Advertisement
ކ. މާލެ
|
22 މާރޗް 2022 | އަންގާރަ 10:35
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުން
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުން
ރާއްޖެއެމްވީ
ތިމަރަފުށީ ހަރުކަށި ފިކުރު
ތިމަރަފުށީ ހަރުކަށި ފިކުރު: ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ސިއްރު ނުކޮށްދިން
ހެކި ރައްކާތެރި ކުރުމާއި ގުޅޭ ޖުމުލަ 63 ހުށައެޅުމެއް ދައުލަތުން ވަނީ ހުށައަޅާފައި
ދިފާއު ބިނާ ކުރުމަށްޓަކައި ތަހުގީގު ބަޔާންތައް ކޮންމެހެން ބޭނުންވާކަމަށް ބުނެފައިވޭ
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުފަތުރާ، ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހިމެނޭ މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފް އާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠު، އަދި ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުއެވެ.

މި މައްސަލައިގައި އެންމެ ފަހުންއަޑުއެހުމެއްބާއްވާފައިވަނީ 15 ޖެނުއަރީ 2022 ގައެވެ. މި އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމާއި ގުޅޭ ޖުމުލަ 63 ހުށައެޅުމެއް ދައުލަތުން ވަނީ ހުށައަޅާފައެވެ. އެގޮތުން ހެކިތަކުގެ ތެރެއިން ހާމަ ކުރެވެން ހުރި މައުލޫމާތު ހާމަ ކުރުމަށް ދައުލަތުންވެސް ދެކޮޅެއް ނުހަދައެވެ.

އެހެންނަމަވެސް، ދިފާއީ ވަކީލުންވަނީ ދިފާއު ބިނާ ކުރުމަށްޓަކައި ތަހުގީގު ބަޔާންތައް ކޮންމެހެން ބޭނުންވާކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ބަޔާންތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް އުނިކުރުމަށްފަހު، އެ ބަޔާންތައް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ދިފާއީ ވަކީލުން އެދެއެވެ. އަދި ޝަރީއަތުން ކަނޑައަޅާ ޝަރުތުތަކާއެކު ކޯޓަށް ގޮސް އަބަދު ލިޔެކިޔުންތައް ބަލަން ޖެހުމަކީވެސް ދަތިވާ ކަމެއްކަމަށް ދިފާއުން ފާހަގަ ކުރެއެވެ.

މައިގަނޑު ގޮތެއްގައި ދިފާއީ ހުރިހާ ވަކީލުންވެސް ވަނީ ތަހުގީގު ބަޔާންތައް ދިފާއަށް ހިއްސާ ކުރެވެންވާނެކަަމަށް ދެކިލައްވާކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެކަމަށް ދައުލަތުން ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. ސަބަބަކީ ބަޔާންތަކުގެ މައުލޫމާތުތަކަކީ އޭގެ ޒާތުގައި ހެކިވެރިންގެ މައުލޫމާތުތައް އެނގޭނެފަދަ މައުލޫމާތުތަކެއް ކަމަށާއި، އެފަދަ މައުލޫމާތުތައް ބަޔާނުން ސިއްރު ކުރާނަމަ، މުޅި ބަޔާނުގެ ބޮޑު ބައެއް ސިއްރުކުރަން ޖެހިދާނެކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ސިއްރު ހެކިން ހުށައަޅާ ސަބަބުތައް ދައުލަތުން ބަޔާންކޮށްދީފައިވާނެ ކަމަށާއި، އެ ސަބަބުން ދިފާއުވުމަށް ދިފާއަށް ފުރުސަތު އެބައޮތް ކަމަށެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮތީ އެ ހުށައެޅުމާމެދު ގޮތެއް ނިންމުމެވެ. ގާޒީ ވަނީ ސިއްރު ހެކިން ތަހުގީގަށް ދީފައިވާ ބަޔާންތައް އެއްކޮށް ސިއްރު ކުރުމަކީ ދިފާއު ބިނާ ކުރުމަށްޓަކައި ލިބޭ ޙައްޤަށް އުނިކަން އަންނާނެކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. ވުމާއެކު، ހެކިންގެ ވަނަވަރާއި، ހެކިވެރިންނަކީ ކޮން ބައެއްކަން އެނގޭނެ ފަދަ މައުލޫމާތު އުނި ކުރުމަށްފަހު، އެ ބަޔާންތައް ދިފާއަށް ހިއްސާ ކުރުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އެހެންނަމަވެސް، ދައުލަތުން ހުށައަޅާފައިވާ ސިއްރު ހެކިންގެ އިންޓަރވިއު ރެކޯޑިންގ ހާމަ ނުކުރުމަށް ގާޒީ ނިންމެވިއެވެ.

ދައުލަތުން ހުށައަޅާފައިވާ ބައެއް އިތުރު ހެކިތައް ވަކި މިންވަރަކަށް ހާމަ ކުރުމަށް ދައުލަތުންވެސް އިއުތިރާޒު ކޮށްފައެއް ނުވެއެވެ. އޭގެ ތެރޭގައި ދައުވާލިބޭ ފަރާތްތަކާއި ގުޅޭ ރިޕޯޓުތަކެއް ހިމެނެއެވެ. ގާޒީ ވަނީ އެ ރިޕޯޓު ތައްޔާރު ކޮށްފައިވާ ފަރާތުގެ ނަން އުނިކޮށް އެ ރިޕޯޓުވެސް ދިފާއަށް ހާމަ ކުރުމަށް ނިންމަވާފައެވެ. އަދި ދައުލަތުން ހުށައަޅާފައިވާ ބައެއް ސީޑީތަކާއި ސިޓީތައްވެސް ދިފާއަށް ހިއްސާ ކުރުމަށް ގާޒީ ނިންމެވިއެވެ.

ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭގައި ތަރުޖަމާތަކެއްވެސް (އިސްލާމިކް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ) ހިމެނޭއިރު، އެ ސިއްރު ކޮށްދިނުމަށް ދައުލަތުން އެދިފައިވެއެވެ. ނަމަވެސް އެ ސިޓީ ތަރުޖަމާކުރި ފަރާތުގެ ނަން އުނި ކުރުމަށްފަހު އެ ސިޓީވެސް ދިފާއަށް ހާމަ ކުރުމަށް ގާޒީ ނިންމެވިއެވެ.

Advertisement

ދައުލަތުން ހުށައެޅި އިތުރު ހެކިތަކަށް ބަލާއިރު، އައިސިސް ޖަމާއަތުން ދިވެއްސަކު އަމީރެއްގެ ގޮތުގައި އައްޔަނު ކޮށްފައިވާކަން ބަޔާންކޮށްފައިވާ ލިޔެކިޔުމެއްވެސް ހިމެނެއެވެ. އެ ހެކީގެ ބައެއް މައުލޫމާތުތައް އުނިކުރުމަށްފަހުވެސް ދިފާއަށް ލިޔެކިޔުންތައް ހަވާލު ކުރުމަށް ދައުލަތުން ދެކޮޅު ހަދައެވެ. ނަމަވެސް އެ ހެކިވެސް ތަރުޖަމާ ކުރި ފަރާތުގެ ނަން އުނި ކުރުމަށްފަހު ހާމަ ކުރެއްވުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ހަމައެއާއެކު، މައްސަލައިގެ ތަހުގީގު ބަޔާންވެސް އެއްކޮށް ސިއްރު ކޮށްދިނުމަށް އެދިފައިވާއިރު، ހެކި ރައްކާތެރި ކުރުމަށް ދައުލަތުން އެދިފައިވާ ގޮތަކީ، ބަޔާންތައް ސިއްރުކޮށް، އެއީ ކޮން ހެކިންތަކެއްކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމެވެ. ނަމަވެސް ގާޒީ ވަނީ ދައުލަތުން ބުނެފައިވާ ގޮތަށް ސިއްރު ކުރަން ޖެހޭ ފަދަ އުކުޅެއް ފުލުހުން ބޭނުންކޮށްފައިވާކަން މި ތަހުގީގު ބަޔާނުން އެނގެން ނެތްކަމަށް ވިދާޅުވެ، އެ ހެކިވެސް ހާމަ ކުރެއްވުމަށް ނިންމަވާފައެވެ.

