ކ. މާލެ
|
15 މާރޗް 2022 | އަންގާރަ 10:51
ހަސަން ނަޒީމް ބޯޅައާއެކު ކުރިއަށްދަނީ
ހަސަން ނަޒީމް ބޯޅައާއެކު ކުރިއަށްދަނީ
އެފްއޭއެމް
ޕްރޮފައިލް
ޗޯޓް ޤައުމީ ޓީމްގެ އެގާރައިން ޖާގަ ޔަޤީންކުރުމުގެ އުއްމީދުގައި
ޗޯޓްގެ ކަންބޮޑުވުމަކީ މުސާރައިގެ މައްސަލަ

"އެންމެބޮޑު ޑްރީމަކީ ޤައުމީ ޓީމަށް ކުޅުން, ޤައުމީ ޓީމްގެ އެގާރައިގައި ހިމެނުން, ޤައުމަށް ރީތި ނަން ހޯދައިދިނުމަކީ އެންމެ ކުޑައިރުން ފެށިގެން ދެކެމުން އަންނަ ހުވަފެނެއް." މިއީ މިހާރު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް ކުޅުންތެރިޔާ ހަސަން ނަޒީމް (ޗޯޓް) ގެ ވާހަކައެވެ. އޭނާގެ އުއްމީދެވެ.

އޭނާގެ އުއްމީދު ހާޞިލްވުމުގެ ފުރަތަމަ މަރުހަލާތައް އެދަނީ ކަޑައްތު ކުރަމުންނެވެ. އޭނާގެ ކްލަބްގައި އެއީ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އޭނާ ނެތިއްޖެނަމަ ހައްލު ހޯދަން ކޯޗަށް އުނދަގޫވެއެވެ. މިދިޔަ ތިން އަހަރު ކްލަބް ގްރީން ސްޓްރީޓްސް އެވްރެޖް ސްކޮޑަކާއެކު ގަދަ ހަތަރެއްގެ ތެރޭގައި ދެމިއޮތުމުގައި ޗޯޓްގެ ޙިއްޞާވެސް ބޮޑެވެ.

ހޯދަމުންދާ އަވަސް ކުރިއެރުންތަކާއި, ޑިސިޕްލިންގެ ނަތީޖާއަކީ ސީނިއަރ ޤައުމީ ސްކޮޑުން ޖާގަ ހޯދުމެވެ. ކުރިމަތީގައި ދެން އޮތީ އެންމެ ފަހު އަދި އެންމެ މުހިއްމު މަރުހަލާއެވެ. ޤައުމީ ޖަރޒީގައި ފުރަތަމަ އެގާރައިން ޖާގަ ޔަޤީންކުރުމެވެ. އޭނާފަދަ ހުނަރުވެރި އެހެން ކުޅުންތެރިންނާ ވާދަކޮށް ޖާގަ ހޯދުމެވެ. ޓީމްގެ އެގާރައިން ޖާގަ ހޯދައިގެން ތިބި ތަޖުރިބާ ބޮޑު ކުޅުންތެރިން ބެންޗަށްލުމަށްފަހު އެޖާގަ ކަށަވަރުކުރުމަކީ ޗޯޓްގެ އުއްމީދެވެ. ޤައުމީ ޖަރޒީގައި އޭނާވެސް ކުޅެ ކާމިޔބު ހޯދުމަކީ ކުޑައިރުން ފެށިގެންވެސް ކުރަމުން އަންނަ އުއްމީދެވެ.

އޭނާގެ ކްލަބް އޮތް ދަތި އުނދަގޫ ހާލަތުގައިވެސް ހިތްވަރާއެކު މަސައްކަތްކުރަން ޗޯޓްއަށް ލިބޭ ހިތްވަރަކީ އޭނާގެ ހިތުގައި އޮތް ހުވަފެނެވެ. އެހުވަފެން ހަޤީޤަތަކަށް ހެދުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން ހުރީ ތައްޔާރަށެވެ. އެކަމަކު މުސާރައިގެ މައްސަލަތަކަކީ އެކަމަށްވެސް އަދި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށްވެސް އޮތް ބޮޑު ހުރަހެއްކަން ތަކުރާރުކޮށް ފާހަގަކުރިއެވެ. ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްދާނީ ކްލަބްތަކުން ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދެވިގެންކަން ފާހަގަކުރަނީ ވަށައިގެންވި މާހައުލުން ފެންނަ ކަންކަމަށް ބެލުމަށް ފަހުއެވެ.

