އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލްގައި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި އޮތް މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް ވާދަކުރަން ޖެހިއްޖެއެވެ. ޕޮއިންޓެއްގެ ފަރަޤަކާއެކު އެއްވަނަ އަދި ދެވަނާގައި ދެޓީމްވެސް ވަނީ ކްއާޓަރ ފައިނަލް މެޗު ކާމިޔާބުކޮށްފައެވެ.
ލިވަޕޫލް ކްއާޓަރ ފައިނަލް މެޗު ކާމިޔާބުކުރީ ޗެމްޕިއަންޝިޕްގެ ނޮޓިންގހަމް ފޮރެސްޓާ ވާދަކޮށް 1-0 ނެވެ. ލިވަޕޫލް މެޗުން މޮޅުކޮށްދިން ލަނޑު 78 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޖޮޓާއެވެ. މެޗަށްފަހު ނޮޓިންގހަމް ފޮރެސްޓްގެ ކޯޗު ކޫޕަރ ބުނީ މެޗުން މޮޅުވާން ފުރުޞަތު ލިބުނު ކަމަށާއި, ބޭނުން ނުކުރެވުނީ ކަމަށެވެ. އަދި ލިވަޕޫލަށް ލިބުނު ހަމައެކަނި ފުރުޞަތުގެ ބޭނުން އެމީހުން ކުރީކަމަށެވެ.
މެންޗެސްޓަރ ސިޓީ ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓަރ ފައިނަލްގައި 4-1 ން ސައުތްހެމްޓަން ބަލިކޮށްގެންނެވެ. މެޗުގައި ސިޓީއަށް ކުރި ހޯދައިދިނީ ސްޓާލިންގއެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލަޕޯޓް އަތުން ބައިކޮޅަށް ލަނޑެއް ވަދެ, ނަތީޖާ ހަމަހަމަވިއެވެ. ސިޓީއަށް ދެވަނަ ހާފްގައި ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ޕެނަލްޓީއަކުން ކެވިން ޑި ބުރައިނާއެވެ. ތިންވަނަ ލަނޑު ޖެހީ ފޮޑެންއެވެ. ފަހު ލަނޑު ޖެހީ ރިޔާދު މާރޭޒްއެވެ.
ސެމީފައިނަލްގައި ޗެލްސީ ވާދަކުރަން ޖެހޭނީ ރޭ 4-0 ން އެވަޓަން ބަލިކުރި ކްރިސްޓަލް ޕެލަސްއާއެވެ. ސެމީފައިނަލް މެޗުތައް ކުޅޭނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 16 އަދި 17 ގައެވެ.