Advertisement
ކ. މާލެ
|
9 މާރޗް 2022 | ބުދަ 14:03
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ޓްރާންސްޝިޕްމަންޓް ބަނދަރު މަޝްރޫއު
އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަން ރައީސް އަންގަވައިފި
އުލިގަމަކީ ޒަމާނުއްސުރެ ގިނަ އަދަދަކަށް ޔޮޓު ބަނދަރު ކުރާ ގުދުރަތީ ބަނދަރެއް
އެ ސަރަހައްދުން އިގްތިސާދީ ނަފާ ހޯދުމަށްޓަކައި މިވަގުތަށް ބޭނުންވާ 3 ކަމެއް ހިމަނާފައިވޭ
އިކޮނޮމިކް މިނިސްޓްރީން އިސް ނަގައިގެން ކަމާގުޅުންހުރި އިދާރާތަކާއެކު މަސައްކަތް ކުރިއަށް ގެންދަން ރައީސް އެންގެވި

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ސަރުކާރުގެ ގުޅުންހުރި އިދާރާތަކަށް އަންގަވައިފިއެވެ.

ރައީސް އެގޮތަށް އަންގަވާފައިވަނީ ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ކޮންޓެއިނަރ ޓްރާންސްޝިޕްމެންޓް ބަނދަރެއް ޤާއިމު ކުރެވެންދެން، އެސަރަޙައްދުން ދަތުރުކުރާ އާގުބޯޓުތަކުން މިވަގުތު ވެސް އިޤްތިޞާދީ ނަފާ ރާއްޖެއަށް ލިބިދާނެ ހުށަހެޅުންތަކަކާއެކު، ރައީސަށް ޤަރާރެއް ހުށައަޅާފައިވާތީއެވެ.

Advertisement

މި ޤަރާރަކީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހއ. ހޯރަފުއްޓާއި، ތުރާކުނާއި، އުލިގަމުގެ ކައުންސިލު މެމްބަރުން ސޮއިކުރައްވައި ނެރުއްވާފައިވާ ޤަރާރެކެވެ. ހޯރަފުށި، ތުރާކުނު އަދި އުލިގަމުގެ ކައުންސިލު މެމްބަރުން ހިމެނޭ ގޮތަށް މި ޤަރާރުގައި 17 މެމްބަރަކު ވަނީ ސޮއިކުރައްވާފައެވެ.

ޤަރާރުގައި މައިގަނޑު ގޮތެއްގައި ވަނީ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެން ވެސް އެސަރަޙައްދުގެ އިޤްތިޞާދީ ނަފާ ހޯދުމަށްޓަކައި މިވަގުތަށް ބޭނުންވާ 3 ކަމެއް ފެށޭނެ މަގުފަހިކޮށްދެއްވުމަށް އެދިލައްވާފައެވެ.

  1. އެ ސަރަހައްދުގައި ކްރޫ ޗޭންޖްގެ ޚިދުމަތް ދިނުމުގެ މަގު ތަނަވަސްކޮށްދިނުން:
  2. ސެކިއުރިޓީ ޚިދުމަތް ދިނުން
  3. ބަންކަރިން ޚިދުމަތް ދިނުން
އިހަވަންދިއްޕޮޅު ސަރަޙައްދުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ޔޮޓު ފަހަރު ދަތުރު ކުރޭ - އަސްއަދު

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުން ފާހަގަކޮށްފައިވާ ޚިދުމަތްތައް ދިނުން މުހިއްމުކަމަށް ފެންނަކަމަށް ރައީސް އޮފީހުން ދެކެއެވެ. ވުމާއެކު، އެކަންކަން ތަންފީޒު ކުރުމަށް ޤަރާރުގައި ހުށައަޅާފައިވާ ކަންކަން ފުރިހަމަ ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިސް ނަގައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައީސް ސާލިޙު ވަނީ އިކޮނޮމިކް މިނިސްޓްރީއަށް އަންގަވާފައެވެ.

ރައީސް ސާލިޙު ވަނީ އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ޑިފެންސް މިނިސްޓްރީއާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި، ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށް، އެކަންކަން ކުރިއަށް ގެންދިއުމަށް ބުދަ ދުވަހު އެމިނިސްޓްރީއަށް އަންގަވާފައެވެ.

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތްދީގެން ދިވެހިރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމުގެ ވާހަކައަކީ ޒަމާނުންސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. އެހެންނަމަވެސް، މިއަދާއި ހަމައަށް އައިއިރު އެކަމަށް އެއްވެސް އަމަލީ ސިފައެއް ގެނެވިފައިނުވާއިރު، ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެން ވެސް އެ 3 ޙަރަކާތް އެ ސަރަޙައްދުގައި ފެށޭނެ މަގުފަހިކޮށްދެއްވުމަށް ޤަރާރުގައި މެމްބަރުން ވަނީ އެދިލައްވާފައެވެ.

އެ ކަންކަން ފެށުމާއެކު އެ ސަރަޙައްދުގައި ޓްރާންސިޕްމަންޓް ބަނދަރެއް ހެދުމަށް އޮންނަ ޑިމާންޑް ބޮޑުވެ، އެކަމަށް އިންވެސްޓްކުރަން ވިސްނާ ފަރާތްތަކުގެ ޝައުގުވެރިކަން އިތުރުވެގެންދާނެކަމަށް ކައުންސިލުން ދެކެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް