހެދުން ފެހުން
ރޮއިޓާސް
ކުނި ރީސައިކަލް ކުރުން
ކުނި ރީސައިކަލް ކޮށްގެން ލިއޮނޯރާ ޑިޒައިންކޮށްލީ ހެދުމެއް
 
އެކި ހެދުންތަކުގައި ބޭނުންކުރަނީ އެކި މެޓީރިއަލް
 
އޭނާ މި މަސައްކަތް ކުރާތާ 7 އަހަރުވެއްޖެ
 
ލިއޮނޯރާގެ ހެދުންތައް ޑިޒައިންކުރުމަށް ޕްލާސްޓިކް، ގޯނި އަދި ކަރުދާސް ބޭނުންކުރޭ

ދުނިޔޭގެ ނާޒުުކު ތިމާވެއްޓަށް ގެއްލުންދޭ ތަކެތީގެ ތެރެއިން ފާހަގަކޮށްލެވޭ އެކައްޗަކީ ޕްލާސްޓިކެވެ. ޕްލާސްޓިކަކީ ރައްކާތެރި ގޮތެއްގައި ނައްތާލުމަށްވެސް އެހާމެ އުނދަގޫ އެއްޗެކެވެ. އެހެންނަމަވެސް ގިނަ ގައުމުތަކުން ޕްލާސްޓިކް ފޭސްއައުޓް ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން މިތަކެތި ނައްތާލުމަށް ރައްކާތެރި ގޮތްތަކެއްވެސް ދަނީ ހޯދަމުންނެވެ. އަދި މިތަކެތި އެއް ފަހަރު ބޭނުންކޮށްފައި އުކާލުމުގެ ބަދަލުގައި އެހެން ކަންކަމުގައި އެތަކެތި ބޭނުންކުރުމުގެ މަސައްކަތްވެސް ބައެއް މީހުން ވަނީ ފަށާފައެވެ.

ފިލިޕީންސްއަށް ނިސްބަތްވާ ލިއޮނޯރާ ބުއެންވިއާހޭ އަކީ މިފަދައިން ޕްލާސްޓިކާއި، ނޫސް ކަރުދާސް އަދި ގޯނި ފަދަ ތަކެތި އުކާލުމުގެ ބަދަލުގައި އެތަކެތި ރީސައިކަލް އެހެން ތަކެތި އުފައްދަމުންދާ މީހެކެވެ. އުމުރުން 51 އަހަރުގެ ލިއޮނޯރާ އަކީ ފެޝަން ޑިޒައިނަރެކެވެ. އޭނާ ގެންދަނީ މިތަކެތި ބޭނުންކޮށްގެން ހެދުން ޑިޒައިންކޮށް ފަހަމުންނެވެ. އޭނާ މި މަސައްކަތް ކުރާތާ މިހާރު ވަނީ 7 އަހަރު ވެފައެވެ. ޕްލާސްޓިކާއި އަދިވެސް މި ނޫން މެޓީރިއަލްތައް ބޭނުންކޮށްގެން އޭނާ ގެންދަނީ ބޮޑެތި ހެދުންތަކާއި، ވެޑިންގ ޑްރެސް ވެސް ފަހަމުންނެވެ. ލިއޮނޯރާ މި މަސައްކަތަށް ބޭނުންކުރަނީ އާދައިގެ ފަހާ ފޮއްޓެކެވެ.

ކުނި ރީސައިކަލް ކޮށްގެން ހެދުން ފެހުން - ރޮއިޓާސް

ލިއޮނޯރާ ކިޔައިދީފައިވާ ގޮތުގައި ތަންތަނުން ގެންނަ ޑެލިވަރީ ޕެކޭޖުތަކުގައި ވަށައިގެން އޮޅާފައިވާ ބަބްލް ވްރެޕް ބޭނުންކޮށްގެންވެސް ވަރަށް ރީތި ޑިޒައިންތައް ހަދާލެވެއެވެ. ހުދު ކުލައިގެ ވްރެޕް ބޭނުންކޮށްގެން ވެޑިންގ ގައުން ފަދަ ހެދުންތައް ޑިޒައިންކޮށްލެވޭނެ ކަމަށް އޭނާ ބުނެއެވެ. ލިއޮނޯރާ ބުނީ އޭނާ ފަހާ ހުރިހާ ހެދުމެއްވެސް ވިއްކަނީ 30 ޑޮލަރާ 50 ޑޮލަރާ ދެމެދުގެ އަގެއްގައި ކަމަށެވެ. މި މެޓީރިއަލްތައް ބޭނުންކޮށްގެން ލިއޮނޯރާ ފަހާ ހެދުންތަކަށް ބަލާލުމުން އެއީ އެފަދަ މެޓީރިއަލްތަކެއް ބޭނުންކޮށްގެން ފަހާފައިވާ ހެދުންތަކެއް ކަމެއް ނޭނގެއެވެ.

ހަމަގައިމުވެސް ލިއޮނޯރާގެ މި މަސައްކަތަށް ބޭނުންވާ މެޓީރިއަލްތައް ހޯދާކަށް މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. ކަނޑުތަކުގައި ދައުރުވާ ޕްލާސްޓިކުގެ 80 އިންސައްތަ ޕްލާސްޓިކަކީ އޭޝިއާ ސަރަހައްދުން ކަނޑުތަކަށް ނިކުންނަ ޕްލާސްތިޓިކު ކަމުގައި ވަނީ ރެކޯޑުކުރެވިފައެވެ. އޭގައި ފިލިޕީންސްއިން ނިކުންނަ ކުނީގެ ބޮޑު ހިއްސާއެއްވެސް އޮވެއެވެ. ލިއޮނޯރާގެ ކަސްޓަމަރަކު ބުނިގޮތުގައި މިފަދަ ތަކެތި ދެވަނަ ފަހަރަށް ބޭނުންކުރެވޭނެ ގޮތެއް ހޯދައި އެތަކެތި ރީސައިކަލް ކުރުމަކީ މުހިންމު ކަމެކެވެ. މިއީ ތިމަވެއްޓަށް ބެލިޔަސް ކުރަން ރަނގަޅު މަސައްކަތެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ކުނި ރީސައިކަލް ކޮށްގެން ހެދުން ފެހުން - ރޮއިޓާސް

ލިއޮނޯރާ ބުނި ގޮތުގައި އޭނާގެ ކަސްޓަމަރުން ބޭނުންވާ ހެދުމާއި، ހެދުމުގެ ޑިޒައިނަށް ބަލާފައި އެކި ހެދުންތަކުގައި ބޭނުންވާ މެޓީރިއަލްތައް ތަފާތުވެއެވެ. އޭނާ ބުނީ އޭނާގެ ހެދުންތައް ބިއުޓީ ކޮންޓެސްޓުތަކުގައިވެސް ބޭނުންކުރާ ކަމަށެވެ. އެފަދަ ކޮންޓެސްޓުތަކުގައި އޭނާގެ ހެދުންތަކުގައި މާ ބޮޑު ޑިޒައިނެއް ނެތް ނަމަވެސް އެ ހެދުންތައް ބޭނުންކޮށް، ވަނަ ވަނައަށް ހޮވޭތީ އުފާވާ ކަމަށް އޭނާ ކިޔައިދިނެވެ.

ލިއޮނޯރާގެ މި މަސައްކަތަކީ މިހާރުވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަސައްކަތެކެވެ. މި މަސައްކަތް އިތުރަށް މީހުންނަށް ދައްކާލަން އޭނާ ބޭނުންވެއެވެ. އެގޮތުން އޭނާގެ މަސައްކަތްތައް ދައްކާލަން ފެޝަން އިވެންޓެއް ބޭނުންވާކަމަށް ބުނެފައިވެއެވެ. މިއީ މިފަދަ ތަކެތި ރީސައިކަލް ކުރުމުގެ މުހިންމުކަން އެހެން މީހުންނަށް އަންގައިދޭން ބޭނުންވާތީ ކަމުގައި ލިއޮނޯރާ ބުނެފައިވެއެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މިފަދަ ކަންކަން ބޭއްވުން ވަނީ މަނާކޮށްފައި ކަމަށާއި ވީހާވެސް އަވަހަކަށް މިފަދަ ކަންކަން ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.

ލިއޮނޯރާގެ މި މަސައްކަތަށް ގިނަ ބައެއްގެ ލޯބި މީހާރުވެސް ދަނީ ލިބެމުންނެވެ. މި މަސައްކަތުން އޭނާ އެ ދައްކައިދިނީ މުޅި ދުނިޔެއަށްވެސް ވަރަށް ރަނގަޅު މިސާލެކެވެ. މިތަކެތި އުކާލުމުގެ ބަދަލުގައި ރީސައިކަލްކޮށް އެއިން އާމްދަނީ ހޯދޭނެކަން މިއަދު ލިއޮނޯރާ މިވަނީ މުޅި ދުނިޔެއަށް ދައްކާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް