ކ. މާލެ
|
22 ފެބްރުއަރީ 2022 | އަންގާރަ 07:25
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު
ރާއްޖެއެމްވީ
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުން
ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެދުނީ އަލިފާނުގެ ޙާދިސާ ތަކުރާރުވުމުން: ނިއުމަތު
ތަޙުޤީޤު ކުރުމަށް އެދުނީ އެޙާދިސާ ހިނގި އިރު އެތަނުގައި ކުދިންގެ ރައްކާތެރިކަމަށް އެކަށީގެންވާ ވަރަށް ފިޔަވަޅުތައް އަޅާފައި ނުވާތީ

ކުޑަކުދިންގެ ހިޔާގައި ހިނގާދިޔަ އަލިފާނުގެ ޙާދިސާތަކާއި ގުޅޭގޮތުން ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ފުލުހުންގެ އިދާރާގައި އެދުނީ އެފަދަ ޙާދިސާތައް ތަކުރާރުވަމުން އަންނާތީކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަމުން ނިއުމަތު ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ އެންމެ ފަހަރަކު ނޫންކަމަށެވެ. އަދި އެންމެ ފަހުން ހިނގި ޙާދިސާ އާއި ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގަން އެދުނީ މިފަދަ ޙާދިސާތައް ތަކުރާރުވެފައިވާތީ ކަމަށެވެ. ހަމައެހެންމެ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށް އެދުނީ އެޙާދިސާ ހިނގި އިރު އެތަނުގައި ކުދިންގެ ރައްކާތެރިކަމަށް އެކަށީގެންވާ ވަރަށް ފިޔަވަޅުތައް އަޅާފައި ނުވާތީކަމަށްވެސް ނިއުމަތު ވިދާޅުވިއެވެ. އެގޮތުން އަލިފާން ނިއްވާ ފުޅިވެސް ނެތްކަން ނިއުމަތު ފާހަގަކުރެއްވިއެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 2021 މޭ 4 ވީ އަންގާރަ ދުވަހާއި 2021 ޖޫން 06 ވީ އާދީއްތަ ދުވަހު ވަނީ އަލިފާނުގެ ޙާދިސާތަކެއް ހިނގާފައެވެ.

ނިއުމަތު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެދުނީ އެތަނުގައި ތިބި މުއައްޒަފުން ނުވަތަ އެނޫންވެސް ފަރާތަކަށް އަމާޒުކޮށްގެން ނޫންކަމަށެވެ. އަދި ތަޙުޤީޤުކުރުމަށް އެދިފައިވާނީ މުޅި އެޙާދިސާ ހިނގާދިޔަ ގޮތަށް ކަމަށެވެ.

މި ޙާދިސާގެ ސަބަބުން ކުދިން އެހެން ތަންތަނަށް ބަދަލުކޮށްފައި ވާއިރު، މި މައްސަލައާއި ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެދުމުގައި ލަސްތަކެއް ދިމާވި އެކަމުގައި ކޮންމެހެން ބަލަންޖެހޭ ކަންތައްތަކެއް ބަލަން ޖެހުމުންކަމަށް ނިއުމަތު ވިދާޅުވިއެވެ. އެގޮތުން މިޙާދިސާއާއި ގުޅިގެން ފުލުހުން ނެރުނު ރިޕޯޓުވެސް ދިރާސާކޮށްފައިވާކަމަށް ނިއުމަތު ވިދާޅުވިއެވެ.

ކުޑަކުދިންނާއި ގުޅޭ މިފަދަ ކޮންމެ މައްސަލައަކާއި ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އޮންސްޕޮޓް އޮޑިޓެއް ހަދާނެއެވެ. މިއީ ވަކިވަކި ޙާދިސާތައް ހިނގުމާއި ގުޅިގެން އެޙާދިސާތަކާއި ގުޅޭގޮތުން ހަދާ އޮޑިޓެކެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ މައިގަނޑު މަސައްކަތްތަކަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޒިންމާކުރެވިފައިވާ އިދާރާތައް އެޒިންމާތައް ފުރިހަމަގޮތުގައި އަދާކުރޭތޯ ބަލާ ކަށަވަރުކުރުމާއި، ބައިނަލްއަޤްވާމީ ކުޑަކުދިންގެ މުއާހަދާގައި ހުރި ކަންތައްތައް ދިވެހި ދައުލަތުގެ އިދާރާތަކުން ކުރާކަން ކަށަވަރުކުރުމެވެ. އަދި ކުއްޖަކަށް އަނިޔާއެއް ލިބި ނުވަތަ އިހުމާލެއްވެއްޖެ ހާލަތެއްގައި އެމައްސަލަ ތަޙުޤީޤުކުރުމަކީވެސް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތެކެވެ.

- ކޮމެންޓް