Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2022 | ހޯމަ 12:58
241 ކޮމިޓީގެ މެމްބަރުން ވަނީ އިންޑިއާ އައުޓް ނަމުގައި ހިންގާ ޙަރަކާތާއި ގުޅިގެން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައި
241 ކޮމިޓީގެ މެމްބަރުން ވަނީ އިންޑިއާ އައުޓް ނަމުގައި ހިންގާ ޙަރަކާތާއި ގުޅިގެން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައި
ރައްޔިތުންގެ މަޖިލިސް
އިންޑިއާ އައުޓް ޙަރަކާތް
ވަކި ޤައުމަކާމެދު ނަފްރަތު އުފެއްދުމަކީ ރާއްޖެއިން ބަލައިގެންފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާވެސް ދެކޮޅު ކަމެއް: ފޮރިން މިނިސްޓްރީ
މިހާރު ރާއްޖެއަކީ ކަންކަން ނިންމުމުގައި ބަސް ވިކޭ ޤައުމެއް
ވަކި ޤައުމަކަށް ނަފްރަތު އުފެއްދުމަކީ ކުރެވޭނެ ކަމެއް ނޫން
ޚާރިޖީ ގުޅުންތަކަށް ބުރޫ އަރާނެފަދަ އެއްވެސް ކަމެއް ކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫން

ވަކި ޤައުމަކާމެދު ނަފްރަތު އުފެއްދުމަކީ ރާއްޖެއިން ބަލައިގެންފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާވެސް ދެކޮޅު ކަމެއްކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ހޯމަ ދުވަހު 241 ކޮމިޓީގެ މެމްބަރުން ވަނީ އިންޑިއާ އައުޓް ނަމުގައި ހިންގާ ޙަރަކާތާއި ގުޅިގެން ފޮރިން މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީމް ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުމައިދުގެ އިތުރުން، ފޮރިން ސެކެޓަރީ އަބްދުލް ޢަފޫރު މުޙައްމަދާއި، ލީގަލް ކައުންސެލަރ މުޙައްމަދު އަސީލް ޙަސަން އާއި ޖޮއިންޓް ސެކެޓަރީ އަބްދުލް ވާހިދު ސައީދު އާއި ޑިރެކްޓަރ ޖެނެރަލް އަހުމަދު ނާސިހު ބައިވެރިވެވަޑައިގެންނެވިއެވެ.

241 ކޮމިޓީން ބަލަމުންދާ މި މައްސަލައަކީ އިންޑިއާ އައުޓް ޙަރަކާތުގެ ސަބަބުން ނުކުމެދާނެ ނަތީޖާތައް ދެނެގަތުމަށާއި، އެކަމާގުޅޭ ދިރާސާތައް ހެއްދެވުމަށް ބަލަމުންދާ މައްސަލައެކެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީމް ވިދާޅުވީ، ރާއްޖެ އދ ގެ މެމްބަރު ޤައުމަކަށްވީއިރު ރާއްޖެއަކީ އދ ގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެންމެ ކުޑަ ޤައުމު ކަމަށެވެ. އޭރު އިޤްތިސާދީ ގޮތުން ރާއްޖެއަކީ މުޅި ދުނިޔޭގައި 6 ވަނައަށް އެންމެ ފަޤީރު ޤައުމުކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އޭގެ ކުރިން އދ ގެ ސަލާމަތީ މަޖިލީހުގައި އޮތް ބަހުސެއްގައި ރާއްޖެފަދަ ޤައުމަކަށް އދ ގެ މެމްބަރު ޤައުމުކަން ދިނުން ރަނގަޅުވާނެތޯވެސް ސުވާލު އުފެއްދިކަމަށެވެ. ނަމަވެސް މިހާރު ރާއްޖެއަކީ އދ ގެ ޗާޓާރ އޮބްލިގޭޝަންތަކުގެ ތެރެއިން އެންމެ ފުރިހަމައަށް ކަންކަން ކުރަމުންދާ، އަދި ކަންކަން ނިންމުމުގައި ބަސް ވިކޭ ޤައުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ޚަލީމް ވިދާޅުވީ، އދ ގެ އާންމު މަޖިލީހުގެ ރިޔާސަތުގައިވެސް މިއަދު އިންނެވީ ދިވެއްސެއް ކަމަށާއި، މި ހުރިހާ ކަމެއްގެ ފަހަތުގައި ރާއްޖެއިން ގެންގުޅޭ ބަދަހި ގުޅުމާއި، ހަރުދަނާ ޚާރިޖީ ސިޔާސަތުތައް ހިމެނޭ ކަމަށެވެ. އެ ގުޅުންތަކަށް ބުރޫ އަރާނެފަދަ އެއްވެސް ކަމެއް ކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ޚަލީމް ވިދާޅުވީ އެކަމުގެ ނިކަމެތިކަން އަންނަނީވެސް ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ "ކޮންވެންޝަން އޮން ރޭޝިއަލް ޑިސްކްރިމިނޭޝަން" އަށް ބަލާއިރުވެސް ވަކި ޤައުމަކަށް ނުވަތަ ވަކި ނަސްލަކަށް ބަލައިގެން ތަފާތު ކުރުން ގެންގުޅުމާއި، ނަފްރަތު އުފެއްދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އދ އިންވެސް ބަލައިގަންނަ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން ސެކެޓަރީ އަބްދުލް ޢަފޫރު މުޙައްމަދު ވިދާޅުވީ، އިންޑިއާއާއި ރާއްޖޭގެ ގުޅުން ފަހަކަށް އައިސް އެތައް ގޮތަކުން ބަދަހިވެފައިވާ ކަމަށެވެ. އެގޮތުން ދިފާއީ ގޮތުންނާއި އިޤްތިސާދީ ގޮތުންވެސް ދެ ޤައުމު އިތުރަށް ބަދަހިވެފައިވާކަމަށް ފޮރިން ސެކެޓަރީ ވިދާޅުވިއެވެ.

