ޅ. ހިންނަވަރުގައި އަޅާ ހޮސްޕިޓަލަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ޖަޒީރާ ހޮޅުއަށީގެ ނަމުގައި ހިންނަވަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިންނަވަރުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި މިހާރު އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ.
މާރޗް މަހުގެ ތެރޭގައި ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ހޮސްޕިޓަލްގެ މަސައްކަތް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ހިންނަވަރުގައި އަޅާ ހޮސްޕިޓަލުގައި ހުންނާނީ 30 އެނދުކަމަށް ރައީސް ވިދާޅުވިއެވެ.
ހިންނަވަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިންނަވަރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރު ތަފްޞީލުތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން ހިންނަވަރުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގެ މަރުޙަލާގައި ކަމަށާއި ބަނދަރު ބޮޑުކުރުމާއި އައު ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުގެ އިމާރާތް ހެދުމުގެ މަސައްކަތް ބަޖެޓުގައި ހިމެނޭކަމަށާއި މަގު ހެދުމާއި ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމާއި ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމާއި 100 ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އަދި ކައުންސިލާއި ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ބޭންކް ބްރާންޗެއް ހިންނަވަރުގައި ޤާއިމްކުރުމަށް އެދިފައިވާތީ އެކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަރައްޤީގެ ކަންކަން ސަރުކާރުން ކުރިޔަށް ގެންދަވާނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވައިގެން އެ ރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށްކަން ފާހަގަކުރައްވާފައެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ހއ. އިހަވަންދޫ، ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރު ގައި ހޮސްޕިޓަލެއް އެޅުމަށް ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
މިތިން ރަށުގައި ހޮސްޕިޓަލް އެޅުމަކީ މިސަރުކާރުގެ ރިޔާސީ ވައުދަކަށްވާއިރު މިއަހަރުގެ ބަޖެޓްގައިވެސް މިތިން ރަށުގައި ހޮސްޕިޓަލު އެޅުމަށް ހިމަނާފައިވެއެވެ.
ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތް މިސަރުކާރުން ކުރަމުން އަންނައިރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. އެގޮތުން އަތޮޅުތަކުގެ ރައްޔިތުން ސިއްޙީ ފަރުވާ ހޯދުމަށް މާލެއަށް ނައިސް އަތޮޅުތަކުން އެޚިދުމަތްތައް ހޯދޭނެ ގޮތްތައް އަންނަނީ ފަހިކޮށްދެމުންނެވެ.