ކ. މާލެ
|
13 މާރޗް 2022 | އާދީއްތަ 19:29
ބިދޭސީން
ބިދޭސީން
ޙުސައިން މަޚްތޫމް
އިމިގްރޭޝަންގެ އޮޑިޓް ރިޕޯޓް
އިމިގްރޭޝަނުން ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ހިސާބުތައް ބަލަހައްޓާފައިނުވާކަން ހާމަވެއްޖެ
އޮޑިޓް ރިޕޯޓުގައި ވަނީ މައިގަނޑު 6 ކަމެއް ފާހަގަކޮށްފައި
ބިދޭސީންގެ ޑިޕޮޒިޓް ފައިސާ ބެލެހެއްޓުމަށް ބޭނުން ކުރަމުންދާ ސިސްޓަމްތައް މެދުވެރިކޮށް އެ މައުލޫމާތުތައް ނެގޭކަށް ނެތް
މިކަމުގައި ގަވާއިދުގައި ވާ ގޮތަށް އަމަލުކުރުމަށް ލަފާދީފައިވޭ

ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގައި ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން އަމަލުކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ މައިގަނޑު 6 މައްސަލައެއް ފާހަގަކޮށްފައެވެ. އަދި މި ކަންކަން އިސްލާކުރުމަށް ލަފާ ދީފައިވެއެވެ.

މި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ އިމިގްރޭޝަނުން ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާ ކަމެވެ. ދައުލަތުގެ އޮފީސްތަކުގެ ހިސާބުތަކުގެ ރެކޯޑުތައް އިދާރީ ބޭނުންތަކަށާއި، އޮޑިޓަރުންނަށް ފަސޭހަވާނެގޮތަށް ތަރުތީބުން ރައްކާތެރިކަމާއެކު ރައްކާތެރި ތަނެއްގައި ބަހައްޓަންވާނެ ކަމަށް މާލިއްޔަތު ގަވާއިދުގެ 12.01 ވަނަ މާއްދާގެ (ހ) ގައި ވަނީ ބަޔާންކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ މި ގަވާއިދާ އެއްގޮތަށް އިމިގްރޭޝަނުން އަމަލުކޮށްފައިނުވާކަމަށް ބުނެފައެވެ. އެގޮތުން ބިދޭސީންގެ ޑިޕޮޒިޓް ފައިސާ ބެލެހެއްޓުމަށް ބޭނުން ކުރަމުންދާ އާރު.ޕީ.އައި.އޭ.ސީ.އެސް ސިސްޓަމާއި، އެކްސްޕެޓް އޮންލައިން ސިސްޓަމާއި، ޑިޕޮޒިޓް ފައިސާ ބަލައިގަތުމަށް ކުރިން މީރާއިން ބޭނުންކުރި އަދި 2012 ވަނަ އަހަރު އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ސިސްޓަމާއި އަދި ލޭބަރ ސިސްޓަމް މެދުވެރިކޮށް ބަލަހައްޓަމުންދާ ޑިޕޮޒިޓް ފައިސާގެ ހިސާބުތަކުގެ ރިކޯޑުތައް އިދާރީ ބޭނުންތަކަށާއި، އޮޑިޓަރުންނަށް ފަސޭހަވާނެގޮތަށް ލިޔެ ބަލަހައްޓާފައި ނުވުމާއި އަދި ބޭނުންވާ މުހިންމު މައުލޫމާތާއި ރިޕޯޓުތައް މި ސިސްޓަމްތައް މެދުވެރިކޮށް ނެގެންނެތްކަން ފާހަގަކުރެވިފައި ވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިގޮތަށް އަމަލުކޮށްފައި ނެތުމުގެ ސަބަބުން ބިދޭސީންގެ ޑިޕޮޒިޓް ފައިސާގެ ތެރެއިން ރިފަންޑުނުކޮށް ދައުލަތުގެ އާމްދަނީއަށް ޖަމާކުރަންޖެހޭ ފައިސާއާއި، ވަކިވަކި ޑިޕޮސިޓް އެކައުންޓްތަކުގެ ބާކީ އޮޑިޓް އޮފީހަށް ކަށަވަރުކުރެވިފައި ނުވާކަމަށް ބުނެފައިވެއެވެ. މި ސިސްޓަމްތައް މެދުވެރިކޮށް ބަލަހައްޓާ ޑިޕޮޒިޓް ފައިސާގެ ބާކީގެގޮތުގައި 2018 ވަނަ އަހަރު ނިމުނުއިރު އެއް ބިލިއަން، ހަ ސަތޭކަ ފަންސަވީސް މިލިއަން، ހަތަރު ސަތޭކަ އަށްހާސް، ތިން ސަތޭކަ ސާޅިސް ނުވަ ރުފިޔާ (1,625,408,349) ހުރިކަމަށް ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ހިސާބުތަކުން ދައްކާފައިވާކަން އޮޑިޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ޑިޕޮޒިޓް ފައިސާގެ ހިސާބުތައް އެކަށީގެންވާގޮތެއްގައި ބެލެހެއްޓިފައި ނުވަނީ، އެކި ދުވަސްވަރު ބޭނުންކުރި ސިސްޓަމްތައް އިންޓަރގްރޭޓް ކުރެވިފައި ނުވާތީ، ނުވަތަ އެއްސިސްޓަމުން އަނެއް ސިސްޓަމަށް ބަދަލުވަމުން ދިޔައިރު، ކުރީގެ ސިސްޓަމްގެ ޑޭޓާބޭސް ފަހުގެ ސިސްޓަމަށް ބަދަލުކޮށްފައި ނުވާތީކަން ފާހަގަކުރެވިފައިވާކަމަށް ރިޕޯޓުގައިވެއެވެ. އެހެންކަމުން މި ސިސްޓަމްތަކަކީ ޑިޕޮޒިޓް ފައިސާ ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ ކޮންޓްރޯލްތަކާއި، އަދި މިފަދަ ނިޒާމެއްގައި ހުންނަންޖެހޭ ފަންކްޝަން ތައް އެންމެ ފުރިހަމައަށް އެކުލެވޭ ގޮތަށް ފަރުމާކުރެވިފައިހުރި ސިސްޓަމްތަކެއް ކަމަށް އެ އޮފީހުން ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

