ކ. މާލެ
|
15 މާރޗް 2022 | އަންގާރަ 12:03
ސިވިލް ކޯޓަށް އަލަށް އައްޔަނު ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު
ސިވިލް ކޯޓަށް އަލަށް އައްޔަނު ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު
ރާއްޖެއެމްވީ
ސިވިލް ކޯޓުގެ ފަނޑިޔާރުން
ސިވިލް ކޯޓަށް އަލަށް އައްޔަނު ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރައްވައިފި
މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާއި އިންޓަރވިއު ކޮށްފައިވޭ
ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ޙިލްމީ
މި ދެ ފަނޑިޔާރުން އައްޔަނުކުރީ 2022 ފެބްރުއަރީ 16 ވަނަ ދުވަހު ބޭއްވުނު ޖަލްސާއިން

ސިވިލް ކޯޓަށް އަލަށް އައްޔަނު ކުރެއްވި ދެ ފަނޑިޔާރުން ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ.

އަލަށް އައްޔަނު ކުރައްވާފައިވާ ފަނޑިޔާރުން ހުވާ ކުރައްވާފައިވަނީ އަންގާރަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ޙިލްމީއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ، ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާއި ގުޅިގެން އެމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާއި އިންޓަރވިއު ކޮށްފައެވެ.

އަދި އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވުމުން، ސ.ފޭދޫ، ފިތިރޯނުގެ، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ އަދި ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު ސިވިލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރުމަށް 2022 ފެބްރުއަރީ 16 ވަނަ ދުވަހު ބޭއްވުނު ޖަލްސާއިން ނިންމީއެވެ.

ޖޭއެސްސީން މައުލޫމާތުދޭ ގޮތުގައި އަލްއުސްތާޛާ ޒުލައިޚާ ޝީޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީ އިން ބެޗްލާސް އޮފް ލޯސް (އޮނަރސް) ޙާޞިލްކުރައްވައި، ބަރކްބެކް ކޮލެޖް، ޔުނިވަރސިޓީ އޮފް ލަންޑަންއިން މާސްޓަރ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ޙާޞިލްކުރައްވާފައެވެ.

މީގެ އިތުރުން، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއަރ ސްޓޭޓް އެޓާރނީ އަދި ސްޓޭޓް އެޓާރނީ މަޤާމުގައި 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. 

އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ވިލާ ކޮލެޖްއިން ބެޗެލާރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިންގް ޕާރޓްނާރގެ ގޮތުގައިވެސް 1 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.

- ކޮމެންޓް