ފޮރިން ސެކެޓަރީ ވަނީ އިންޑިއާއިން އެކި ފަަހަރުމަތިން ދިވެހި ސަރުކާރަށް ވެދީފައިވާ މާލީ އެހީތަކާއި، މުދަލާއި، އިންސާނީ ވަސީލަތްތަކާއި ބެހޭ އެހީތަކުގެ ބައެއް ތަފްސީލުތައްވެސް ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުމައިދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން ބިނާވާ އެންމެ ބޮޑު އަސާސަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންކަމަށެވެ.

ދިވެހިންނަކީ ތަފާތު އެކި ބޭނުންތަކުގައި އިންޑިއާއަށް ދަތުރުކުރަންޖެހޭ ބައެއް، އަދި އިންޑިއާއަށް ދަތުރު ކުރުމުގައި ވަރަށް ފަސޭހަ ލުއި ގޮތްތަކެއް އަބަދުވެސް ހަމަޖެހިފައި ހުރޭ، އެނގިވަޑައިގަންނަވާނެ ކޮވިޑުގެ ޙާލަތުގައި އެންމެ ގޯސްވެގެން ދިޔަ ދަނޑިވަޅުގައި އިންޑިއާ ފުރަބަންދަކަށް ދިއުމުންވެސް އިންޑިއާއަށް ބޭސްފަރުވާއަށް ދާން ހުއްދަދިން ހަމައެކަނި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ
ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުމައިދު

ހުމައިދު ވިދާޅުވީ، ކޮވިޑުގެ ޙާލަތުގައި އެންމެ ގޯސްވެގެން ދިޔަ ދަނޑިވަޅުގައި އިންޑިއާ ފުރަބަންދަކަށް ދިއުމުންވެސް އިންޑިއާއަށް ބޭސްފަރުވާއަށް ދާން ހުއްދަދިން ހަމައެކަނި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށެވެ. އެގޮތުގެ މަތިން 15،000 އަށް ވުރެ ގިނަ ދިވެހިންނަށް އެ މުއްދަތުގެ ތެރޭގައިވެސް ބޭސްފަރުވާއަށް ދިއުމުގެ ފުރުސަތު ދެވިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގައި އުޅޭ ދިވެހިންގެ އަދަދުތަކަށް ބަލާއިރު، 1000 އާއި 1500 އާއި ދެމެދުގެ އަދަދުތަކެއްގައި އަބަދުވެސް ދިވެހިން އެ ޤައުމުގައި އުޅޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަހަރަކު 70،000 އަށް ވުރެ ގިނަ ދިވެހިން ތަފާތު އެކި ބޭނުންތަކުގައި އިންޑިއާއަށް ދަތުރުކުރާކަން ފާހަގަކުރައްވައި ހުމައިދު ވިދާޅުވީ، އިންޑިއާއިންވެސް އެހާ ގިނަ ރައްޔިތުން ރާއްޖެއަށް ދަތުރުފަތުރުކޮށް އުޅޭ ކަމަށެވެ.

ކޮމިޓީގައި މި މައުޟޫއަށް ވާހަކަ ދެއްކެވި ބޭފުޅުން ވަނީ އިންޑިއާ އައުޓް ޙަރަކާތުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އޭގެ އަސަރު ދިވެހިންގެ ދިރިއުޅުމަށް ކުރާކަން ފާހަގަ ކުރައްވާފައެވެ. މިފަދަ ޙަރަކާތްތައް ފުޅާވެ، ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖެހުންތައް ކުރިމަތިވެދާނެ ޙާލަތެއް އައިސްފިނަމަ އިންޑިއާގައި އުޅޭ ދިވެހިންނަށް އެކަމުގެ އަސަރު ކުރާނެ ކަމަށްވެސް މިނިސްޓްރީގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. ފޮރިން މިނިސްޓްރީން ވަނީ މިފަދަ ޙަރަކާތްތައް ހުއްޓުވަން ޖެހޭކަންވެސް ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް