ރާއްޖޭގެ ކުޅުންތެރިންނަށް ކުޅިވަރުގައި ކުރިއަށްދިޔުމަށް ހިތްވަރުދޭން ތައްޔާރަށް ހުރިކަމަށް ވީލްޗެއަރ ޓެނިސް ކުޅުންތެރިޔާ ގޯޑަން ރީޑް ބުނެފިއެވެ.
ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖެ އައުމަށްފަހު ދިން އިންޓަރވިއު އެއްގައި ރީޑްސް ބުނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ފާހަގަކުރެވޭ ފަންނާނުންނާއެކު މި ހަފްތާގެ ބުރާސްފަތު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެވޯޑު ދިނުމގެ ހަފްލާ ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމަށްޓަކައި ކުރަމުން އަންނަ މި މަސައްކަތް ރީޑް ފާހަގަކުރިއެވެ. މިކަމުގައި އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅިވަރުގައި ކުރިއަށްދިއުމަށް އެހީތެރިވެދޭން ތައްޔާރަށް ހުރިކަމަށް ރީޑް ބުންޏެވެ.
މި ހަފްލާގައި ދުނިޔޭގެ އެކި ކުޅިވަރުތަކުގައި ފާހަގަކުރެވޭ ޝަހުސިއްޔަތުން ބައިވެރިވުމަކީ އޭނާއަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ރީޑް ފާހަގަކުރިއެވެ. އަދި މި ހުރިހާ ލެޖެންޑުން އެއްކޮށް އެފަރާތްތަކުގެ ތަޖުރިބާތައް ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ހިއްސާކުރުމުގެ ފައިދާއަށްވެސް ރީޑް އަލިއަޅުވާލިއެވެ.
ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަފްލާގައި ބައިވެރިވުމަށް ދައުވަތު ލިބުމުން ވަރަށް އުފާވި ކަމަށް ރީޑް ބުންޏެވެ. ރީޑް ބުނީ އޭނާގެ އާއިލާގެ ބައެއް މެމްބަރުން މީގެ ކުރިން ރާއްޖެ އައިސްފައިވާ ކަމަށާއި، އެމީހުންގެ ތަޖުރިބާތައް ހިއްސާކޮށްފައިވުމުން ރާއްޖެ އައުމަކީ އޭނާ ދެކެމުންއައި ހުވަފެނެއް ކަމަށެވެ.