ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި އެހީތެރިކަން ދޭނެކަމަށް ބްރެޒިލްގެ ވޮލީ ލެޖެންޑު ގިލްބާޓޯ ގޮޑޯއީ (ގީބާ) ބުނެފިއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖެއައުމަށްފަހު ދިން އިންޓަރވިއުއެއްގައި ގީބާ ބުނީ އޭނާގެ މި ދަތުރުގައި ރާއްޖޭގެ ޒުވާން އެތުލީޓުންނާއެކު ވަގުތު ހޭދަކޮށް އެ އެތުލީޓުންނަށް އިތުރު ކަންތައްތަކެއް ދަސްކޮށްދޭނެ ކަމަށެވެ. އަދި ގިނަ ފަރާތްތަކަކުން ރާއްޖެ އަންނަނީ ޗުއްޓީ ހޭދަކޮށްލުމަށް ނަމަވެސް އޭނާ ރާއްޖެއައީ ރާއްޖޭގެ ވޮލީބޯޅައާއި ރާއްޖޭގެ ކުޅިވަރުތައް އިތުރަށް ކުރިއަރުވަން ކަމަށް ބުންޏެވެ.
ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ އެތުލީޓްސް ކޮމިޝަންގެ ސެކްރެޓަރީކަމުގެ މަގާމު ފުރަމުން އަންނަ ގީބާ ރަސްމީކޮށް ވޮލީކުޅުން ހުއްޓާލީ 2012 ވަނަ އަހަރުއެވެ. ނަމަވެސް ގީބާ ބުނީ ރާއްޖޭގެ އެތުލީޓުންނާއެކު އޭނާ ވޮލީކުޅެން ބޭނުންވާ ކަމަށެވެ. އަދި އެފަރާތްތަކާއި ޗެލެންޖުކޮށް، ހުނަރުތައް ކުރިއަރުވަން މަސައްކަތް ކުރާނެކަމަށެވެ.
ގީބާ ބުނީ ރާއްޖެ އައުމަކީ އޭނާ ވަރަށް ކުރިންވެސް ދެކެމުންއައި ހުވަފެނެއް ކަމަށާއި، އެހުވަފެން ހަގީގަތަކަށްވެ މިއަދު ރާއްޖެ އާދެވުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި ގިނަ ކުޅިވަރުތަކެއް ހިމެނޭހެން އެވޯޑު ދިނުމުގެ ހަފްލާއެއް ބޭއްވުމުގެ މުހިންމުކަން ފާހަގަކޮށް، ގީބާ ބުނީ ތައުލީމާއި އެއްވަރަށް ކުޅިވަރަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ވަކި ކުޅިވަރެއް ކުރިއެރުވުމުގެ ބަދަލުގައި ހުރިހާ ކުޅިވަރެއް އެކުއެކީގައި ކުރިއެރުވުމުގެ މުހިންމުކަމަށް ގީބާ އަލިއަޅުވާލިއެވެ. އަދި ރާއްޖެއިން މި ކުރަމުން އަންނަނީ އެމަސައްކަތްކަން ފާހަގަކޮށް އެކަމަށްތަކާ ގީބާ ޝުކުރުއަދާކުރިއެވެ.