ކ. މާލެ
|
17 ފެބްރުއަރީ 2022 | ބުރާސްފަތި 20:21
މޯލްޑިވްސް ސްޕޯޓްސް އެވޯޑް ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު
މޯލްޑިވްސް ސްޕޯޓްސް އެވޯޑް ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" އަންނަ މަހު ބާއްވަނީ
މި އެވޯޑް ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގެ ނަމުގައި ކުޅިވަރު އެވޯޑެއް ތައާރަފުކޮށް އަންނަ މަހު ބާއްވާ ގޮތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގެ ނަމުގައި ކުޅިވަރުގެ އެވޯޑެއް މިއަހަރު ބާއްވަން ނިންމާފައިވާއިރު، މީގެ ކުރިން ސަރުކާރުން ކުޅިވަރު އެވޯޑެއް ބާއްވާފައިވަނީ 2012 ވަނަ އަހަރުއެވެ. އެ ފަހަރު ބާއްވާފައިވަނީ "ގައުމީ ކުޅިވަރު އެވޯޑް"ގެ ނަމުގައެވެ. އެ ފަހަރު އެވޯޑުގައި އިނާމު ދީފައިވަނީ 2011 ވަނަ އަހަރު ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއަށް މެޑަލް ހޯދައިދިން ޓީމުތަކުގެ އެތުލީޓުންނަށެވެ.

ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިން ކުޅުންތެރިންގެ އަގު ވަޒަންކޮށް އެ ކުޅުންތެރިންނަށް އެވޯޑް އެ ފަހަރު ހަތް ކުޅިވަރަކަށް ދީފައިވެއެވެ. އޭގެ ފަހުން ސަރުކާރުން ކުޅިވަރަށް ވަކިން ހާއްސަ އެވޯޑެއް ބާއްވާފައެއް ނުވެއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި މި އެވޯޑާއި ގުޅޭ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި މީޑިއާ އާއި ހިއްސާ ކުރާނެ ކަމަށެވެ.

މީގެ ކުރިން ކުޅިވަރު އެވޯޑް ދީފައިވަނީ އަމިއްލަ ނޫސްތަކުންނެވެ. އެގޮތުން ހަވީރު ނޫހުންނާއި މިހާރު ނޫހުން ވަނީ ކުޅިވަރު އެވޯޑް ދީފައެވެ.

މި ދެ އެވޯޑުގައި ބައިނަލްއަގްވާމީ މައިދާނުގައި ކުޅިވަރުތަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް ކުޅުންތެރިންނަށް އެވޯޑް ދިނުމުގެ އިތުރުން ރާއްޖޭގެ ބޮޑެތި ކުޅިވަރުތަކުން އަހަރުގެ އެންމެ މޮޅު ކުޅިވަރު ކުޅުންތެރިޔާއަށްވެސް އެވޯޑް ދީފައިވެއެވެ.

- ކޮމެންޓް