ކ. މާލެ
|
14 ފެބްރުއަރީ 2022 | ހޯމަ 14:06
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު
ރާއްޖެއެމްވީ
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން
ޖޭއެސްސީ އަލުން އެކުލަވާލާއިރު މެޖޯރިޓީ އޮންނަންވާނީ ޖުޑީޝަރީއަށް: ސަލީމް
މިހާރު އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް ކަންކަން ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދޭ
އެހެން ޕާޓީތަކުން އެ ވާހަކަތައް ދައްކަނީ ހަމައެކަނި އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނައިރު
ހަމައެކަނި ވަކި ކޮމްޕޮސިޝަނެއް އޮވެގެން ޖުޑީޝަރީ އިސްލާޙުވާނެ ކަމަށް ދެކިގެން ނުވާނެ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަލުން އެކުލަވާލާއިރު މެޖޯރިޓީ އޮންނަންވާނީ ޖުޑީޝަރީއަށްކަމަށް ޤަބޫލު ކުރައްވާކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލު ކުރުމަށް ޤާނޫނު އަސާސީއަށް ހުށައަޅުއްވާފައިވާ އިސްލާޙާއި ގުޅޭގޮތުން ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ، 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުނީއްސުރެ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަންޖެހޭކަމަށް ވާހަކަދެކެވެމުންދާ ކަމަށެވެ. އެގޮތުން ދެކެވެމުންދާ ވާހަކަތަކުގައި އެންމެ ކުރީގައި އަބަދުވެސް ފެނިގެންދަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ޖޭއެސްސީ އިސްލާޙު ކުރުމަށް ދެކެވޭ ވާހަކަތަކުގައި އެމްޑީޕީއާއި އެހެން ޕާޓީތަކުގެ ތަފާތަކީ އެހެން ޕާޓީތަކުން އެ ވާހަކަތައް ދައްކަނީ ހަމައެކަނި އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނައިރު ކަމަށެވެ.

އަޅުގަނޑުމެންގެ ތަފާތަކީ ވެރިކަމުގައި އޮތަސް، ނެތަސް، އިސްލާޙު ކުރަންޖެހޭ ކަމެއްގެ ވާހަކަ އެކަމެއް އޮންނަ ގޮތަކަށް ދެއްކުން
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ، އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަކީ މިފަހަރުވެސް ވެރިކަމުގެ ވައުދުނާމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުގެ މަތިން ޖޭއެސްސީއަށް ގެންނަންޖެހޭ އިސްލާޙުތައް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާނެކަމާމެދު ޝައްކެއް ނުކުރައްވާކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ. އެ އިސްލާޙުތައް ހުށައެޅުމުން ބަލަންޖެހޭ ކަންކަން އިތުރަށް ބަލައި، މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއި މި ސަރުކާރުން މަޝްވަރާވެސް ކުރާނެކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެއިތުރުން، ހަމައެކަނި ވަކި ކޮމްޕޮސިޝަނެއް އޮވެގެން ޖުޑީޝަރީ އިސްލާޙުވާނެ ކަމަށް ދެކިގެން ނުވާނެކަމަށް ސަލީމް ވިދާޅުވިއެވެ. ދުނިޔޭގެ އެކި ޤައުމުތަކަށް ބަލާއިރުވެސް އެކި ގޮތްގޮތަށް އަަމަލުކުރާކަން ސަލީމް ފާހަގަކުރެއްވިއެވެ. އެގޮތުން ބައެއް ޤައުމުތަކުގައި އަމަލުކުރާ ގޮތަށް ކޯޓުތަކުގެ ހިންގުމާއި، ފަނޑިޔާރުންނާއި ގުޅޭ ކަންކަންވެސް އެއް އިދާރާއަކުން ބެލުމަކީ ބަހުސް ކުރެވިދާނެ މައުޟޫއެއްކަމަށް ސަލީމް ވިދާޅުވިއެވެ.

މިހާރު އޮންނަ ގޮތުން ކޯޓުތަކުގެ އިދާރީ ހިންގުމާއި ގުޅޭ ކަންކަން ބަލަހައްޓަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. އަދި ފަނޑިޔާރުންނާއި ގުޅޭ ކަންކަން ބަލަހައްޓަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ.

މި ދެ ޚިދުމަތަކީ އެއް ޚިދުމަތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ހެދިއްޖެނަމަ، ޚަރަދުގެ ގޮތުންނާއި، ހިންގުމުގެ ގޮތުން ހަރުދަނާ ކުރުމަށްވެސް ރަނގަޅު ގޮތަކަށް ވެދާނެ، އެއީވެސް އަޅުގަނޑުމެން މިކަމަށް ވާހަކަ ދައްކާއިރު ވިސްނާލަންޖެހޭ ކަމެއް
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ސަލީމް ވަނީ ބައެއް އެހެނިހެން ޤާނޫނީ ނިޒާމުތަކުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން އެކުލަވާލެވިފައިވާ ގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އަދި މި ހުރިހާ ކަމަކަށް ވިސްނައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ޖުމުލަ ޙައްލެއް މިކަމަށް އަންނަންޖެހޭކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން ޖޭއެސްސީ އަލުން އެކުލަވާލާއިރު މެޖޯރިޓީ އޮންނަންވާނީ ޖުޑީޝަރީއަށްކަމަށް ޤަބޫލު ކުރައްވާކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ޖޭއެސްސީ މިނިވަން ކުރިޔަސް، ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަށް އަދި އަޅުގަނޑުމެން ނިޔަތް ގަތަސް، މުޅި ނިޒާމު ރަނގަޅުވެ ރައްޔިތުންގެ އިތުބާރު ލިބޭނީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ފަނޑިޔާރުން އެމީހުންގެ ޕްރޮފެޝަނަލިޒަމް ހިފެހެއްޓި މިންވަރަކުން، މައްސަލަތައް އަވަސްކުރަން ހިތްވަރު ލީ މިންވަރަކުން
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ސަލީމް ވަނީ ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލައަށްވެސް އަލިއަޅުވާލައްވާފައެވެ. ވަކިން ޚާއްސަކޮށް ކޯޓުތަކުގައި މައްސަލަތައް ތާވަލު ނުކުރުމާއި، ޝަރީއަތްތައް ކުރިއަށް ނުދާ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައިވެއެވެ.

މެމްބަރު ސަލީމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، މިދިޔަ މަހު 107 ކޯޓެއްގައި ޖިނާއީ އެއްވެސް މައްސަލައެއް ތާވަލުކޮށްފައިނުވާކަން ވަނީ ހާމަވެފައެވެ. އެގޮތުން ނިމިދިޔަ ޖެނުއަރީ 2022 ގައި، ޖިނާއީ މައްސަލައެއްގެ އަޑުއެހުމެއް ޝެޑިއުލް ކޮށްފައިވަނީ ރާއްޖޭގެ 194 ކޯޓުގެ ތެރެއިން އެންމެ 87 ކޯޓުގައެވެ.

މިހާރު އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް އެކަންކަން ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ޤަބޫލު ކުރައްވާކަމަށް ސަލީމް ވިދާޅުވެފައިވެއެވެ.

- ކޮމެންޓް