މިއަންނަ އަހަރުގެ އޭޕްރީލް މަހުގައި އައު ސީޕްލޭން ޓާމިނަލްގެ ޚިދުމަތް ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީލް)ން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ މިއަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ހުރިހާ ކުންފުނިތަކުން އައު ސީޕްލޭން ޓާމިނަލަށް ބަދަލުވުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ހުރިހާ ކުންފުނިތަކެއް އައު ޓާމިނަލަށް ބަދަލުވުމާއެކު، އަންނަ އޭޕްރީލް މަހުގެ ތެރޭގައި އައު ޓާމިނަލްގެ ޚިދުމަތް ފަށާނެ ކަމަށެވެ.
އެމްއޭސީއެލް އިން ވަނީ އައު ޓާމިނަލްގެ ޚިދުމަތް އަވަހަށް ފެށުމަށްޓަކައި އެއާޕޯޓުގައި ލައުންޖުތައް ހިންގާ ފަރާތްތަކާއެކު މިދިޔަ އާދިއްތަ ދުވަހު މަޝްވަރާކޮށްފައެވެ.
ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެނދިޔަ މި މަޝްރޫއުގެ އަގަކީ 55 މިލިއަން ޑޮލަރު (848.1 މިލިއަން ރުފިޔާ)އެވެ. މި ޓާމިނަލް އިމާރާތް އެޅުމަށް ހުޅުލޭ އިރުމަތީ ފަރާތުން 2.3 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އައު ޓާމިނަލާއެކު އޮންނަ ފަޅުގެ ސަރަހައްދަކީ އެ ތަނުގައި އެއްފަހަރާ 100 މަތިންދާ ބޯޓަށް ޚިދުމަތް ދެވޭނެ ޖާގައިގެ ތަނަވަސްކަން ހުރި ތަނެކެވެ.
އިމާރާތް ނިންމައި މިދިޔަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ބީޔޫސީޖީިން ވަނީ އެމްއޭސީއެލްއާ ޓާމިނަލް ހަވާލުކޮށްފައެވެ. އެމްއޭސީއެލް އިން ބުނެފައިވަނީ އިމާރާތް އެއްކޮށް އެއް ކުންފުންޏަކާ ހަވާލުނުކޮށް އޮޕަރޭޓުކުރާނީ އެމްއޭސީއެލް އިން ކަމަށެވެ.
ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ތިން ކުންފުންޏަކުން މިހާރު އަންނަނީ ދެމުންނެވެ. އެއީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)، މަންތާ އެއާ އަދި މޯލްޑިވިއަންއެވެ.
އައު ސީޕްލޭން ޓާމިނަލެއް ހަދާފައި މިވަނީ ޓީއެމްއޭއިން މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލްގެ ސަބަބުން އެއާޕޯޓުގައި އަލަށް ހަދާފައިވާ ރަންވޭ ބޭނުން ނުކުރެވޭތީ އެވެ. އައު ރަންވޭ ބޭނުން ކުރެވެން އަންނަނީ ސީޕްލޭން ޓާމިނަލް ނަގައި އެ ސަރަހައްދު ސާފުކުރުުމުންނެވެ. އައު ރަންވޭ ބޭނުންކުރަން ފެށުމުން އެއާޕޯޓުގެ ތޮއްޖެހުމުގެ މައްސަލައަށް ލުއި ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.