އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސްކޮމް)ގެ މުވައްޒަފުން, 24 ގަޑިއިރު އެއްވެސް ވަރުބަލިކަމެއްނެތި ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އެވްސްކޮމްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިިނިސްޓަރ މާރިޔާ ވިދާޅުވީ، ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވާ, އަދި އެތެރޭގެ އުދުހުންތައް އިތުރުވެފައިވާ މިރާއްޖޭގެ 18 އެއަރޕޯޓުން ފުރާ, އަދި ޖައްސާ ކޮންމެ ފްލައިޓަކާއި، އެ ފްލައިޓަކަށް އަރާ ކޮންމެ ފަސިންޖަރަކާއި، އެ ފްލައިޓަކުން އުފުލާ ކޮންމެ ފޮއްޓަކާއި ކާގޯއަކީ ސަލާމަތީގޮތުން އެއްވެސް ނުރައްކަލެއް ނެތް އެއްޗެއްކަން ބަލައި ކަށަވަރުކުރަނީ އެވްސްކޮމުންކަމަށެވެ. މިގޮތުން، ފަސިންޖަރުންގެ ހަށިގަނޑު ބަލައިފާސްކުރުމާއި ފޮށިތަންމަތި ބަލައިފާސްކުރުމާއި މިނޫނަސް ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތުތަކެއް އެވްސްކޮމްގެ ސެކިއުރިޓީ އޮފިސަރުން ފުރިހަމަކުރާއިރު، އާންމު ރައްޔިތުންނަށް ބައެއް ފަހަރު އުނދަގޫ ވިޔަސް، މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކުރާ ކަންކަމަށްވާތީ، މިކަމުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުން ދިނުން މުހިއްމުކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.
މިއަދު ދުނިޔޭގެ ސަލާމަތީ ވެއްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ އަސަރު ރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ފޯރަމުންދާކަން ފާހަގަކުރައްވައި، މިނިސްޓަރ މާރިޔާ ވަނީ، އަވަށްޓެރި ލަންކާއަށް ދިން އީސްޓަރ ސަންޑޭ ހަމަލާއާއި، އދ. މަހިބަދޫ ފަޅުގައި އަޅާފައިހުރި ލޯންޗުތަކެއްގައި ރޯކޮށްލުމާއި، މެއި 6ގެ ޓެރަރިސްޓް ހަމަލާފަދަ ޖަރީމާތަކުން، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ހާމަވާކަމަށާއި، މިގޮންޖެހުންތަކާ ކުރިމަތިލުމުގައި އެވްސްކޮމްގެ ދައުރު ވަރަށް މުހިއްމުކަމަށް ވިދާޅުވެފައެވެ.
އެވްސްކޮމްގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި، ކޯވިޑް-19ގެ ދަތިއުނދަގޫ ހާލަތުގައިވެސް، (2013ގައި އެވްސްކޮމް އުފެދުނީއްސުރެ، މިހާތަނަށް އައިއިރު، މުވައްޒަފުންނަށް ނުލިބި އޮތް) މަގާމުގެ ކުރިއެރުން ލިބޭނެ މަގުފަހިކޮށްދެއްވިކަމަށްޓަކައި، އެވްސްކޮމްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން، މިނިސްޓަރ މާރިޔާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާފައެވެ.
މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާވަނީ، އެވްސްކޮމްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސުޕްރިންޓެންޑެންޓް އޮފް އޭވިއޭޝަން ސެކިއުރިޓީގެ މަގާމަށް އަންހެން ބޭފުޅުން އައްޔަންކުރެވިގެންދާކަން ފަޚުރާއެކީ ފާހަގަކުރައްވައި, އެ 2 ބޭފުޅުންނަށް މަރުހަބާވިދާޅުވެފައެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާގެ އިތުރުން، އޭވިއޭޝަން ސެކިއުރިޓީގެ އިސްވެރިންނާއި މުވައްޒަފުންވަނީ ބައިވެރިވެވަޑައިގެންފައެވެ.