ނައިބު ރައީސް ފައިސަލް ނަސީމް އދ. ފެންފުއްޓާއި މާމިނގިއްޔަށް ވަޑައިގެން, އެ ދެރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައިފިއެވެ.
ނައިބު ރައީސް ހޯމަ ދުވަހު ފެންފުއްޓަށް ވަޑައިގެން އެރަށު ހެލްތު ސެންޓަރާއި ސްކޫލަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ އިސްފަރާތްތަކާ ވަނީ މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާގައި ސްކޫލުގެ ފަރާތުން ވަނީ, ޖާގައިގެ ދަތިކަމާއި, ސްކޫލް 1 ދަންފަޅިއަށް ބަދަލުކުރަން ބޭނުންވާކަމަށާއި, އަދި މި ނޫން ވެސް ސްކޫލަށް ކުރިމަތިވެފައިވާ ބައެއް ދަތި މައްސަލަތައް ފާހަގަކޮށްފައެވެ.
ހެލްތު ސެންޓަރުން ވަނީ, ބޭސްލިބުމުގެ ދަތިކަމާއި ހެލްތު ސެންޓަރުގައި ޚިދުމަތްދިނުމުގައި ހުރި ބައެއް ދަތި މައްސަލަތައް ފާހަގަކޮށްފައެވެ. ސްކޫލާއި ހެލްތު ސެންޓަރުން ފާހަގަކުރި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ދެން ވަޑައިގަތީ މާމިނގިއްޔަށެވެ. އެރަށަށް ވަޑައިގެން ނައިބު ރައީސް ވަނީ އަތޮޅު މަދަރުސާއާއި ހެލްތުސެންޓަރަށް ވަޑައިގެން އެތަންތަނުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އަތޮޅު މަދަރުސާގެ އިސްވެރިން ވަނީ މިހާރު ކުރިޔަށްދާ އަތޮޅު މަދަރުސާގެ އައު އިމާރާތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ނައިބު ރައީސް އަރިހުގައި ދަންނަވާފައެވެ. ނައިބު ރައީސް ވަނީ އަތޮޅު މަދަރުސާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ މާމިނގިލީގައި ހުންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ސައިޓަށް ޒިޔާރަތްކުރައްވާފައެވެ.
މާމިނގިއްޔަކީ, ފ. ނިލަންދޫއާއި އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ނައިބު ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ.