ރާއްޖެ އައުމަކީ އަބަދުވެސް އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށް ދުނިޔޭގެ އެންމެ މޮޅު ޕޫލް އަދި ބިލިއާޑް ކުޅުންތެރިޔާ އަލްބިން އޮސްޗަން ބުނެފިއެވެ.
ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކުޅިވަރު އެވޯޑުގައި ބައިވެރުމަށް ރާއްޖެ އައުމަށްފަހު ދިން އިންޓަރވިއުއެއްގައި އަލްބިން ބުނީ ޗުއްޓީ ހޭދަކޮށްލަން ނަމަވެސް ރާއްޖެ އައުމަކީ އޭނާ ދެކެމުންއައި ހުވަފެނެއް ކަމަށެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖެއަށް އާދެވުމަކީ ވަކިން ފަޚުރުވެރިވާ ކަމެއްގެ ގޮތުގައި އަލްބިން ފާހަގަކުރިއެވެ. މިއީ އަލްބިން ރާއްޖެއައި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ރާއްޖޭގެ ޕޫލް އަދި ބިލިއާޑް ހަރަކާތްތައް ބަލާލުމާއި އެތުލީޓުންނާއެކު ވަގުތު ހޭދަކޮށްލުމަށް އުންމީދުކުރާކަމަށް އަލްބިން ބުންޏެވެ. އަލްބިން ބުނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކުޅިވަރު ޝަހުސިއްޔަތުންނާއެކު މި ހަފްލާގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
ރާއްޖޭގެ ޒުވާން އެތުލީޓުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ޒުވާން ކުޅުންތެރިންނެކޭ އެއްފަދައިން އޭނާވެސް ވަރަށް ބޭނުންވާ ކަމެއްގެ ގޮތުގައި އަލްބިން ފާހަގަކުރިއެވެ. ރާއްޖޭގެ ކުޅުންތެރިންނާއެކު ހޭދަކުރާ ވަގުތުތަކަކީ ބޭނުންތެރި ވަގުތުތަކަކަށް ވާނެކަމަށް އޭނާ އުންމީދުކުރެއެވެ.