ކ. މާލެ
|
1 މާރޗް 2022 | އަންގާރަ 08:45
ރަޝިއާ-ޔޫކްރެއިންގެ މަންދޫބުންގެ ވަފުދުން ކުރިއަށްގެންދިޔަ ސުލްހައިގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
ރަޝިއާ-ޔޫކްރެއިންގެ މަންދޫބުންގެ ވަފުދުން ކުރިއަށްގެންދިޔަ ސުލްހައިގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
ރޮއިޓާރސް
ރަޝިއާ އާއި ޔޫކްރެއިން ސުލްހައިގެ ވާހަކަތައް
ރަޝިއާ - ޔޫކްރެއިން ސުލްހައިގެ ވާހަކަތައް: ކޮޅެއްގައި ނުޖެހި ފުރަތަމަ ބުރު ނިންމާލައިފި
ދެ ވަނަ ބުރުގެ ވާހަކަތައް ބޭއްވިގެންދާނީ ޕޮލެންޑާއި ބެލަރޫސްގެ ބޯޑަރުގައި
ވާހަކަތައް ކުރިޔަށްދިޔައީ ގާތްގަނޑަކަށް ފަސް ގަޑިއިރަށް

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ގޮތުން ރަޝިޔާ އާއި ޔޫކްރެއިން އާއި ދެމެދު ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރު ވަކިކޮޅެއްގައި ނުޖެހި ނިންމާލައިފިއެވެ.

ވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ ބެލަރޫސް އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ސަރަހައްދުގައެވެ. ވާހަކަތައް ކުރިޔަށް ގެންދިޔައިރުވެސް ރަޝިޔާގެ އަސްކަރީ ފައުޖުތަކުން ގެންދިޔައީ ޔޫކްރެއިންގެ ސިޓީތަކަށް ހަމަލާތައް ދެމުންނެވެ. އޭގެތެރޭގައި ދެވަނަ އަށް އެންމެ ބޮޑު ސިޓީކަމުގައިވާ ޚާރްކީވް ވެސް ހިމެނެއެވެ.

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންގެ އަރިސް މީހަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވަނީ ވާހަކަތައް ކުރިޔަށްދިޔައީ ގާތްގަނޑަކަށް ފަސް ގަޑިއިރަށްކަމަށެވެ. ވާހަކަތަކުގައި ބައިވެރިވި ރަޝިޔާ ވަފުދުގައި އެންމެ އިސްކޮށް ހުންނެވި ވްލަޑްމިއަރ މެޑިންސްކީ ވިދާޅުވީ ދެފަރާތަށްވެސް މިވާހަކަތަކުން ދެވޭނެ ދިމާތަކެއް މިހާރު ސާފުވެފައިވާކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ވާހަކަތައް ކުރިޔަށް ގެންދިޔުމަށް އެއްބަސްވެވުނު ކަމަށް ވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ އެންމެ އިސް އެޑްވައިޒަރ މަކައިލޯ ޕޮޑޯލްޔަކް ވިދާޅުވީ ވާހަކަތައް އަމާޒުކުރެވިގެންދިޔައީ ހަމަލާ ބަދަލުކުރުން ހުއްޓާލެވޭނެ ގޮތްތަކާއި ގުޅޭގޮތުންނާއި ދެވަނަ ބުރުގެ ވާހަކަތައް ވީއެންމެ އަވަހަކަށް ބޭއްވުމާމެދުކަމަށެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި ދެ ވަނަ ބުރުގެ ވާހަކަތައް ބޭއްވިގެންދާނީ ޕޮލެންޑާއި ބެލަރޫސްގެ ބޯޑަރުގައި ކަމަށް މަކައިލޯ ވިދާޅުވިއެވެ.

ދެފަރާތަށްވެސް ވާހަކަދެކެވި އެއްބަސްވުމަކާއި ހަމައަށް އާދެވޭނެ މުހިންމު ކަންތައްތަކެއް މިހާރު ވަނީ ކަނޑައެޅިފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ދެފަރާތުން އެއްބަސްވުމަކާއި ހަމައަށް އަންނަން ބޭނުންވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ޔޫކްރެއިންގެ ފަރާތުން ބޭނުންވަނީ ވަގުތުން ވަގުތުން ހަމަލާ ދިނުން ހުއްޓާލުމާއި ރަޝިޔާގެ ފައުޖުތައް މިހާރުން މިހާރަށް ޔޫކްރެއިން އިން ފޭބުމެވެ. ރަޝިޔާއިން ބޭނުންވަނީ ޔޫކްރެއިން ދުވަހަކުވެސް ނޭޓޯ އާއި ނުގުޅޭނެ ކަމުގެ ޔަގީންކަން ދިނުމާއި ނިޔުޓްރަލް ގައުމެއްގެ ގޮތުގައި އޮތުމެވެ.

މެކްރޮން އާއި ޕުޓިންގެ ފޯނު ކޯލު

މަޝްރަހު ފިނިކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވާ އެއް ބޭފުޅެއްގެ ގޮތުގައި ފާހަގަވަނީ ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮންއެވެ. މެކްރޮން ވަނީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާއި ފޯނުން ގުޅުއްވާ ޔޫކްރެއިންގެ އާންމުންގެ ސަލާމަތާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

މެކްރޮންގެ އޮފީހުން ބުނީ 90 މިނެޓްގެ ފޯނުކޯލުގައި މެކްރޮން އެދިވަޑައިގަތީ ޔޫކްރެއިންގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ނުދިނުމަަށާއި ޔޫކްރެއިންގެ އިންފްރާސްޓަރަކްޗަރ އަށް ގެއްލުން ނުދިނުމަށެވެ. އަދި ކިޔެވްގެ ދެކުނުން އޮންނަ މައި މަގުތަކުން އާންމުންނަށް ނިކުމެވޭ ގޮތަށް އެމަގުތަކުން ނުރައްކަލެއް ކުރިމަތިނުކުރުމަށެވެ.

ޕުޓިން ވަނީ އެކަންކަމަށް ސަމާލުކަން ދެއްވާނެކަަމަށް ވިދާޅުވެފައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ބައިނަލްއަގްވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިއްތަވާ ބައިނަލްއަގްވާމީ އެހީދޭ ތަންތަނުގެ ޝިޕްމަންޓްތަކަށް ޔޫކްރެއިންގައި ތިބި އެހީ ބޭނުންވާ ރައްޔިތުންނާއި ހަމައަށް ވާސިލްވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ފޯނުކޯލުގައި ޕުޓިން ވަނީ ޔޫކްރެއިންގެ މައްސަލަ ހައްލުވާނެ ހަމައެކަނި ގޮތަކީ ޔޫކްރެއިން އަކީ ވަކިކޮޅަކަށް ނުޖެހި އޮންނަ ގައުމަކަށްވުމެވެ. އަދި އެގައުމުގެ އަސްކަރީ ބާރުތައް ކަނޑުވާލުންކަމަށްވެސް ވިދާޅުވެފައެވެ. މީގެއިތުރުން ޔޫކްރެއިންގެ ބައެއްގެ ގޮތުގައި ކުރިން އޮތް މިހާރު ރަޝިޔާއިން ކޮންޓްރޯލްކުރަމުންދާ ކްރައިމިޔާ ބަލައިގަތުންކަމަށްވެސް ޕުޓިން ވިދާޅުވެފައިވެއެވެ.

އަދި ރަޝިޔާއިން އޮތީ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް ތައްޔާރަށްކަމަށާއި އެދެވޭ ނަތީޖާއެއް ހާސިލުކުރުމަށްވެސް ތައްޔާރަށްކަމަށް ޕުޓިން ވިދާޅުވި ކަމަށް ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް