ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް ވިލިމާލޭގައި ވަގުތީ މާރުކޭޓެއް އެޅުމަށް މަޝްވަރާތައް ފަށާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ވިލިމާލޭ ރައްޔިތުން ވިޔަފާރި ކުރުމަށް ޚާއްސަ މާރުކޭޓެއް މިވަގުތު ވިލިމާލޭގައެއް ނެތެވެ. އެހެންކަމުން ވިލިމާލެ ރައްޔިތުން ވިޔަފާރި ކުރުމަށް ގިނަ ފަހަރަށް އަންނަންޖެހެނީ މާލެއަށެވެ. ރާއްޖެއެމްވީއަށް މައުލޫމާތުދެމުން މާލެ ސިޓީ ކައުންސިލުން ބުނީ ރޯދަ މަހު ވިލިމާލެ ރައްޔިތުން މި ދަތުރުތައް ކުރުމުގައި އުފުލަންޖެހޭ ބުރަ ލުއިކޮށްދިނުމަށް ވިލިމާލޭގައި ވަގުތީ މާރުކޭޓެއް އަޅައިދިނުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މި ވަގުތީ މަރުކޭޓު އަޅަން އަދި ނިންމާފައިނުވާކަމަށެވެ. އެކަން ނިންމާނީ ވިލިމާލޭ ރައްޔިތުންނާއި މަޝްވަރާކޮށް އެމީހުންގެ ޚިޔާލު ހޯދައިގެން އެމީހުން މާރުކޭޓެއް ބޭނުންވާނަމަ ކަމަށް ބުނެފައިވެއެވެ. އަދި މާރުކޭޓު އަޅާނެ ތަނެއް ކަނޑައަޅާނީވެސް ރައްޔިތުން ބޭނުންވާ ގޮތަށް އެމީހުންނަށް ފަސޭހަވާނެ ގޮތަކަށް ކަމަށް ބުނެފައިވެއެވެ. އެކަމުގެ މަޝްވަރާތައް މިހާރު ކުރަމުންދާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
ރޯދަ މަހާއި ދިމާކޮށް މާލޭގެ ދެ ސަރަހައްދެއްގައި ވަގުތީ މާރުކޭޓު އެޅުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެއީ ބްރިޖް ކައިރީގައި ދަރުބާރުގެއާއި އިންވެގެން އޮންނަ ހުސް ބިމުގައާއި، ރަސްފަންނު ސަރަހައްދުގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މިއީ މާލޭގެ އެހެނިހެން މާރުކޭޓުތަކަށް ބާރުބޮޑުވާ މިންވަރު ކުޑަކުރުމުގެ ގޮތުން އަޅާ ދެ މާރުކޭޓު ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މި ދެ މާރުކޭޓުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިގޮޅިތައް ދޫކުރަން ހަމަޖެހިފައިވަނީ 2 މަސް ދުވަހުގެ މުއްދަތަށް ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ. ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. ގޮޅިއަށް އެދޭ ފޯމް ތައިސޭކޮށީގައި ހުންނަ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭ ބައިން ލިބެން ހުންނާނެއެވެ.
ގޮޅިއަށް އެދޭ ފޯމް ފުރުމަށްފަހު ހުށަހަޅަން ޖެހޭނީ 10 މާރޗް 2022 ވަނަ ދުވަހުގެ 12:00ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭ ބަޔަށެވެ. މި މާރުކޭޓާއި ގުޅޭ އިއުލާން ގެޒެޓު ކުރެވިފައިވާއިރު، އިއުލާނާއެކު ވަގުތީ މާރުކޭޓުތަކުން ގޮޅި ދޫކުރުމުގެ އުސޫލުވެސް ވަނީ ގެޒެޓްކޮށްފައެވެ.