ރާއްޖޭގެ ފުޓްބޯޅަ ރަނގަޅުވާނީ ކްލަބްތަކުން މުސާރަދީގެން. ބައިވަރު ކުޅުންތެރިން އެބަހުއްޓާލާ ބޯޅަ ކުޅުން މުސާރަ ނުދެވިގެން. ޓީނޭޖް ކެޓީމަ ދެން މުސާރަ ނުލިބެންޔާ ކުޅެން ނުތިބެވޭނެ.
ހަސަން ނަޒީމް (ޗޯޓް)

ޗޯޓްގެ ފުޓްބޯޅަ ކެރިއަރުގެ ފެށުމަށް ބަލާއިރު, ފެށުން ގުޅިފައިވަނީ އެފްއޭއެމްއިން ކުރިން ބާއްވަމުން އައި މައިލޯ ފެސްޓިވަލް ނުވަތަ މުބާރާތްތަކެވެ. އޭގެފަހުން އޭނާ ހުސްވީ ފުޓްސެލްއަށެވެ. ސްރީލަންކާގައި ކިޔަވަން ހޭދަކުރި ހަތަރު އަހަރަކީ ބޮޑު ފުޓްބޯޅައާއި ދުރުގައި ފުޓްސެލްއަށް ޚާއްޞަވެގެން އުޅުނު ހަތަރު އަހަރެވެ. އެކަމަކު 2018 ވަނަ އަހަރު އެނބުރި އައިސް ފޯކައިދޫ ޓީމުން ލިބުނު ފުރުޞަތާއެކު ފުޓްބޯޅައަށް އެނބުރިއައީއެވެ. ކޯޗު އަލީ ނިޝްތާރު ދިން ފުރުޞަތުގައި ފުރަތަމަ ޑިވިޝަންގައި ޗޯޓްގެ ފުރަތަމަ ތަޖުރިބާއަކީ ފޯކައިދޫއާއެކު ލީގުގައި ކުރި ތަޖުރިބާއެވެ. ފޯކައިދޫ ރެލިގޭޓް ވުމުން ލޯނު އެއްބަސްވުމެއްގެ ދަށުން ކުރު މުއްދަތަކަށް ކްލަބް އީގަލްސްއަށްވެސް ކުޅުނެވެ.

އޭނާގެ މިހާރުގެ ކްލަބް ގްރީން ސްޓްރީޓްސްއާއެކުވެސް ތިން ސީޒަން ހޭދަކޮށްފިއެވެ. ގްރީން މިދިޔަ ތިން އަހަރުވެސް ގަދަ ހަތަރެއްގައި އޮތުމަކީވެސް ޗޯޓް ހިމެނޭ ގޮތަށް ކާމިޔާބީއެކެވެ. އެއީ އެވްރެޖް ސްކޮޑަކާއެކު އެޓީމް އެމަޤާމްގައި ދެމިއޮތީއެވެ. ކުޅުންތެރިއެއްގެ ކެރިއަރުގައި އޭނާގެ ކަރުގައި އަޅުވާލި މެޑެއްޔަކީ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ލޯމެޑެއްޔެވެ.

މިސީޒަންގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްކަޕަކީ ޗޯޓްއަށްވެސް އަދި ގްރީންއަށްވެސް ކާމިޔާބު މުބާރާތަކެވެ. ފައިނަލްގެ ފުރުޞަތު ގެއްލުނީ ފަހުވަގުތު ހަނިގޮތަކަށެވެ. މިސީޒަންގައި ފުރަތަމަ މާޒިޔާ ބަލިކުރި ޓީމަކީވެސް ގްރީންއެވެ. އެހުރިހާ ކާމިޔާބީއެއްގައި ހަސަން ނަޒީމް މުހިއްމު ދައުރެއް އަދާކުރިއެވެ. ޤައުމީ ސްކޮޑްގައި އޭނާ ހިމެނުމަކީ އޭގެ ހެއްކެކެވެ. މިސީޒަންގައި އޭނާއަސް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ އޭނާގެ މިހާރުގެ ކެޕްޓަނެވެ, ކެރިއަރުގައި ދިމާވި ކުޅުންތެރިންގެ ތެރެއިން އެކުގައި ކުޅެން އެންމެ ފަސޭހަ ކުޅުންތެރިއަކީ ގްރީންގެ ކެޕްޓަން ރިލްވާން ވަހީދެވެ. އެކަމަކު މާޒިޔާގެ ޑިފެންޑަރ ސަމޫހު (ސަމޫހު) ކައިރިން ސަލާމަތްވާނެ ގޮތެއް ހޯދަންވެސް ޗޯޓް ވިސްނައެވެ. އެކަމަށް ކޮންމެވެސް ގޮތެއް ހޯދަން ޖެހެއެވެ.

- ކޮމެންޓް