ބޭރުގެ އިންޓެލިޖެންސް ރިޕޯޓެއްވެސް ހެކީގެ ގޮތުގައި ހިމެނޭއިރު، ހެކި ޝަރުއީ މަރުޙަލާގައި ބޭނުން ކުރެވޭނެ ގޮތް ވަންދެން އެ ހެކިތައް ހާމަ ނުކުރުމަށް ދައުލަތުން އެދެއެވެ. އެއީ ބޭރުގެ އިންޓެލިޖެންސް އިދާރާއަކުން ތައްޔާރު ކޮށްފައިވާ ލިއުމެއް ކަމަށްވާތީ ޝަރީއަތަށް ހިއްސާ ކުރެވޭ މިންވަރަށް ހިއްސާ ކުރުމަށެވެ. ޕީޖީ އޮފީހުން މިހާރު ވަނީ ފުލުހުން މެދުވެރިކޮށް އެ ރިޕޯޓު ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އެއީ އަދި ކޯޓަށް ހުށައެޅިފައިވާ ހެއްކެއް ކަމަށް ނުވާތީ ގާޒީ އެ ހެއްކާމެދު ވަކި ގޮތެއް ނުނިންމަވައެވެ.

ދެން ހިމެނެނީ 14 އިންޓެލިޖެންސް ރިޕޯޓަކާއި، 8 އެނެލިޓިކަލް ރިޕޯޓުތަކެކެވެ. މި ރިޕޯޓުތައް ޝަރުތުތަކަކާއެކު ޝަރީއަތް މެދުވެރިކޮށް ބެލޭނެ ގޮތް ހެދުމަށް ދައުލަތުން އެދެއެވެ. އެކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ، އިންޓެލިޖެންސް ރިޕޯޓުތަކަކީ އޭގެ ޒާތުގައި މުޖުތަމައަށް ސިއްރުކޮށްފައި އޮންނަ އެއްޗެއް ކަމަށާއި، އެ ނަކަލު ކުރުމަށްފަހު ދޫކޮށްފިނަމަ މުޖުތަމައަށް ބޭރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަމަވެސް ގާޒީ ވަނީ މި ރިޕޯޓުތަކުގައި ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ މައުލޫމާތެއް ނެތްކަމަށް ވިދާޅުވެ، އެ ހެކިވެސް ހާމަ ކުރެއްވުމަށް ނިންމަވާފައެވެ. ގާޒީ ވަނީ އިންޓެލިޖެންސް ރިޕޯޓު ޝަރީއަތަށް އައިސް ބެލުމާއި، ވަކީލުންގެ އަތަށް ދޫކުރުމާ މެދު ވަކި ތަފާތު ނަތީޖާއެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޖުމުލަ ގޮތެއްގައި މި މައްސަލައިގައި ދައުލަތުން ހެކި ރައްކާތެރި ކުރުމަށް އެދި ހުށައަޅާފައިވާ ގިނަ ހުށައެޅުންތައް ނިމިގެން ގޮސްފައިވަނީ ދައުލަތުން އެދިފައިވާ ގޮތާއި ދެކޮޅަށެވެ.

ދެން މި މައްސަލައިގައި އޮންނާނީ ލިޔެކިޔުންތައް ހަމަ ކުރުމަށް ބާއްވާ އިޖުރާއީ އަޑުއެހުމެކެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް