ކ. މާލެ
|
4 މާރޗް 2022 | ހުކުރު 19:27
ކުންޏާއި ބެހޭގޮތުން ހޭލުންތެރި ކުރުވުމަށް ނައިޖީރިއާގެ 'ވޭސްޓް މިއުޒިއަމް' އިން އާރޓްތަކެއް ދައްކާލުން
ކުންޏާއި ބެހޭގޮތުން ހޭލުންތެރި ކުރުވުމަށް ނައިޖީރިއާގެ 'ވޭސްޓް މިއުޒިއަމް' އިން އާރޓްތަކެއް ދައްކާލުން
ރޮއިޓާރސް
ކުނި މެނޭޖުކުރުން
ކުންޏާއި ބެހޭ ގޮތުން ހޭލުންތެރި ކުރުވުމަށް ނައިޖީރިއާގެ 'ވޭސްޓް މިއުޒިއަމް' އިން އާރޓްތަކެއް ދައްކާލައިފި
މި ޚިޔާލު އައީ އޭނަ އުފައްދާ ކުނީގެ މިންވަރު އިތުރުވުމުގެ ސަބަބުން އެއަށް ނަގާ ކުލި ބޮޑުކުރުމަށް އޭނާ ދިރިއުޅެމުންދިޔަ ގޭގެ ވެރިމީހާ ނިންމުމާއި ގުޅިގެން

ދިރިއުޅުމުގައި އިންސާނާއަށް ދިމާވާ ބައެއް ކަންކަމުގެ ސަބަބުން އޭނާގެ މުޅި ދިރިޅުން ބަދަލުކޮށްލައެވެ. ކާންބޯން ކުރާ މަސައްކަތުން ފެށިގެން ދިރިއުޅުމުގެ މިސްރާބުވެސް މިފަދަ ހާދިސާތަކުގެ ސަބަބުން މުޅިން ބަދަލުވެގެންދާ ހާލަތްތައްވެސް މަދެއް ނޫނެވެ. މިފަހަރުވެސް މިއޮތީ އެފަދަ ވާހަކައެކެވެ. ކުނި އުފައްދާ މިންވަރު ގިނަވުމުގެ ސަބަބުން އޭގެ ޚަރަދު ކުޑަކޮށްގެން އުފެއްދުންތެރި ކަމެއްކުރި ނައިޖީރިއާގެ ރައްޔިތެއްގެ ވާހަކައެވެ. އޭނާ މިހާރު ވަނީ 'ވޭސްޓް މިއުޒިއަމް'ގެ ނަމުގައި ކުނިން ހަދާ އެކި އާރޓްތައް ދައްކުވައިދޭނެ މިއުޒިމެއްވެސް ހަދާފައެވެ.

ނައިޖީރިއާގެ އިބާދަން ސިޓީގައި ދިރިއުޅޭ ޖުމޯކް އޮލޯވޫކެރީއަށް އެންމެ ފުރަތަމަ މި ޚިޔާލު އައީ އޭނަ އުފައްދާ ކުނީގެ މިންވަރު އިތުރުވުމުގެ ސަބަބުން އެއަށް ނަގާ ކުލި ބޮޑުކުރުމަށް އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ވެރިމީހާ ނިންމުމާއި ގުޅިގެންނެވެ. ޚަރަދު ބޮޑުވުމާއެކު އޭނާގެ ހަވަނަ ހިއްސު ބުނަމުން ދިޔައީ މިއީ ތަފާތު މަސައްކަތެއް ފަށަންވި ވަގުތު ކަމުގައެވެ. އެއާއެކު އޭނަ ކުރަން ފެށި މަސައްކަތަކީ އޭނާ އުފައްދާ ކުނީގެ ބޭނުންކޮށްގެން ތަފާތު އެކި އާރޓްތައް ހަދަން ފެށުމެވެ. އެމަގުން ކުރެވުނު މަސައްކަތުން މިދިޔަ އަހަރުގެ ތެރޭގައި އޭނާ ވަނީ އަމިއްލަ މިއުޒިއަމެއް ހުޅުވާފައެވެ.

މި މިއުޒިއަމްގައި ދައްކުވައިދޭ ތަކެތީގެ ތެރޭގައި ޓަޔަރާއި، ފެބްރިކް އަދި ޕްލާސްޓިކްގެ ގިނަ ބާވަތްތަކުން ހަދާފައިވާ އުފެއްދުންތައް ހިމެނެއެވެ. މި މިއުޒިއަމް އިތުރަށް ކުރިއެރުވުމަށްޓަކައި އޮލޯވޫކެރީ އަންނަނީ ކުނި ބޭނުންކޮށްގެން އެކި އުފެއްދުންތައް ތައްޔާރުކުރާ އެތައް ގުރޫޕަކާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި ކުނި ބޭނުންކޮށްގެން ތަފާތު ބޭނުންތެރި އެކި އުފެއްދުންތައް ތައްޔާރުކުރެވިދާނެކަމާއި، ކުނި ރީސައިކަލް ކުރުމުގެ މުހިންމުކަން މި މިއުޒިއަމުން އަންނަނީ ގިނަ ބަޔަކާއި ހަމައަށް ގެނެސްދީ އެމީހުން ހޭލުންތެރި ކުރުވަމުންނެވެ.

މިއުޒިއަމްގައި ދައްކާލުމަށް ތައްޔާރުކުރާ އާރޓްވޯކްތަކުގެ އިތުރުން އޮލޯވޫކެރީ އަންނަނީ ކުނި ބޭނުންކޮށްގެން މުޖުތަމައަށް ފައިދާހުރި އެކި އުފެއްދުންތައްވެސް ތައްޔާރު ކުރަމުންނެވެ. އޭގެ ތެރޭގައި ސްކޫލް ކުދިންގެ ޕްލޭ ގްރައުންޑްތަކުގައި ބޭނުންކުރާނެ އެކި ތަކެތިވެސް އޭނާ ވަނީ ތައްޔާރުކޮށްފައެވެ. އަދި އެކި ކަހަލަ ގަހަނާތަކާއި އާންމު ދިރިއުޅުމުގައި ބޭނުންކުރާ އެކި ސާމާނުތައްވެސް އޭނާ އަންނަނީ ކުނި ބޭނުންކޮށްގެން އުފައްދަމުންނެވެ.

ނައިޖީރިއާގައި 200 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނައިރު، ކޮތަޅާއި އެކި ފާޑުގެ ޕެކޭޖިންގ ހިމެނޭގޮތަށް ގިނަ ބަޔަކު އަންނަނީ ކުނި އުފައްދަމުންނެވެ. އަަދި މީގެ ތެރެއިން ގިނަ ކުނި ޖަމާވަނީ އެކި ކޯރުތައްފަދަ ތަންތަނަށެވެ. މީގެ ސަބަބުން ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރަމުން އަންނައިރު، އޮލޯވޫކެރީގެ މި މަސައްކަތާއެކު މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ. އަދި މީހުން މިކަމަށް ހޭލުންތެރިވުމާއެކު އެމީހުންގެ ފަރާތުންވެސް މިކަމަށް އެއްބާރުލުން ލިބޭނެއެވެ.

- ކޮމެންޓް