ކ. މާލެ
|
11 މާރޗް 2022 | ހުކުރު 12:14
ކޮވިޑް-19ށް ޓެސްޓު ކުރަނީ
ކޮވިޑް-19ށް ޓެސްޓު ކުރަނީ
ރާއްޖެއެމްވީ
ކޮވިޑް-19ގެ ޕޮޒިޓިވިޓީ ރޭޓް
ކޮވިޑް-19ގެ ޕޮޒިޓިވިޓީ ރޭޓް މިހާރު އެންމެ މަތީގައި ހުރީ އަތޮޅުތެރޭގައި
އަތޮޅުތެރޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 44 އިންސައްތާގައި
މުޅި ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 18 އިންސައްތާގައި
މާލެ ސިޓީގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 8 އިންސައްތާގައި

ރާއްޖޭގެ ކޮވިޑް-19ގެ ޕޮޒިޓިވިޓީ ރޭޓް މިހާރު އެންމެ މަތީގައި ހުރީ އަތޮޅުތެރޭގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އަތޮޅުތެރޭގެ ޕޮޒިޓިވިޓީ ރޭޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރޭޓް މަތިވާން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން 02 ފެބްރުއަރީން 22 ފެބްރުއަރީ އަށް ޕޮޒިޓިވިޓީ ރޭޓް ހުރީ 50 އިންސައްތާގައެވެ. 23 ފެބްރުއަރީން 01 މާޗަށް 45 އިންސައްތާގައި ޕޮޒިޓިވިޓީ ރޭޓް ހުރުމަށްފަހު 2 މާޗުން 8 މާޗަށް 44 އިންސައްތައަށް ވަނީ ދަށަށް ގޮސްފައެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓަށް ބަލާއިރު، މަތިވާން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12ން ފެށިގެންނެވެ. އެގޮތުން ޖެނުއަރީ 12ން 18ށް 18 އިންސައްތާގައި ހުރުމަށްފަހު 19 ޖެނުއަރީން 25 ޖެނުއަރީއަށް ރޭޓް ވަނީ 41 އިންސައްތައަށް މަތިވެފައެވެ. 26 ޖެނުއަރީން 01 ފެބްރުއަރީއަށް 45 އިންސައްތާގައި ޕޮޒިޓިވިޓީ ރޭޓް ހުރުމަށްފަހު 02 ފެބްރުއަރީން 08 ފެބްރުއަރީއަށް 33 އިންސައްތައަށް ވަނީ ދަށްވެފައިވެއެވެ. އަދި މިހާރު ރޭޓް ދަށްވަމުންދާއިރު، 2 މާޗުން 8 މާޗަށް ޕޮޒިޓިވިޓީ ރޭޓް ހުރީ 8 އިންސައްތާގައެވެ.

މީގެއިތުރުން މުޅި ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓް 2 މާޗުން 8 މާޗަށް ހުރީ 18 އިންސައްތާގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބާލާއިރު، ޕޮޒިޓިވިޓީ ރޭޓް މަތިވެފައިވަނީ ޖެނުއަރީ މަހުގެ 26ން ފެބްރުއަރީ 01 ށެވެ. އެއީ 36 އިންސައްތައެވެ. އޭގެ ފަހުން ރޭޓް ދަށްވާން ވަނީ ފަށާފައެވެ. އަދި 23 ފެބްރުއަރީން ފެށިގެން 8 މާޗުގެ ނިޔަލަށް ޕޮޒިޓިވިޓީ ރޭޓް ވަނީ 18 އިންސައްތާގައި ހިފެހެއްޓިފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް 2049 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 325 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 26 މީހުންނާއި، އަތޮޅުތެރެއިން 279 މީހުން އަދި ހިންގަމުންދާ ރިސޯޓުތަކުން 13 މީހުންނެވެ. 4 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު، 297 މީހުން މިބަލީގައި ނިޔާވެފައިވެއެވެ.

މިހާތަނަށް 173،991 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ބަލިން ރަނގަޅުވެފައިވަނީ 159،387 މީހުންނެވެ.


Advertisement
- ކޮމެންޓް