ކ. މާލެ
|
13 މާރޗް 2022 | އާދީއްތަ 22:00
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނޫސްވެރިނާ ބައްދަލު ކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނޫސްވެރިނާ ބައްދަލު ކުރެއްވުން
ރައީސް އޮފީސް
ރައީސް ގައުމާ މުޚާތަބު ކުރެއްވުން
ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް
ދެ ފަރާތުންވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް ގޮވާލާ
ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަންނަނީ ދިރާސާކުރަމުން
ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރެވޭނެ ގޮތެއް ހޯދައިދިނުމަަށްވެސް މަސައްކަތް ކުރައްވާ
ހަނގުރާމައިގެ ލޮޅުންތައް ރާއްޖެއަށްވެސް ފޯރަން ފަށާފައި

ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ގައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި, ރަޝިޔާ - ޔޫކްރެއިންގެ ހަނގުރާމައަށް އަލި އަޅުއްވާލައްވައި ވިދާޅުވީ، ކޮވިޑްގެ އަޑިގަނޑުން އަރައިގަނެ ހިންދެމިލާއިރު، ވަރަށް ނުރައްކާތެރި ބަނަ ވިލާގަނޑެއް އަނެއްކާވެސް ބޯމަތި ވަމުން އަންނަ ކަމަށެވެ. ރަޝިޔާއިން ޔޫކްރޭންގައި ކުރަމުންދާ ނުރައްކާތެރި ހަނގުރާމައިގެ ލޮޅުންތައް މުޅި ދުނިޔެއަށް ގުޑުން އަރުވަމުން އަންނައިރު, ހަނގުރާމަ އެހިނގަނީ ރާއްޖެއާ އެތައް މޭލެއް ދުރުން, ވިލާތުގެ ބައްރުގައި ނަމަވެސް، އެ ހަނގުރާމައިން އުފެދޭ އިގުތިސާދީ ލޮޅުންތައް، ދުރާއި ގާތުގައިވާ ހުރިހާ ގައުމަކަށް އެބަ ފޯރާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ހަނގުރާމައިގެ ލޮޅުންތައް ރާއްޖެއަށްވެސް ފޯރަން ފަށާފައިވަކަމަށާއި، ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމު ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިގުތިސާދަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެކަމަށެވެ.

ހަނގުރާމަ ކޮންމެ ދުވަހަކުން, ކޮންމެ ގޮތަކަށް ނިމުނުނަމަވެސް، ޔޫކްރޭން މިހާރު އޮތް ހާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ ކަމަށާއި، މި ހަނގުރާމައިން ދުނިޔޭގެ އިގުތިސާދަށް ލިބޭ ގެއްލުންތައް ފޫބައްދަން ވެސް އެހާ ދުވަސް ނަގާނެކަމަށެވެ. އެހެންކަމުން، ޔޫކްރޭން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ.

މި ހަނގުރާމައިގެ އަސަރުކުރާނެކަމަށް ބެލެވޭ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން، މިވަގުތު ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދިޔުމާއި، ޔޫކްރޭނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެ ގައުމަށް ދެވޭނެ ދުވަހެއް ޔަގީން ނުވާތީ، އެދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދައިދިނުމަަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގުޅިގެން އެކަން ކުރިއަށް ގެންދާކަމުގައި ރައީސް ވިދާޅުވިއެވެ.

މިހަނގުރާމަ ދިގުދެމިގެން ގޮސް، އެންމެ ގޯސް ހާލަތަކަށް ކަންތައް ހިނގައްޖެނަމަ، ރާއްޖޭގެ އިގުތިސާދަށް ލިބިދާނެކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސުން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުން ކަމަށާއި، ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމަށް އިތުރު މާރކެޓްތައް ހޯދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ޓޫރިޒަމާ، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ން މިހާރު އެއަންނަނީ ކުރަމުން.
އިބްރާހީމް މުހަައްމަދު ސާލިހު / ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ، ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށެެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ގައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށާއި، މިއީ، އ.ދ.ގެ ޗާޓަރުގައި ކަޅާއި ހުދުން ކަނޑާނެގިފައިވާ ބައިނަލްއަގުވާމީ ގުޅުންތަކުގެ ބިންގާ ކަމުގައެވެ. ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮވެ، ޒަމާނުއްސުރެއް ވަކާލާތުކުރަމުން މިއަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަން ކަމަށާއި، މިއީ ރާއްޖެއިން ގަބޫލުކުރާ ހަމަކަަމަށް ވިދާޅުވިއެވެ.

ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލާ، ޔޫކްރެއިނުން ފޭބުމަށް، މިމަހުގެ 2 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުގައި 141 ގައުމުން ގޮވާލި ގޮވާލުމުގަ ބައިވެރިވެ ދިވެހިރާއްޖެ ވަނީ، ކުދި އަދި ނިސްބަތުން ބާރު ދަށް ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ރާއްޖެއިން އުފުލަމުން އަންނަ އަޑު އަނެއްކާވެސް ތަކުރާރުކޮށްފަ.
އިބްރާހީމް މުހަައްމަދު ސާލިހު / ރައީސުލްޖުމްހޫރިއްޔާ

މިއީ ޔޫކްރެއިންގެ ރައްޔިތުންނަށް ވަރަށް ހިތްދަތި ވަގުތުތަކެއް ކަމަަށާއި، ދެފަރާތުގެ މެދުގައި ހުރި ދެބަސްވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ދެ ފަރާތުންވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް، ބައިނަލްއަގުވާމީ މުޖްތަމައުން ގޮވާލާގޮވާލުން ދިވެހިރާއްޖެއިންވެސް ތަކުރާރުކުރާކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް