ކ. މާލެ
|
1 މާރޗް 2022 | އަންގާރަ 14:04
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރާއްޖެއެމްވީ
އޭސީސީއަށް އައްޔަނު ކުރާ މެމްބަރުން
އޭސީސީ އަށް އައްޔަނުކުރުމަށް ރައީސް ފޮނުއްވި ނަންތަކަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި
މިފަރާތްތަކާއި ގުޅޭ އެއްވެސް ޝަކުވާއެއްވާނަމަ 6 މަރޗް ވާ އާދިއްތަ ދުވަހުގެ މެންދުރު 12 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައި
ނަންތައް ދިރާސާ ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަންނަނީ ކުރަމުން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

އޭސީސީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައް ފައިނަލައިޒް ކުރުމަށްފަހު މަޖިލީހަށް ފޮނުވާފައިވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އޭސީސީއަށް މެމްބަރުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު ހަމަވެފައިވާއިރު، 34 ފަރާތަކުން ކުރިމަތިލާފައިވެއެވެ. އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގައެވެ. އަދި އެ ފުރުސަތު ހަމަވުމުން ދެވަނަ ފަހަރަށް ވެސް ހުޅުވާލިއެވެ.

ރައީސް ފޮނުއްވާފައިވާ ނަންތައް ތަޅުމުގައި އިއްވާފައިވާއިރު، އެ ނަންތައް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އޭސީސީއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތައް

  1. އާދަމް ޝާމިލް- ރަތްވިލާގެ/ ތ. ވިލުފުށި
  2. އަބްދުއް ސަލާމް- ހަވާ/ ށ. ނަރުދޫ
  3. ތޯހާ މުހައްމަދު- ކަޅި ހާރުގެ/ އދ. މާމިނިގިލި
  4. ޝަޒްނާ ހާޝިމް- ރިހިވިލު/ ހދ. ނޮޅިވަރަންފަރު
  5. ޝިޔާމާ މުހައްމަދު- ނާރެސް/ ރ. ހުޅުދުއްފާރު

މިފަރާތްތަކާއި ގުޅޭ އެއްވެސް ޝަކުވާއެއްވާނަމަ 6 މަރޗް ވާ އާދިއްތަ ދުވަހުގެ މެންދުރު 12 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް މަޖިލީހުގެ އިދާރާއިން ވަނީ ހުޅުވާލާފައެވެ.

އޭސީސީ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރެއްގެމަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް އަލުން މީހަކު އައްޔަނު ކުރަން ޖެހެވެ. އެގޮތުން އެ ކޮމިޝަނުގައި ކުރިން ހުންނެވި މެމްބަރު އަލީ އަޝްރަފް މަޤާމުން އިސްތިއުފާ ދެއްވިތާވެސް 60 ދުވަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި ބާކީ ތިބި މެންބަރުން އިސްތިއުފާ ދެއްވިތާ އާދިއްތަ ދުވަހަށް ވަނީ 60 ދުވަސް ވެފައެވެ.


Advertisement
- ކޮމެންޓް