މިމައްސަލަ ހައްލު ކުރުމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ލަފާދީފައިވާއިރު، މާލިއްޔަތުގެ ގަވާއިދުގެ 12.01 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް ވަނީ ލަފާދީފައެވެ. އަދި ބިދޭސީންގެ ޑިޕޮސިޓު ފައިސާ ބަލަހައްޓާ ސިސްޓަމްތަކުގެ ރިޕޯޓިންގ ފަންކްޝަނަލިޓީ އިތުރަށް ހަރުދަނާކުރުމަށާއި، ބިދޭސީންގެ ޑިޕޮޒިޓް ފައިސާގެ ތެރެއިން ރިފަންޑުނުކޮށް ހިފަހައްޓާ ފައިސާގެ ތަފުސީލާއި، ވަކިވަކި އެކައުންޓްތަކުގެ ބާކީއާއި، މި ނޫންވެސް އިދާރީ ބޭނުންތަކަށާއި، އޮޑިޓަރުންނަށްމުހިންމު ރިޕޯޓުތައް ފަސޭހައިން ނެގޭނެ ގޮތަށް ސިސްޓަމްތައް އިސްލާހުކުރުމަށް ލަފާދީފައިވެއެވެ. އަދި މި ސިސްޓަމްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ ފަންނީ މާހިރުންނާއި ގުޅިގެން ގެނައުމަށްވެސް އޮޑިޓަރ ޖެނެރަލް އޮފީހުން ލަފާދީފައިވެއެވެ.

- ކޮމެންޓް