ކ. މާލެ
|
1 ފެބްރުއަރީ 2025 | ހޮނިހިރު 16:31
އެސްޓީއޯ ގެ މައި އޮފީސް އިމާރާތް
އެސްޓީއޯ ގެ މައި އޮފީސް އިމާރާތް
ރާއްޖެއެމްވީ
އެސްޓީއޯ
އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި
އެސްޓީއޯ އަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް އަދިވެސް ހިއްސާ ކުރަނީ ތެލުގެ ވިޔަފާރިއަށް ކަމަށްވާއިރު ޖުމްލަ އާމްދަނީގެ 73 އިންސައްތަ ހިއްސާކުރަނީ ތެލުގެ ވިޔަފާރިން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި މުއްދަތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 3.84 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކުންފުނީގެ އެންމެ ފަހުގެ މާލީ ހިސާބުތަކުގައި ހާމަކޮށްފައިވާ ގޮތުގައި، އެސްޓީއޯ އަށް އެންމެ ބޮޑު ފައިދާ އެއް ވެފައިވަނީ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީންނެވެ. 

އެސްޓީއޯގެ މާލީ ބަޔާންތަކުން ދައްކާގޮތުގައި ފާއިތުވި ކުއާޓަރގައި އޮޕަރޭޓިންގ ފައިދާގެ ގޮތުގައި 299.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިއްސާއަކަށް ލިބޭ މިންވަރު 194 ރުފިޔާއަށް އަރާފައިވެއެވެ. ކުންފުނީގެ ހިއްސާއަކަށް ޖެހޭ އަގު 4,375 ރުފިޔާގައި ރެކޯޑުކުރެވިފައިވެއެވެ. 

އެސްޓީއޯ އަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް އަދިވެސް ހިއްސާ ކުރަނީ ތެލުގެ ވިޔަފާރިއަށެވެ. މިގޮތުން ޖުމްލަ އާމްދަނީގެ 73 އިންސައްތަ ހިއްސާކުރަނީ ތެލުގެ ވިޔަފާރިން ކަމަށްވާއިރު، ބާކީ 27 އިންސައްތަ ހިއްސާކުރަނީ ތެލުގެ ވިޔަފާރި ފިޔަވައި އެހެނިހެން ވިޔަފާރިތަކުންނެވެ. މި ކުއާޓަރގައި ޖުމްލަ ޚަރަދުގެ ގޮތުގައި 373 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. 

2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ މުހިންމު މާލީ އިންޑިކޭޓަރތަކުގެ ތެރޭގައި ޑެޓް ސަރވިސް ކަވަރ ރޭޝިއޯ 0.88 ގައި ހުރިކަމާއި، ޑެޓް-ޓު-އިކުއިޓީ ރޭޝިއޯ 1.78 ގައި ހުރިކަމާއި، އިންޓަރެސްޓް ސަރވިސް ކަވަރ ރޭޝިއޯ 2.46 ގައި ހުރިކަން ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ. ކުންފުނީގެ ރިޒާވްގެ ގޮތުގައި 4.85 ބިލިއަން ރުފިޔާ ހުރިއިރު، އެސެޓުގެ އަގު 4.93 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.

- ކޮމެންޓް