މަޑިވަރަށް ދަތުރު ކުރުމަށް އެއްކޮޅަށް 1020 ރުފިޔާ ޚަރަދު ކުރަން ޖެހުމުން އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމަށާއި, އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ޅ. ނައިފަރުގައި 100 ހައުސިންގ ޔުނިޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ޓިކެޓްގެ އަގަށް ބަދަލު ގެނައުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސްއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މިކަމަށް ވަރަށް އަވަހަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޅ. ނައިފަރުގައި އަޅާ 100 ހައުސިންގ ޔުނިޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ޒަމާނުއްސުރެ ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ. އަދި މި 100 ހައުސިންގ ޔުނިޓްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ މުޅި ދުނިޔެ ބަންދުވެފައި އޮތްވާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވައި ރައީސް ވަނީ, މި މަޝްރޫއު ކުރިއަށް ގެންދިޔަ ކުންފުނި ކަމަށްވާ އާރްސީސީއަށް ޝުކުރު އަދާކޮށްފައެވެ.
ދެ ކޮޓަރީގެ ފްލެޓެއް ނުވަތަ ގެޔެއް އެއީ ބޯހިޔަވާހިކަމަށް އޮތް ހައްލު ނޫން ކަމަށާއި, ތަނަވަސްކޮށް އާއިލާއެކު ދިރިއުޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ނައިފަރުގައި އަޅާފައިވާ ހައުންސިން ޔުނިޓްތަކަކީ 3 ކޮޓަރީގެ ޔުނިޓްތަކެވެ.
ރާއްޖޭގެ ގިނަ ރަށްތަކުގައި ބޯހިޔާވަހިކަމުގެ މައްސަލަތައް އެބަހުރި ކަމަށާއި 14 ރަށެއްގައި މިކަމަށް ހައްލު ހޯދައިދިނުމަށް މަޝްރޫއުތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވާނެ ކަމަށާއި މަހަށް ހަމަ އަގު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ސިނާއަތަށް ބޮޑު އިންވެސްޓްމަންޓެއް ސަރުކާރުން ކުރާ ކަމަށާއި ފެލިވަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ފެނަކަ އިންޖީނުގެއިން އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާ ކަމަށާއި, ރަށު ކައުންސިލުން ބޭނުންވާނަމަ ފެނަކައާ ވާހަކަދައްކައިގެން އައިސް ލިބުމުގެ ދަތިކަން ހައްލު ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ނައިފަރު އުތުރު ނެރުގެ މަސައްކަތް ވަރަށް އަވަހަށް އެމްޓީސީސީއާ ހަވާލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސޯލިހް އިތުރަށް ވިދާޅުވީ, ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުއްޓިފައިވީނަމަވެސް އެމްޑަބްލިޔުއެސްސީން އެ މަސައްކަތް ފަށައިގެން ނިމުމަކާއި ގާތަށް ގޮސްފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ނައިފަރުގައި ތާރު އެޅުމުގެ މަޝްރޫއު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއު ވެސް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ޚިދުމަތް ދިނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ހައި ސްޕީޑް ފެރީގެ ނިޒާމުން ނައިފަރު ގުޅާލުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ. އޭރުން ނައިފަރު ރީޖަނަލް ހަބެއްގެ ގޮތުގައި ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.