ކ. މާލެ
|
14 މާރޗް 2022 | ހޯމަ 13:19
އެއްމާބަނޑު ދެ ސިންގާ ކަމަށްވާ ސާރ އާއި ޖަމީލް
އެއްމާބަނޑު ދެ ސިންގާ ކަމަށްވާ ސާރ އާއި ޖަމީލް
ރޮއިޓާސް
ރަޝިއާ-ޔޫކްރޭން ހަނގުރާމަ
ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ތުރާ ދެ ސިންގާއަކަށް
5 ދުވަސް ތެރޭގައި ޕޮލެންޑުގެ ޕޮޒްނަން ޒުލަށް ސިންގާތައް ވަނީ ގެންގޮސްފައި
ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސިންގާތައް ކީވުން ނެރިފައިވޭ
އެ ދެ ސިންގާވެސް އިތުރު ނުރައްކާތަކެއްގެ ތެރެއަށް ހުށައެޅިފައިވޭ

ރަޝިއާއިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން، ޔޫކްރެއިންގެ އޮތޯރިޓީއަކުން ބަލަހައްޓަމުން ގެންދާ ދެ ސިންގާ އެ ޤައުމުން ބޭރުކޮށް، ރައްކާތެރި ހިސާބަކަށް ގެންދަން ޖެހިއްޖެއެވެ.

ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެއްމާބަނޑު ދެ ސިންގާ ކަމަށްވާ ސާރ އާއި ޖަމީލްއަކީ އޭގެ ވެރިފަރާތުން އެތައް ދުވަހެއް ވަންދެން އަނިޔާ ކުރުމުގެ ސަބަބުން ޔޫކްރޭންގެ ކަމާބެހޭ އިދާރާތަކަށް ނަގައި، އެ އިދާރާތަކުން ބެލެހެއްޓުމަށް ހަވާލުވެފައިވާ ދެ ސިންގާއެވެ. އެގޮތުން އަންނަ މެއި މަހު އެ ދެ ސިންގާ ބެލްޖިއަމްއަށް ގެންދިޔުމަށް ކުރިން އޮތީ ރާވާފައެވެ.

އެހެންނަމަވެސް، ރަޝިއާ އިން ޔޫކްރެއިންގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން މިވަނީ އެކަން އަވަސްކުރަން ޖެހިފައެވެ. އެގޮތުން ކީވްއަށް އަމާޒުކޮށް މިހާރު ދެމުން ގެންދާ ޙަމަލާތަކުގެ ސަބަބުން އެ ދެ ސިންގާވެސް އިތުރު ނުރައްކާތަކެއްގެ ތެރެއަށް ހުށައެޅިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ވަކިން ޙާއްސަކޮށް ޙަމަލާތަކުގެ އަޑާއެކު އެ ސޮރުމެން ބިރުގަތުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރުތައް އެސޮރުމެންގެ ސިއްޙަތަށް ކުރަމުންދާކަމަށް ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވެއެވެ.

ބެލްޖިއަމްގެ ޝެލްޓަރެއްގައި 2007 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ފްރެޑްރިކް ތޫލަން ބުނާ ގޮތުގައި ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސިންގާތައް ކީވުން ނެރެ، 5 ދުވަސް ތެރޭގައި ޕޮލެންޑުގެ ޕޮޒްނަން ޒުލަށް ވަނީ ގެންގޮސްފައެވެ. އަދި މި ދަތުރުގައި ރަޝިއާ އަސްކަރިއްޔާއާވެސް ދިމާވިކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާ ބުނާ ގޮތުން ރަޝިއާ ސިފައިން ވަނީ އެމީހުންނަށް ބިރު ދެއްކުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް، އެ ޖަނަވާރުތަކަށް ޙަމަލާއެއް ދިނުމުގެ ކުރިން ޖަނަވާރުތައް ގޮވައިގެން ދިޔަ ޓީމާއި ކުރިމަތިލާން ޖެހޭނެކަމަށް ބުނެ އެ މީހުންވަނީ ސިފައިންގެ ކުރިމަތީގައި ގަދަބަސް ބުނެފައެވެ. އެންމެ ފަހުން ރަޝިއާ ސިފައިންވެސް މާ ބޮޑު ކަމަކަށް ނުހަދައި އެމީހުން ދޫކޮށްލީއެވެ.

ސިންގާތައް ގޮވައިގެން ދިޔަ މީހުންނަށް ރަޝިއާ ސިފައިން ބަޑި އަމާޒުކުރި، ނަމަވެސް އެމީހުން ބުނީ މިއީ އެމީހުންގެ ޖަނަވާރުތަކެކޭ، އޭގައި އަތް ލައިފިނަމަ، ފުރަތަމަ އަތްލަން ޖެހޭނީ އެމީހުން ގައިގައޭ
ފްރެޑްރިކް ތޫލަން
އެއްމާބަނޑު ދެ ސިންގާ ކަމަށްވާ ސާރ އާއި ޖަމީލް - ރޮއިޓާސް

އޭނާ ބުނާ ގޮތުގައި އެ ރާސްތާއަކީވެސް ސިންގާތަކަށް ކަޑައްތުކުރަން ޖެހުނު ދަތި އަދި އުނދަގޫ ރާސްތާއެކެވެ.

އަންގާރަ ދުވަހު ސިންގާތައް "ނަޓުރޫޕެންކްޓްރަމް ޝެލްޓަރ" އަށް ވަނީ ގެންގޮސްފައެވެ. އެތަނުގައި 3 މަސް ވަންދެން ސިންގާތައް ކަރަންޓީން ކުރުމަށްފަހު، ސިންގާތަކަށް އެކަށީގެންވާ މާހައުލެއް އެފްރިކާ ފަދަ ޤައުމަކުން ހޯދައިދިނުމަށް މިހާރު ވަނީ ނިންމާފައެވެ.

އެންމެ ފުރަތަމަ ސިންގާތައް ސަލާމަތްކުރީ އެ ސޮރުމެން ނުހަނު ކުޑައިރުކަމަށް ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވެއެވެ. އެސިންގާތަކާއި ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ހަވާލުވި އިރުވެސް ސިންގާތަކުގެ ކަށިތަކުގައި ފްރެކްޗަރުވެފައި ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް