ކ. މާލެ
|
15 މާރޗް 2022 | އަންގާރަ 16:15
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް
އަމްނާ އިމާދު
ހިޔާ ފްލެޓްގެ ކުލި ނެގުން
ހިޔާ ފްލެޓްތަކުގެ ކުލި ނުނަގާ ގޮތަށް ދިން މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ
 
ފިނިޝިންގެ މަސައްކަތް ކުރުމަށް ދީފައިވާ މުއްދަތުގައި މަސައްކަތް ނިންމުން ވަރަށް މުހިންމު
 
ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާ، މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ
 
އެޗްޑީސީ އިން މިހާރު ވަނީ ޚާއްސަ ސަރވޭއެއް ފަށާފައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުލި ނުނަގާ ގޮތަށް ދިން މުއްދަތު މިމާރޗް މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށް، ކުލި ނުނަގާ އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރައްވާފައިވަނީ 26 ޑިސެންބަރު 2021 ގައި ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޙެވެ. އަދި އެމަނިކުފާނު ވިދާޅުވީ 2022 ވަނަ އަހަރުގެ މާރޗު މަސް ނިމޭއިރު، ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމައި އެތަނުގައި ފްލެޓް ލިބުނު ފަރާތްތަކަށް ދިރިއުޅެން ފެށޭވަރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދަނީ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ ކިތައް އާއިލާތޯ ބެލުމަށް ޚާއްސަ ސަރވޭއެއް ފަށާފައެވެ. މިމަހުގެ 12ން 30އަށް ކުރިއަށް ގެންދާ މިސަރވޭގައި އެތަނުގައި އުޅޭ މީހުންނަށް އެންމެ ދަތިވާ ކަންކަން ވެސް އޮޅުން ފިލުވާނެއެވެ.

އެޗްޑީސީން ބުނީ އެ ކުންފުނިން ދެމުން ގެންދާ "ޖީޕޮން ނެޓްވޯރކް" ޚިދުމަތާ ގުޅޭގޮތުން މި ސަރވޭގައި ޚިޔާލު ހޯދާނެ ކަމަށާއި، ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރާއި، ޓަވަރުތަކުގެ އާންމު ތަންތަން ފޮޅާ ސާފުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ޚިދުމަތާ ގުޅޭގޮތުން ޚިޔާލު ހޯދާނެކަމަށެވެ. އަދި ހިޔާ ޓަވަރުތަކުގައި, އާންމު ތަންތަނާއި، ޚިދުމަތްތަކާއި އަދި އިމާރާތް މެނޭޖްކުރުމުގެ އެންމެހާ ކަންކަން ހިޔާ ފްލެޓްތަކުގެ ވެރިން އިންތިޚާބުކުރާ ވަކި ބޯޑެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އެކުލަވާލަންޖެހޭ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާ ގުޅޭގޮތުން ޚިޔާލު ހޯދާނެކަމަށެވެ.

މީގެ އިތުރުން ސަރވޭގައި ވަކިވަކި ފްލެޓްތަކަށް ޒިޔާރަތްކުރުމުގައި އެއްވެސް ފަރާތަކާ ބައްދަލުނުވެއްޖެ ހާލަތެއްގައި ފްލެޓުގެ ވެރިފަރާތަށް އެޕޮއިންޓްމަންޓެއް ހޯދުމަށް އެސްއެމްއެސް ފޮނުވާނެކަމަށެވެ. އަދި މި ސަރވޭގައި ހަރަކާތްތެރިވާ އެޗްޑީސީގެ ހުރިހާ މުވައްޒަފުން ތިބޭނީ އެޗްޑީސީގެ މުވައްޒަފެއްކަން އެނގޭގޮތަށް ފާސް އަޅައިގެން ކަމަށެވެ. އަދި ސަރވޭގައި އެއްވެސް ފަރާތެއްގެ އާމްދަނީ، ބޭންކް އެކައުންޓް ނަންބަރު ނުވަތަ ކާޑުގެ ތަފްސީލެއް ނުހޯދާނެ ކަމަށް އެޗް.ޑީ.ސީ އިން ބުނެފައި ވެއެވެ..

ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތްތަކާއި ގުޅޭގޮތުން މީގެ ކުރިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ މަސައްކަތް ކުރުމަށް ގާތްގަނޑަކަށް 7 މަސް ދެވިފައިވާ ކަމަށާއި، އެއީ އެކަށީގެންވާ މުއްދަތެއް ކަމަށެވެ. އަދި ވިދާޅުވީ ފިނިޝިންގެ މަސައްކަތްތަކަށް އިތުރު މުއްދަތެއް ސަރުކާރުން ދީފައިވަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު ކަމަށާއި، މިކަމުގެ ސަބަބުން ލޯނު ޑީފޯލްޓްނުވާނެ ކަމަށެވެ. މީގެ އިތުރުން ސުހައިލް ވިދާޅުވީ ފިނިޝިންގެ މަސައްކަތް ކުރުމަށް ދީފައިވާ މުއްދަތުގައި މަސައްކަތް ނިންމުން ވަރަށް މުހިންމު ކަމަށާއި، މިހާރު ބައެއް އާއިލާތައް ދިރިއުޅެމުންދާއިރު އަޑުގަދަ މަސައްކަތްތަކުގެ ސަބަބުން މިހާރުވެސް އެ އާއިލާތަކަށް ވަރަށް ގިނަ ދަތިތަކާއި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތް ހަވާލު ކުރެވުނު ކޮންޓްރެކްޓަރާ އެކު އެތަނުގެ ފިނިޝިންގ މަސައްކަތް ކުރުމަށް އެއްބަސްވެވިފައެއް ނުވެއެވެ. އެހެންކަމުން، މި ތަންތަން އާންމުންނާ ހަވާލު ކުރެވިފައިވަނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. ވުމާއިއެކު ފްލެޓްތަކުގައި މުށިޖެހުމާއި، ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި، ފަންކާއާއި ބޮކި ވެސް ހަރުކުރަންޖެހޭނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދިނީ ފިނިޝިންގ މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާކަމަށް ވަނީ ނިންމާފައެވެ. އަދި ފްލެޓްގެ މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހެނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް