ކ. މާލެ
|
22 މާރޗް 2022 | އަންގާރަ 06:23
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ހޯމް ސްޓޭ ޓޫރިޒަމް
މިއަހަރު ނިމުމުގެ ކުރިން 100 ރަށަކަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފްކުރަނީ
ރާއްޖެއަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ 1 ގައި
މުޅި ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރުމަކީ ސަރުކާރުގެ އަމާޒެއް
2023 ގެ ކުރިން ހުރިހާ ރަށަކަށް ފަތުރުވެރިކަން ފުޅާވެގެން ދާނެ

މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 100 ރަށަކަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯމް ސްޓޭ ޓޫރިޒަމް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުއެވެ. ހޯމް ސްޓޭ ޓޫރިޒަމް ރާއްޖޭގައި ފަށާފައިވަނީ މ. ދިއްގަރުންނެވެ. އެއަށްފަހު އަދި ރާއްޖޭގައި އިތުރު ހޯމްސްޓޭއެއް ގާއިމްކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ސިޔާސަތުން 2023 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ފަތުރުވެރިކަން ފުޅާވެގެން ދާނެ ކަމަށެވެ.

އަދި މިއަހަރުގެ ނިޔަލަށް މަދުވެގެން 100 ރަށަށް ހޯމް ސްޓޭ މޮޑެލް ތައާރަފުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމަކީ އޭގެ ތެރެއިން ކަލްޗަރަލް ޓޫރިޒަމާއި، އިކޯ ޓޫރިޒަމާއި އެޑްވެންޗަރ ސްޕޯޓްސް ޓޫރިޒަމް ފަދަކަންކަންވެސް ކުރިއަރައި ދިޔުމަށް މަގުފަހިވެގެންދާ ކަމެއް ކަމަށެވެ.

މީގެއިތުރުން ޓުއަރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ބަރޯސާނުވެ ހުރިހާ ސަރަހައްދެއްގައިވެސް ފަތުރުވެރިކަން ފުޅާކުރުން ކަމަށެވެ. މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އެއްވެސް ދަތިކަމެއް ނެތި ދަތުރުކުރެވޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ތަފާތުނުކޮށް، ހުރިހާ ސަރަހައްދެއްގައިވެސް ބާރު ސްޕީޑުގައި ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް