އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ދިވެހިރާއްޖެ އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ މުދާ ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން އައްޔަނުކޮށްފިއެވެ.
އާދިއްތަ ދުވަހު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕަލްސް ޗޮއިސް އޭޖެންޓުންނަށް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. މިރަސްމިއްޔާތުގައި އެސްޓީއޯއިން ވިއްކާ ޕްރޮޑަކްޓުތަކުގެ މައުލޫމާތު އެ އޭޖެންޓުންނާ ވަނީ ހިއްސާކޮށްފައެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް އެސްޓީއޯއިން އެތެރެކުރާ ބްރޭންޑްތަކުގެ މުދާ ފޯރުކޮށްދޭނެ 136 އޭޖެންޓުން ވަނީ އައްޔަނުކޮށްފައެވެ.
އޭޖެންޓު ތައާރަފު ކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ މުދާ ފަސޭހައިން ލިބޭނެ ގޮތް ފަހިވެ، އަތޮޅު ތަކުގައި ތިބި ކުދި, އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުންކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ, އޭޖެންޓުން ތައާރަފުކުރެވުމަކީ އެކުންފުނީގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެހެންނަމަވެސް މި މަސައްކަތަށް އެޖެންޓުން ހޯދުމަށް ފުރަތަމަ ހުޅުވާލި ބުރުގައި މާ ބޮޑު ތަރުހީބެއް ލިބިފައިނުވާކަމަށާއި, އެހެންނަވެސް އޭގެ ފަހުންވެސް އެތައް ފަހަރަކު ހުޅުވާލައިގެން އެއް އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އޭޖެންޓުން ހަމަކުރެވުނު ކަމަށް އަމްރު ވިދާޅުވިއެވެ.
މިކަމުގެ އެއް ކާމިޔާބަކީ، ލޮކްޑައުން ތެރޭގައިވެސް ރާއްޖޭގެ އެއްވެސް ރަށެއްގައި ކާޑަށް ނުޖެހި ބޭނުންވާ ވަރަށް ކާޑު ފޯރުކޮށްދެވުން.އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު
މީގެ އިތުރުން މުޅި ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ކޮންސްޓްރަކްޝަން އެޖެންޓުންނަށްވެސް ހުޅުވާލާފައިވާކަމަށް އަމްރު ވިދާޅުވިއެވެ. އެކަމަށްޓަކައި ހުޅުވާލުމުން މި ވިޔަފާރިކުރާ ފަރާތްތައް ނޫން އެކި ފަރާތްތަކުންވެސް މިކަމަށް ޝައުގުވެރިކަން ފާޅުކުރިކަމަށް އަމްރު ވިދާޅުވިއެވެ. މިއަދު 56 ކޮންސްޓްރަކްޝަން އެޖެންޓުން އެބަތިބި ކަމަށާއި، އެކަމުން އެމީހުންނަށް ރަނގަޅު އާމްދަނީއެއް ލިބުމަކީ މިކަމުންވެސް ލިބުނު ކުރިއެރުމެއް ކަމަށް އަމްރު ވިދާޅުވިއެވެ.