ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިންނާއި ބައްދަލުކުރައްވައި އެތަނުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި, ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު ޅ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި އެ މަރުކަޒުގެ އިސްވެރިން ވަނީ, އެމަރުކަޒުގެ ބައެއް އިމާރާތްތަކުގައި ހުރި މައްސަލަތަކާއި, މަރުކަޒުގައި ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ ފެންވަރު މަތިކޮށް, ޒަމާނީ ފެންވަރަށް ގެނައުމާއި، އަދި ތައުލީމީ މަރުކަޒު އެންމެ އެދެވޭގޮތަށް ހިންގުމަށް އިތުރު 3 ބުރީގެ އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ތައުލީމީ މަރުކަޒަށް އިތުރަށް އިންސާނީ ވަސީލަތް ބޭނުންވާކަން އެ މުއައްސަސާގެ އިސްވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުލީމީ މަރުކަޒުގެ އިސްވެރިން އެދިވަޑައިގެންނެވި ކަންކަމުގައި މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ، ވަނީ ޅ. އަތޮޅު ތަަލީމީ މަރުކަޒުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި ހިންނަވަރު ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި, އެތަނުގެ ހާލަތު ބައްލަވާލެއްވުމުގެ އިތުރުން, ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
ހިންނަވަރު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު އޮތް ބަނދަރު ހެދުމާއި، އައު ބަނދަރެއް ހެދުމާއި, އަދި ބޮޑެތި ބޯޓްފަހަރަށް ގާތްކުރެވޭ ގޮތަށް ޑީޕް ވޯޓަރ ކީވޯލްއެއް ހެދުން ހިމެނެއެވެ. އެ ގޮތުން ކުރީގެ ބަނދަރުގެ ކީވޯލްގެ މަސައްކަތް ނިމި އައު ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މިހާރު ކުރިޔަށް ދަނީ އައު ބަނދަރުގެ ކީވޯލްގެ މަސައްކަތެވެ. އައު ބަނދަރަކީ 162 މީޓަރުގެ ދިގުމިނުގައި ހަދާ ބަނދަރެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި, މަޑިވަރާއި ހިންނަވަރަށް އެމަނިކުފާނު ވަޑައިގެންފައިވާއިރު މިރަށްރަށުގެ އިތުރުން ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.