Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2022 | ހޮނިހިރު 15:38
ފްލޯޓިންގ ސިޓީގެ ކުރެހުމެއް
ފްލޯޓިންގ ސިޓީގެ ކުރެހުމެއް
ބައިސަން މޯލްޑިވްސް
މޯލްޑިވްސް ފްލޯޓިންގ ސިޓީ
ފްލޯޓިންގ ސިޓީގައި 5000 ގެ އެޅުމަށް ބައިސަންއަށް، ރޯދައިގެ ފަހުން ނިންމާނެ
އެ ގެތައް ނިމުމާއެކު އާންމުންނަށް އެތަން ބަލާލުމުގެ ފުރުސަތު ހުޅުވާލާނެ
އެ ސިޓީގައި އަޅާ ގެތަކަކީ ތިމާވެއްޓާ ރައްޓެހިކޮށް ހަދާ ގެތަކެއް
މި މަޝްރޫއު ނިމޭއިރު ގެތަކުގެ އެތެރެ ޑިޒައިން ކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާނެ

މާލެ އަތޮޅުގައި ތަރައްގީކުރާ ދުނިޔޭގެ ފުރަތަމަ ފްލޯޓިންގ ސިޓީގައި 5000 ގެ އެޅުމަށް ބައިސަން މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްގީކުރުމަށް އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު, ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށްފަހު ކުރިއަށް ނުގޮސް އޮވެ، މި އެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރީ ޑަޗް ޑޮކްލޭންޑް ކުންފުންޏާއެވެ.

މިމަހުގެ 10ވީ ބުރާސްފަތި ދުވަހު ފްލޯޓިން ސިޓީގައި 5000 ގެ އެޅުމަށް ބައިސަން މޯލްޑިވްސްއާއެކު ސޮއިކޮށްފައިވާއިރު، ބައިސަންއިން ބުނީ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ރޯދައިގެ ފަހުން މި މަޝްރޫއުގެ ފުރަތަމަ ގެތައް އިމާރަތްކޮށް ނިމެނޭ ކަމަށެވެ. އަދި އެ ގެތައް ނިމުމާއެކު އާންމުންނަށް އެތަން ބަލާލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ބައިސަންއިން ބުނެފައިވެއެވެ.

Advertisement

މި މަޝްރޫއުގެ ރާއްޖޭގެ ކޮންސަލްޓެންޓް މުހައްމަދު ރިޔާޒު ވިދާޅުވީ, މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ހިތްޕުޅުހަމަޖެހުމެއް ކަމަށާއި، ގެތައް ނިމި އާންމުންނަށް ފެންނާނެ ދުވަހަކަށް ވަރަށް އުންމީދުކުރައްވާ ކަމަށެވެ.

މާލޭގެ އުތުރުން އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައި ތަރައްގީކުރާ މި ފްލޯޓިންގ ސިޓީގައި، 5،000 ގޯއްޗާއި، ސްކޫލާއި، ހޮސްޕިޓަލާއި މޯލްގެ އިތުރުން އޮފީސްތައް ވެސް ހެދިގެންދާނެއެވެ. އަދި މިސިޓީ ކައިރީގައި ފަސް ތަރީގެ ދެ ރިސޯޓާއި، ޔޮޓު މެރީނާއެއް ވެސް ހަދަންވަނީ ނިންމާފައެވެ. "މޯލްޑިވްސް ފްލޯޓިން އައިލެންޑްސް"ގެ ނަމުން ނަންދީފައިވާ މިސިޓީއަކީ ތިމާވެއްޓާ ރައްޓެހިކޮށް ތަރައްގީ ކުރުމަށް ފަރުމާ ކޮށްފައިވާ ސިޓީއެކެވެ. އަދި އެ ސިޓީގައި އަޅާ ގެތަކަކީ ތިމާވެއްޓާ ރައްޓެހިކޮށް ހަދާ ގެތަކެއްކަމަށާއި, އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ވަސީލަތްތައް ބޭނުންކޮށްގެން ހަދާ ގެތަކަކަށް ވާނެކަމަށް ބައިސަންއިން ބުނެއެވެ.

ފްލޯޓިންގ ސިޓީގެ ކުރެހުމެއް

މި މަޝްރޫއު ނިމޭއިރު ގެތަކުގެ އެތެރެ ޑިޒައިން ކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާނެއެވެ. އަދި ސޯޝަލް ހައުސިންގ ގަންނަން ލިބޭ އަގުތަކުގައި މިގެތައް ގަންނަން ލިބޭނެކަމަށާއި، ދިގު މުއްދަތަކަށް ލޯން ދައްކައިގެން ގެތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. މާލެއިން 10 މިނެޓުން ދެވޭގޮތަށް ހަދާ މިސިޓީއާ މާލެއާ ދެމެދު ދަތުރުކުރުމަށް ރަނގަޅު ފެރީގެ ނިޒާމެއް ހަމަޖައްސާއިރު ފެރީގެ ގޮތުގައި ވެސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް އުޅަނދުތަކެކެވެ. އަދި ސިޓީގެ އެތެރޭގައި އިލެކްޓްރޯނިކް ބައެއް އުޅަނދުތައް ދުއްވުމުގެ އިންތިޒާމްތަކާއި މޫދު އުޅަނދުތައް ވެސް ހުންނާނެއެވެ. މި މަޝްރޫއުގެ ދަށުން, ޔޮޓް މެރީނާ އަދި ރިސޯޓު ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އެ ތަންތަނަށް އަންނަ ފަތުރުވެރިންނަށް ވެސް އެ ސިޓީގައި ތިބުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ބިލިޔަން ޑޮލަރުގެ ފްލޯޓިންގ ސިޓީ އަޅާއިއިރު މުޅިން ވެސް ބޭނުންކުރާނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތްތަކެކެވެ. އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލުކޮށްލުމުގެ މަގުސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާއިރު، މުޅި ސިޓީގެ މަސައްކަތް 7 އަހަރު ދުވަހުން ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
13 ފެބްރުއަރީ 2022 | އާދީއްތަ 01:38
ޢެފެނޑީ
2 ރިސޯޓް ހަދާފާނެ.. ޗަބުނާ ސިޓީ އެއް ނުފެންނާނެ