ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ 40 އިންސައްތަ މުވައްޒަފުން ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކުގައި މަސައްކަތްކުރާ 97.5 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 99.6 އިންސައްތަ މުވައްޒަފުން ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.
ރާއްޖޭގައި މިވަގުތު އޮޕަރޭޓު ކުރާ 152 ރިސޯޓެއް އޮތްއިރު، މިރިސޯޓުތަކުގައި ޖުމްލަ 41،431 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފަތުރުވެރިކަމުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.
ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އެއަރޕޯޓުގައި މަސައްކަތް ކުރާ ޓޫރިސްޓު ރެޕުންނަށް ފަސޭހަކަމާއެކު ބޫސްޓަރ ޑޯޒު ޖެހޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި އިންތިޒާމު ހަމަޖައްސާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވެސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް ގުޅިގެންނެވެ.
ވެކްސިން ދިނުމުގައި އެންމެ އިސްކަމެއް ދީގެން ވެކްސިން ދެމުން އަންނަނީ ފަތުރުވެރިންނާއި ގާތުން ޚިދުމަތް ދިނުމުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.
މީގެއިތުރުން ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ޖުލައި މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވިޓީ ރޭޓް ހުރީ 0.19 އިންސައްތައިގައެވެ. 2021 ވަނަ އަހަރު މިނަމްބަރު ހުރީ 0.30 އިންސައްތައިގައެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 0.60 އިންސައްތައިގައެވެ. ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވާލާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
އެޗްޕީއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ރާއްޖެއިން 116,629 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާއިރު ފުރަތަމަ ޑޯޒް ޖަހާފައިވަނީ 398،،056 މީހުންނެވެ. އަދި ދެ ޑޯޒް 370،،688 މީހުން ވަނީ ޖަހާފައެވެ.