މިއަދު ފާދިއްޕޮޅުގެ ރައްޔިތުންނަށް މިސަރުކާރުން ދެއްކީ ތޯތޯ ވާހަކައެއް ނޫންކަން ޔަޤީންވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޅ.މަޑިވަރު އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މަޑިވަރުގައި އެއަރޕޯޓެއް އެޅުމުގެ ވާހަކަ ދެކެވިގެން ދިޔަ ކަމަށާއި މިއަދު އެކަން މި ސަރުކާރުން ހަޤީޤަތަކަށް ހަދައިދީފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި ތަރައްޤީ ކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ ތެރެއިން މަޑިވަރު އެއަރޕޯޓަކީ އެންމެ ފުރިހަމައަށް ތަރައްޤީ ކޮށްފައިވާ އެއް އެއަރޕޯޓުކަން ފާހަގަކުރައްވާ ނަހުލާ ވިދާޅުވީ މި ސަރުކާރުން ކުރާ މަސައްކަތްތަކަކީ ނުވާކަމެއް ކަމަށް ބައެއް ފަރާތްތަކުން ދައްކަން އުޅުނަސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ.
ފަނާކުރަނިވި އަޑުތަކާއި ކުރާ ފުރައްސާރައަކުން އަޒުމަށް މި ސަރުކާރުގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނަހުލާ އިތުރަށް ވިދާޅުވީ މި އެއަރޕޯޓާއެކު ފާދިއްޕޮޅުގެ ރައްޔިތުންގެ ދަތުރުފަތުރުގެ ނިޒާމަށް ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި މިއީ ރައްޔިތުންނަށް ހުރި ފުރިހަމަ ވަސީލަތެއް ކަމަށެވެ.
ކުރެއްދޫ ހޯލްޑިންގސްއާއެކު ސަރުކާރުން ތަރައްގީކުރި މި އެއާޕޯޓަށް ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ޚަރަދުކޮށްފައިވެއެވެ. ދެއަހަރު ތެރޭގައި ނިންމާ ގޮތަށް ކުރެއްދޫ ހޯލްޑިންގސްއާއެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ
29 މޭ 2018 ގައެވެ.
މަޑިވަރު އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލު ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި އެއާޕޯޓަށް ބޭނުންވާ ފަޔާ ލޮރީތައް މިދިޔަ އަހަރުގެ މެދު ތެރޭގައި އެ އެއާޕޯޓަށް ވަނީ ގެންގޮސްފައެވެ. މަޑިވަރު އެއާޕޯޓުގައި އޮންނާނީ 1.2 ކިލޯމީޓަރުގެ ރަންވޭއެކެވެ.