ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު ފާދިއްޕޮޅު އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި, އަތޮޅުގައި ހުރި ފަރުތަކާއި ފަޅުތަކުގެ ބޭނުން އެންމެ އެދެވޭގޮތަށް ބޭނުންކުރުމުގައި އަތޮޅު ކައުންސިލުން އެދޭގޮތް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން އެކުލެވޭ ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މި ކަރުދާހުގައި, އަތޮޅުގައި ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރަން އެދޭކަމާއި, އަތޮޅު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމްކުރުމާއި, ސިއްހީ ނިޒާމު ހަރުދަނާކުރުމާއި, ބޯހިޔާވަހިކަމާއި, ވަޒީފާގެ ފުރުސަތު އަތޮޅުގެ ރައްޔިތުންނަށް ފަހިކުރުންފަދަ ކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, އަތޮޅުކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެކަމަށެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނައިފަރު ކައުންސިލުގެ އައު އިމާރާތަށް ޒިޔާރަތް ކުރައްވައި އެތަން ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި, ނައިފަރާއި މަޑިވަރާއި ހިންނަވަރާއި އަދި ފެލިވަރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު އޮޅުވެލިފުއްޓާއި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.