ކ. މާލެ
|
17 ފެބްރުއަރީ 2022 | ބުރާސްފަތި 10:17
ކޮވިޑަށް ޓެސްޓުކުރުން - މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރާއްޖޭގައި 15،706 ކޭހެއް ގުނަމުންދޭ
ކޮވިޑަށް ޓެސްޓުކުރުން - މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރާއްޖޭގައި 15،706 ކޭހެއް ގުނަމުންދޭ
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް ހާލަތު
ކޮވިޑްގެ ހާލަތު އަދިވެސް ގޯސް!
 
މިވަގުތު ކޮވިޑްގެ ހާލަތު ގޯސް 26 ރަށެއް އޮތީ މޮނިޓަރިންގައި
 
މާލެ ސަރަހައްދުން ފެންނަ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައި
 
މުޅި ދުނިޔެއިން ފެންނަ ކޭސްތައް ވެސް ދަނީ އިތުރުވަމުން

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ދުނިޔެއަށް ވަނީ ކޮވިޑް-19 ގެ އައު ވޭރިއެންޓަކާއި ކުރިމަތިލާންޖެހިފައެވެ. އެއީ އޮމިކްރޯން ވޭރިއެންޓެވެ. އޮމިކްރޯން ވޭރިއެންޓަކީ އޭގެ ޒާތުގައި ވަރަށް ބާރު ސްޕީޑެއްގައި ފެތުރިގެންދާ ވޭރިއެންޓެއް ކަމަށް މިކަމާއި ގުޅޭގޮތުން މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ދައްކާފައިވެއެވެ. މި ވޭރިއެންޓާއެކު މުޅި ދުނިޔެއިން ފެނުނު ކޮވިޑް-19 ގެ ކޭސްތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވެއެވެ. އަދިވެސް ގިނަ ޤައުމުތަކުން ދުވާލެއްގެ މައްޗަށް އެތައް ކޭހެއް ފެންނަމުންދާއިރު، މި ކުޑަ ކުޑަ ރާއްޖެއަށްވެސް އޮމިކްރޯން ވޭރިއަންޓް އައިސް، ރާއްޖެއިން ފެންނަ ކޭސްތައްވެސް ވަނީ އިތުރުވެފައެވެ.

އޮމިކްރޯން ވޭރިއެންޓާއެކު އިތުރުވާން ފެށި ކޭސްތަކުގެ ސަބަބުން މުޅި ދުނިޔެއިން މިހާތަނަށް ރިޕޯޓުކުރި ކޮވިޑް-19 ގެ ކޭސްތައް ވަނީ 418،072،646 އަށް އަރާފައެވެ. އަދި ރާއްޖެއިން މިހާތަނަށް ވަނީ 162،169 ކޮވިޑް ކޭސް ފެނިފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރާއްޖޭގައި 15،706 ކޭހެއް ގުނަމުންދާއިރު، އޮމިކްރޯން ވޭރިއެންޓާއެކު މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 1،000 އިން މަތިންވެސް ކޭސްތައް ރިޕޯޓުކޮށްފައިވެއެވެ. އަދި އަތޮޅުތެރެއިންވެސް ގިނަ އަދަދެއްގެ ކޭސް ރިޕޯޓުކޮށްފައިވާއިރު، މިހާރު މާލެ ސަރަހައްދުން ފެންނަ ކޮވިޑްގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެހެންނަމަވެސް އަތޮޅުތެރޭގެ ކޮވިޑް-19 ގެ ހާލަތު އަދިވެސް އެއްކޮށް ކޮށްޓްރޯލް ކުރެވިފައެއް ނުވެއެވެ.

އަތޮޅުތެރޭގެ ހާލަތަށް ބަލާއިރު މިވަގުތުވެސް ކޮވިޑް-19 ގެ ހާލަތު ގޯސް 26 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. މިރަށްތަކުގެ ތެރޭގައި ހިމެނެނީ ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ލ. ގަން، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރި، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ށ. މިލަންދޫ، ނ. މާޅެންދޫ، ބ. ކެންދޫ، ބ. ތުޅާދޫ، ރ. އިނގުރައިދޫ، ނ. ހޮޅުދޫ، ތ. ވިލުފުށި، ގދ. ފިޔޯރީ، ގދ. ހޯޑެއްދޫ، ރ. އަލިފުށި އަދި ލ. ފޮނަދޫއެވެ.

މިވަގުތު މޮނިޓަރިންގައި 26 ރަށެއް އޮތުމުންވެސް އެނގެނީ އަތޮޅުތެރެއަށް ކޮވިޑް-19 ފެތުރިފައިވާ މިންވަރެވެ. އަތޮޅުތެރޭގައި ހަރަކާތްތެރިވަމުންދާ ޓާސްކްފޯސްތަކުން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދެއެވެ. އެހެންނަމަވެސް އަތޮޅުތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފަރުވާކުޑަކުރެވޭ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެެކެވެ. ވަކިން ޚާއްސަކޮށް އެކި ތަންތަނުން ރަށްރަށަށް ދާ މީހުން މިކަންކަމަށް ފަރުވާ ކުޑަ ކުރާ ވާހަކަ އަބަދުވެސް ދެކެވެއެވެ. މާސްކުއަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ވަރަށް މުހިންމު ވަސީލަތެކެވެ. އަތޮޅުތެރެއަށް ކޮވިޑް ފެތުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިކަމަށް ފަރުވާ ކުޑަ ކުރެވުން ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

އަތޮޅުތެރޭގައި ބަލި ފެތުރުމުގެ އަނެއް ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަނީ ރަށްރަށުގައި ހަރުކަށި ފިޔަވަޅުތައް އެޅިފައި ނެތުމެވެ. އެހެންވުމުގެ ސަބަބުން އެރަށުގެ އުޅޭ މީހުންވެސް އަދި އެ ރަށްރަށަށް ދާ މީހުންވެސް އެކަންކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓަނީއެވެ. އަތޮޅުތެރޭގެ ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުތަކުގައި ނުވަތަ ހޮސްޕިޓަލުތަކުގައި އެންމެ އެކަށީގެންވާ ވަސީލަތްތައް ގާއިމްކޮށްފައެއްވެސް ނުވެއެވެ. ވުމާއެކު ގިނަ ބަޔަކު ކޮވިޑަށް ޕޮޒޮޓިވްވެ، ބަލީގެ ހާލަތު ގޯސްވާނަމަ އެންމެންނަށް ބޭނުންވާ ފަރުވާ ނުދެވުމަކީ އެކަށިގެންވާ ކަމެކެވެ. އެހެންކަމުން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ވަކިން ޚާއްސަކޮށް އަތޮޅުތެރޭގައި އިތުރަށް ކޮވިޑް ފެތުރުނަ ނުދިނުމަށް މިއަދު މިވަނީ މަސައްކަތްތަކެއް ކުރަންޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް