ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަަކުގެ އަގުވަޒަންކުރުމަށް ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ވަނަތައް ހޮވުމުގައި ކުރެވުނު މަސައްކަތާއިމެދު ހިތްހަމަޖެހޭކަމަށް ޖަޖުންގެ ޕެނަލްއިން ބުނެފިއެވެ.
ސްޕޯޓްސް އެވޯޑާއި ގުޅޭގޮތުން އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަޖުން ޕެނަލްގެ މުގައްރިރު އަލީ ސަލީމް ވިދާޅުވީ މި އެވޯޑު އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން 14 ދުވަހުގެ ތެރޭގައި 91 ގަޑިއިރު ޕެނަލްއިން މަސައްކަތް ކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ނޮމިނޭޓް ކުރެވިފައިވާ ނަންތަކާއި ގުޅޭގޮތުން އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތުތައްވެސް ކަމާގުޅޭ ފަރާތްތައް ހާޒިރުކޮށްގެން ބަލާފައިވާނެކަން ޖަޖުންގެ ޕެނަލްއިން ފާހަގަކުރިއެވެ.
ކުރެވުނު މަސައްކަތާއި މެދު ހިތްހަމަޖެހޭކަން ފާހަގަކުރައްވާ ޖަޖުންގެ ޕެނަލްއިން ބުނީ މި އެވޯޑަކީ އިންސާފުވެރި އެވޯޑަކަށް ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މިކަން އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. މިއާއެކު ކުރު މުއްދަތެއްގެ ތެރޭގައި މިކުރެވުނު ބުރަ މަސައްކަތާއިމެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭޖަޖުންގެ ޕެނަލް - މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022
ކުރު މުއްދަތެއްގެ ތެރޭގައި މިކަން ކުރަން ޖެހުމުން ދަތިތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށް ޖަޖުން ފާހަގަކުރިއެވެ. އަދި ބައެއް އެވޯޑުތައް ދިނުމަށް ކެޓަގަރީތައް ހެދުމުގެ އިތުރުން އުސޫލުތަކެއް ކަނޑައެޅުމުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުނު ކަމަށްވެސް ވިދާޅުވިއެވެ.
މި އެވޯޑަކީ އިންސާފުވެރި ދެފުށްފެންނަ އެވޯޑަކަށް ހެދުމަށްޓަކައި، ކުރެވުނު މަސައްކަތްތަކުގެ ރިޕޯޓެއް ޔޫތު މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް ޖަޖުންގެ ޕެނަލްއިން ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި މި މަސައްކަތްތައް ކުރާ ފަރާތްތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
ޖަޖުންގެ ޕެނަލްގައި ހިމެނެނީ ފީފާ އަދި އޭއެފްސީގެ މެޗު ކޮމިޝަނަރު އަހުމަދު ޝާހިރު، ގައުމީ ބާސްކެޓު ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަބްދުއްނާފިއު ތައުފީގް، ކުރީގެ ފީފާ ރެފްރީ އަލީ ސަލީމް، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއުގެ އިތުރުން ގައުމީ ސްޕޯޓްސް ކައުންސިލްގެ މެންބަރު އާމިނަތު ނާޝިދާއެވެ.