ކ. މާލެ
|
13 ފެބްރުއަރީ 2022 | އާދީއްތަ 13:13
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަ ދައްކަވަނީ
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަ ދައްކަވަނީ
ޕޮލިސް
ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުން
ބޮޑީވޯން ކެމެރާއަކީ ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރާ މަސައްކަތައް ލިބިގެންދާ އިތުރު އެހީތެރިކަމެއް – ސީޕީ
ތަހުގީގުތަކަށް ބޭނުންވާ ހެކި ލިބިގަނެވޭނެ އައު ވަސީލަތަކަށް ވެގެންދާނެ
މި ވަސީލަތް ބޭނުންކުރަން މިފަށަނީ މިކަމަށް ހާއްސަ އުސޫލެއް އެކުލަވާލެވި އަދި ބޭނުންކުރާ ފުލުހުން ތަމްރީނު ކުރެވިގެން
މުސްތަގުބަލުގައި ބޮޑީވޯން ކެމެރާ ވެގެންދާނީ ފުލުހުން ޖަވާބުދާރީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތަކަށް

ދިވެހި ފުލުހުންގެ ހިދުމަތުގައި އަލަށް ބޭނުންކުރަން ފެށު ބޮޑީވޯން ނުވަތަ ގައިގަ ހަރުކޮށްފަ ހުންނަ ކެމެރާ އަކީ ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރާ މަސައްކަތަށް ލިބިގެންދާ އިތުރު އެހީތެރިކަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިހެން ވިދާޅުވީ ފުލުހުން މަސައްކަތުގެ މައިދާނުގައި މުޅިން އަލަށް ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ސީޕީ ހަމީދު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް އިތުރުކުރެވޭ އައު ވަސީލަތަކީ ފުލުހުންގެ މަސައްކަތަށް ބޮޑު ބަދަލެއް ގެނެސްދެވޭނެ ވަސީލަތެއް ކަމަށެވެ. ބޮޑީވޯން ކެމެރާއަކީ މިއަދު ފުލުހުންގެ މަސައްކަތުގެ ތެރޭގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ތައާރަފް ކުރެވެމުން އަންނަ ވަސީލަތެއް ކަމަށާއި، މިއީ ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރާ މަސައްކަތަށް ލިބިގެންދާ އިތުރު އެހީތެރިކަމެއް ކަމަށެވެ. އަދި ތަހުގީގުތަކަށް ބޭނުންވާ ހެކި ލިބިގަނެވޭނެ އައު ވަސީލަތެއް ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ - ޕޮލިސް

ސީޕީ ވިދާޅުވީ ފުލުހުން މިއަދު މި ވަސީލަތް ބޭނުންކުރަން ފެށިކަމުގައިވީނަމަވެސް، ދުނިޔޭގެ އެހެން ގައުމުތަކުގައި ބޮޑީވޯން ކެމެރާ ބޭނުންކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި ދިވެހި ފުލުހުން މި ގާބިލްކަން ހޯދުމަށް މަސައްކަތް ކުރާތާ ދެތިން އަހަރު ވެއްޖެ ކަމަށާއި، ކަން ދިމާކުރި ގޮތުން 2020 ވަނަ އަހަރުގެ ބަޖެޓުން މިކަން ކުރުމަށް ރާވާފައިވީ ނަމަވެސް، މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މުޅި ދައުލަތުގެ އާމްދަނީ ދަށްވެ ހަރަދުތައް ކުޑަކުރަން ޖެހުމާއި ގުޅިގެން މި ޕްރޮޖެކްޓް ފަށައިގަތުން ލަސްވެގެން ދިޔައީ ކަމަށެވެ.

