ކ. މާލެ
|
4 މާރޗް 2022 | ހުކުރު 15:44
ހިޔާ ފްލެޓް ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ
ހިޔާ ފްލެޓް ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހިޔާ ފްލެޓް ސަރަހައްދުގެ މަގުތައް
ހިޔާ ފްލެޓް ސަރަހައްދުގެ މަގުތައް ހުޅުވާލައި، ބޭނުންކުރަން ފަށައިފި
މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ވަނީ ނިންމާލާފައި
މަގުތައް ނުހުޅުވާ އޮތުމުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް އެކި ދަތިތައް ވަނީ ކުރިމަތިވެފައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގެ މަސައްކަތް އެއްކޮށް ނިންމާ، އާންމުންނަށް ހުޅުވާލައިފިއެވެ.

ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ބުރާސްފަތި ދުވަހު އެޗްޑީސީން ވަނީ މި މަސައްކަތް އެއްކޮށް ނިމިފައިވާކަން އިއުލާނުކޮށްފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމާފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. އެޗްޑީސީން ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް ނިންމުމަށެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެސަރަހައްދުގައި ގާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. އަމާޒަކީ ހިނގަމުންދާ މާރޗް މަސް ނިމެންވާއިރަށް ޒަރޫރީ ބޭނުންތައް އެސަރަހައްދުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުންކަމަށް އެޗްޑީސީން ބުނެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ, ހިޔާ ފްލެޓް ސަރަހައްދުގައި އާއްމުން ފުރަތަމަ ދިރިއުޅެން ފެށިއިރު ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު ގިނަ މައްސަލަތައް ހައްލު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާބާދުވަމުން އަންނަ ސަރަހައްދަކަށްވާތީ އެކިއެކި މައްސަލަތައް ފެންމަތިވާނެކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ, ކުރު މުއްދަތެއްގެ ތެރޭގައި ޒަރޫރީ ބޭނުންތަކަށް ޚާއްސަ ފިހާރައެއް ހުޅުވުނު ކަމަށާއި، ނަމަވެސް ބޮޑު އާބާދީއަކަށް އެތަން އެކަށީގެން ނުވާ ކަމަށެވެ. އަދި ކުރެވުނު މަސައްކަތްތަކާއެކު މިހާރު އިތުރު ފިހާރަތައް ހުޅުވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ސުހައިލް ވިދާޅުވީ ސެލޫންތަކާއި، ކްލިނިކްތަކާއި، އެހެނިހެން ވެސް ރައްޔިތުން ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ހިޔާ ފްލެޓްތަކަށް މިހާތަނަށް ގާތްގަނޑަކަށް 3000 އާއިލާއަކުން ބަދަލުވެފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެޗްޑީސީން ބުނެއެވެ.

- ކޮމެންޓް