ކ. މާލެ
|
10 މާރޗް 2022 | ބުރާސްފަތި 11:17
ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ
ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ
ކުޅިވަރާ ބެހޭ ވުޒާރާ
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022
ސްޕޯޓްސް އެވޯޑްސް 2022: ސައުދީގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބައިވެރިވާނެ
ޖުމްލަ 100 އަށްވުރެ ގިނަ އެވޯޑު ދިނުމަށް ހަމަޖެހިފައިވޭ
ދުނިޔޭގެ އެހާރާއި މިހާރުގެ މަޝްހޫރު 15 ކުޅުންތެރިން ނޫނީ ކުޅިވަރުގެ ޝަހުސިއްޔަތުން ރާއްޖެ އައުމަށް ހަމަޖެހިފައިވޭ

މިއަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގައި ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިކަން ހާމަކޮށް ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވަނީ ބަދޭރްއަށް ޝުކުރު އަދާކޮށްފައެވެ. މި ޓްވީޓް ރީޓްވީޓްކޮށް ބަދޭރް ވަނީ ރާއްޖޭގައި ބާއްވާ މި ގްރޭންޑް އިވެންޓަށް އައުމަށް ކެތްމަދުވެފައިވާ ކަމަށް ވިދާޅުވެފައެވެ. ބަދޭރްގެ އިތުރުން އަވަށްޓެރި ސްރީލަންކާ އެދި ބަންގްލަދޭޝްގެ ކުޅިވަރާއި ބެހޭ ވަޒީރުން ކަމުގައިވާ ނަމާލް ރާޖަޕަކްސާ އާއި ޒާހިދު އަހްސަން ރުސޭލްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ބަދޭރް އަލްހާދީ ރާއްޖެ ވަޑައިގަންނަވަނީ އެ ގައުމުގެ ކުޅިވަރު މިނިސްޓަރު ޕްރިންސް އަބްދުލް އަޒީޒް ބިން ތުރްކީ އަލް ފައިސަލްގެ ފަރާތްޕުޅުން ހާއްސަ މަންދޫބެއްގެ ގޮތުގައެވެ.

550 އަށް ވުރެ ގިނަ މީހުން ބައިވެރިވާ މި ހަފްލާގައި ދުނިޔޭގެ އެހާރާއި މިހާރުގެ މަޝްހޫރު 15 ކުޅުންތެރިން ނޫނީ ކުޅިވަރުގެ ޝަހުސިއްޔަތުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

ހަފްލާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތައް

  • އަހަރުގެ އެންމެ މޮޅު ކުޅިވަރު އެތުލީޓް (އަންހެން/ފިރިހެން)
  • ކޮންމެ ކުޅިވަރެއް ވަކިވަކިން އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން/ފިރިހެން)
  • ސްޕެޝަލް އެބިލިޓީ އެތުލީޓް (އަންހެން/ފިރިހެން)
  • އެންމެ މޮޅު ކޯޗު (އަންހެން/ފިރިހެން)
  • އަހަރުގެ އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް (އަންހެން/ފިރިހެން)
  • އެންމެ މޮޅު ސިއްހީ އެހީތެރިޔާ (އަންހެން/ފިރިހެން)
  • އެންމެ އުންމީދީ އެތުލީޓް (އަންހެން/ފިރިހެން)
  • އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ
  • އެންމެ މޮޅު ކުޅިވަރު ފޮޓޯ ޖާނަލިސްޓް
  • އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އެސޯސިއޭޝަން
  • އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް ބްރޯޑްކާސްޓަރު
  • އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް އޮންލައިން މީޑިއާ
  • ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް

މި ހަފްލާގައި ޖުމްލަ 100 އަށްވުރެ ގިނަ އެވޯޑު ދިނުމަށް ހަމަޖެހިފައިވާއިރު، މި އެވޯޑްތަކަށް ނަންތައް ނޮމިނޭޓްކުރާނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންނެވެ. އަދި އެވޯޑް ލިބޭ ފަރާތެއް ހޮވާނީ އެކަމަށް ކަނޑައަޅާފައިވާ ޖަޖުންގެ ޕެނަލަކުންނެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ ބްރޯޑްކާސްޓިންގ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރާއްޖެ ޓީވީއެވެ. އެހެންކަމުން ރާއްޖެ ޓީވީ އިން މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ އެންމެ ފަހުގެ އަޕްޑޭޓްތައް އާންމުންނާއި ހަމަޔަށް ގެނަސްދޭނެއެވެ.

- ކޮމެންޓް