ނަމަވެސް މި މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ދިޔައީ ބޮޑީވޯން ކެމެރާ ބޭނުންކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ހިންގަމުން. އަދި ނިމިގެންދިޔަ 2021 ވަނަ އަހަރުގެ ބަޖެޓުގައި މިކަން ހިމަނައި މަސައްކަތް ފެށިފައިވޭ. މިގޮތުން ލިބުނު ތަޖްރިބާގެ އަލީގައި މިއަދު މި ވަސީލަތް ބޭނުންކުރަން މިފަށަނީ މިކަމަށް ހާއްސަ އުސޫލެއް އެކުލަވާލެވި އަދި ބޭނުންކުރާ ފުލުހުން ތަމްރީނު ކުރެވިގެން. މިއީ 3 އަހަރު ކުރިން އެކުލަވާލި ފުލުހުންގެ ހިދުމަތުގެ 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭންގައި އިސްކަންދޭނެ މައިގަނޑު 6 ދާއިރާގެ ތެރޭގައި އޮގަނައިޒޭޝަނުން ރިފޯމް އެންޑް ޓްރާންސްފޮމޭޝަން ހިމެނިފައިވާނެ. މިއަދު ތައާރަފްކުރެވޭ ބޮޑީވޯން ކެމެރާ އަކީ މިދެންނެވި ސްޓްރެޓީޖިކް ޕްރޮއިރިޓީއާއި ވަރަށް ބޮޑަށް ގުޅިފައިވާ ވަސީލަތެއް
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ސީޕީ ވިދާޅުވީ މިގުޅުމަކީ ފުލުހުންގެ ހިދުމަތުގެ ޖަވާބުދާރީވުން ހަރުދަނާކުރުމަށް ފުލުހުންގެ މަސައްކަތަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުމަށް އަދި އެފަދަ ޒަމާނީ ޓެކްނޮލޮޖިކަލް ވަސީލަތްތަކުގެ ބޭނުން ހިފައިގެން ފުލުހުންގެ މަގްސަދުތައް ހާސިލްކުރުމަށް ފުލުހުން ހަރަކާތްތެރިވާން ފެށުން ކަމަށެވެ. އަދި މިކަންކަން ހާސިލްކުރުމަށް ސްޓްރެޓިޖިކް ޕްލޭންގެ މައިގަނޑު ތީމްތައްކަމުގައިވާ ފްރަންޓްލައިން ފަސްޓް އަދި ޑްރިވަން ބައި ޓެކްނޮލޮޖީއާއި ވެސް މި ވަސީލަތާއި، އޭގެ ބޭނުންވަނީ ގުޅިފައިވާ ކަމަށެވެ.

ބޮޑީވޯން ކެމެރާގެ މުހިންމުކަމާއި ގުޅޭގޮތުން މިސާލެއް ނަންގަވަމުން ސީޕީ ވިދާޅުވީ ދާދިފަހުން އެމެރިކާގެ މިނެސޮޓާގައި ދޮން ނަސްލުގެ ފުލުހަކު ކަޅު ނަސްލުގެ ޖޯޖު ފްލޮއިޑް ނަމަކަށް ކިޔާ މީހަކު ހައްޔަރުކުރުމުގެ ތެރޭގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެން ހިންގުނު ޝަރީއަތުގައި އޮފިސަރ ޑްރެކްގެ ބޮޑީވޯން ކެމެރާއިން ނަގާފައިވާ ފުޓޭޖްތަކަށް އެ ޝަރީއަތުގައި ވަރަށް ބޮޑަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ. މިގޮތުން ކުށް ސާބިތުކުރުމަށް ބޮޑީވޯން ކެމެރާއިން ލިބިފައިވާ ހެކި ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ - ޕޮލިސް

ސީޕީ ވިދާޅުވީ ދިވެހިރާއްޖޭގައި ވެސް މުސްތަގުބަލުގައި ބޮޑީވޯން ކެމެރާ ވެގެންދާނީ ފުލުހުން ޖަވާބުދާރީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތަކަށް ކަމަށެވެ. އެހެންނަމަވެސް ބޮޑީވޯން ކެމެރާގެ ހަމައެކަނި ބޭނުމަކީ ފުލުހުން ގޯސްކަމެއް ކުރާތޯ ބަލައި ފިޔަވަޅު އަޅަން ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމެއް ނޫން ކަމަށެވެ. ބޮޑީވޯން ކެމެރާއަކީ ފުލުހުންގެ ތަފާތު ގިނަ މަގްސަދު ހާސިލް ކުރުމުގައި އެހީތެރިވެދޭނެ އަދި ފުލުހުންގެ ރައްކާތެރިކަމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްދޭނެ ވަސީލަތަކަށް ވެގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

- ކޮމެންޓް