ކ. މާލެ
|
22 ފެބްރުއަރީ 2022 | އަންގާރަ 19:16
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗު
ރާއްޖެއިން ބަންގްލަދޭޝް އާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެނީ
ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖެއިން ނުކުންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހު

އަންނަ މާރޗް މަހު ރާއްޖެއިން ބަންގްލަދޭޝް އާއި ދެކޮޅަށް ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ސޯސަލް މީޑިއާގައި ވަނީ، މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ދެ ފޮޓޯ ހިއްސާކުރައްވާ، އަންނަ މަހުގެ 24 ވަނަ ދުވަހުގެ ތާރީޚް ޖައްސަވާފައެވެ.

އަންނަ މަހުގެ 24 ވަނަ ދުވަހު ރާއްޖޭގައި ބަންގްލަދޭޝް އާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭކަން އެފްއޭއެމްގެ އޮފިޝަލަކު ވަނީ ރާއްޖެ ޓީވީއަށް ކަށަވަރުކޮށްދީފައެވެ.

ރާއްޖެއިން ބަންގްލަދޭޝް އާއި ދެކޮޅަށް މިދިޔަ ނޮވެމްބަރު މަހު ފޯ ނޭޝަން ކަޕުގައި ބައްދަލުކުރި މެޗުން ރާއްޖެ ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިއީ މިދިޔަ 18 އަހަރުގެ ތެރޭގައި ބަންގްލަދޭޝް އިން ރާއްޖޭގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް މެޗުން ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. އޭގެ ކުރިން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖޭގައި ކުޅުނު އެކުވެރިކަމުގެ މެޗު ރާއްޖެއިން ވަނީ 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

ނޭޕާލަށް ގޮސް އެގައުމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް މިިދިޔަ މަހު ރާއްޖެ އަށް ހުށަހެޅުމެއް ލިބުނެވެ. ނަމަވެސް ރާއްޖޭން އެދުނީ ނޭޕާލް ޓީމު ރާއްޖެ އައިސް މެޗު ކުޅުމަށެވެ. އެކަމުގެ މަޝްވަރާތައް ދިގުލައިގެން ގޮސް ނޭޕާލުން އެންމެ ފަހުން މެޗު ކުޅުނީ އަމިއްލަ ގައުމުގައި މޮރިޝަސްއާ ދެކޮޅަށެވެ.

ބަންގްލަދޭޝް އިން ވަނީ މިދިޔަ މަހު އެ ޓީމުގެ ކޯޗަކަށް ސްޕެއިންގެ ހަވިއޭ ކަބްރޭރާ ހަމަޖައްސާފައެވެ. އެއީ 11 މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ އަންނަ ޖޫން މަހު ކުޅޭ އޭޝިއަން ކަޕް ކޮލިފައިންގ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ދިއުމުގެ ކުރިން ގައުމީ ޓީމަށް ލިބޭ ރަނގަޅު ފުރުސަތަކަށެވެ.

- ކޮމެންޓް