ހުޅުމާލެއިން މާލޭގެ ރަށްވެހިންނަށް ދިނުމަށް ހަމަޖެހިފައިވާ 1000 ގޯތި ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި އެކަމާއި ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސުހައިލް ވިދާޅުވީ ގޯތި ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ އިން އެދިފައިވާކަމަށެވެ. އެހެންކަމުން މިހާރު އެކަން ހަމަޖެއްސުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާކަމަށް ސުހައިލް ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ މި 1000 ގޯތީގެ ބޮޑުމިނަކަށް ވާނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ކުރިން ދޫކުރި ގޯތިތަކުގެވެސް ބޮޑުމިނާއި އެއްވަރުގެ ބޮޑުމިނެއްކަމަށެވެ. އެއީ 1250 އަކަފޫޓްގެ ގޯއްޗެވެ.
ސުހައިލް ވިދާޅުވީ ގޯތިތައް ހަމަޖެއްސުމަށްފަހު ސަރުކާރާ އެޗްޑީސީން ހަވާލުކުރާނެކަމަށާއި ގޯތިތައް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާނެކަމަށެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމަވާފައިވާކަމަށާއި އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، އަދި ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދެއްވާނެކަމަށެވެ. މީގެ އިތުރުން ގިރާވަރު ފަޅު ހިއްކައި, އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަސައްކަތް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް މިސަރުކާރުން ހައްލު ގެނައުމަށް ފަށާ މިމަޝްރޫޢުގެ އިތުރު ތަފްސީލު ދެއްވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ އެންމެ ފުރަތަމަ ގޯތި ދޫކުރާނީ ހުޅުމާލެއިންކަމަށެވެ. އަދި އެއަށްފަހު ގުޅީފަޅުންކަމަށެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢު ކުރިޔަށްދާނީ ވަކި މަޝްރޫއެއްގެ ގޮތުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. ގިރާވަރު ފަޅުން 90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގައި ޖެހި ހިސާބުތަކުން ފެންނަން ހުރީ މާލޭގެ ރަށްވެހިންގެ ތެރެއިން އެންމެ ބޮޑަށް ބިން ބޭނުންވާ 5000 އާއިލާ އުޅޭކަމަށާއި, ބޯހިޔާވަހިކަން ބޭނުންވާ 17،000 އާއިލާ އުޅޭކަމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމައި، ބިންކަނޑައި، ގޯތީގެ ފަތް ދެއްވުމަށްފަހު ކަމަށެވެ.