މަންޓާ އެއަރގެ ދަތުރުތައް މިފެށޭ ހަފްތާގެ ބުރާސްފަތި ދުވަހު އައްޑޫސިޓީއަށް ފަށާނެކަމަށް އެއެއަރލައިނުން ބުނެފިއެވެ.
މަންޓާ އެއަރއިން ފަށާ މި ޝެޑިއުލް ދަތުރުތަކާއެކު ކޮންމެ ދުވަހަކުވެސް އައްޑުއާއި މާލެއާއި ދެމެދު އެއް ދަތުރު ކުރެވޭނެއެވެ. މި ދަތުރުތައް ކުރުމަށް ބޭނުންކުރާނީ ATR 72-600 އެއަރްކްރާފްޓެވެ.
އައްޑޫއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް މަންޓާ އެއަރއިން ނިންމީ އެހިސާބަށް ދަތުރުކުރުމަށް ރަނގަޅު ޑިމާންޑެއް އޮތްކަމަށް ބެލެވޭތީއެވެ. މީގެ ކުރިން މި ދަތުރުތައް ނުފެށިފައި އޮތީ މި ދަތުރުތައް ކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިބެން ޖެހޭ ހުއްދަތައް އެކުންފުންޏަށް ލިބުމުގައި ލަސްތަކެއް ހުރުމުންނެވެ. މިހާރު މަންޓާ އެއަރގެ ދަތުރުތައް ކުރަމުން އަންނަނީ މާލެއިން ދަރަވަންދޫ އަދި ކުޑަހުވަދޫ އެއަރޕޯޓާއި ދެމެދުގައެވެ.
ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކުގައި ދެ ކްލާހެއްގެ ޓިކެޓް ވިއްކާ ހަމައެކަނި އެއާލައިނަކީ މަންޓާއެވެ. އެގޮތުން އައްޑޫއަށް ކުރާ ދަތުރުތަކުގައިވެސް ކޮމްފޯޓް ކްލާސް ނުވަތަ އިކޮނޮމީ ކްލާސް އަދި ސެފަޔަރ ކްލާސް ނުވަތަ ބިޒްނަސް ޓިކެޓުތައް ވިއްކާނެއެވެ. މިގޮތުން ކޮމްފޯޓް ކުލާހުގައި 22 ކިލޯގެ ލަގެޖް އެލަވެންސެއް ލިބޭއިރު 5 ކިލޯ އަތުން އުފުލޭނެއެވެ. އަދި ސެފަޔަރ ކްލާހުގައި 35 ކިލޯ ލަގެޖް އެލަވެންސް ލިބޭއިރު 5 ކިލޯ އަތުން އުފުލޭނެއެވެ.
މަންޓާ އެއަރއަކީ ރާއްޖޭގައި އެންމެ ފަހުން ލޯންޗުކުރި އެއަރލައިނެވެ. މި އެއަރލައިނަކީ ޔުނިވަރސަލް އެންޓަޕްރައިސްއާއި ރިއޯލޯ އިންވެސްޓްމެންޓް ގުޅިގެން ކުރިއަށް ގެންދާ ކުންފުންޏެކެވެ.