ކ. މާލެ
|
12 ފެބްރުއަރީ 2022 | ހޮނިހިރު 13:45
އ.ދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
އ.ދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޓްވިޓަރ
މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުވުން
އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކަންކަން ވާނެކަން ސާބިތުކޮށްދޭން ކުރަންޖެހޭ މަސައްކަތް
ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީމަހުގެ 11 ވަނަ ދުވަހު
އ.ދ.ގެ އާންމު މަޖިލީހުންވެސް ވަނީ ދުވަހާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް ބާއްވާފައި
ސައިންސްގެ އިލްމުގެ ދާއިރާއިން ކަނބަލުން ކުރިއަށް ދިޔުމަށް ހުރި ހުރަސްތަކާއި ދަތިތައް ނައްތާލުމަށް ގުޅިގެން މަސައްކަތްކުރުމަށްވެސް ޝާހިދު ގޮވާލެއްވި

އަންހެނުންނަށް މިއަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަންހެނުންނަށް ކަންކަން ވާނެކަން ސާބިތުކޮށްދޭން ކުރަންޖެހޭ މަސައްކަތްކަމަށް އ.ދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ކުރިއަށްގެންދަވާ ސިލްސިލާ ވީޑިއޯ ޕޮޑްކާސްޓް ސީރީޒްގެ ތެރެއިން، "އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގާލްސް އިން ސައިންސް" އާއި ގުޅުވައިގެން ގެނެސްދިން ހާއްސަ ވީޑިއޯ ޕޮޑްކާސްޓެއްގައި، ސައިންސްގެ މަސައްކަތްތައް ކުރުމުގައި އަންހެނުންނާއި އަންހެން ކުދީންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ.

އަދި މީގެ ދެތިން މަސް ކުރިން ގްލާސްގޯގައި ކުރިއަށްދިޔަ ކޮޕް ސަމިޓުގެ ތެރޭގައި އަންހެން ސައިންޓިސްޓުންތަކަކާއި ބައްދަލުކުރެވި ކަމަށް ޝާހިދު ވިދާޅުވިއެެވެ. އަދި އެފަރާތްތަކަށް ކުރިމަތިވި ގޮންޖެހުންތަކާއި، އެކަންތައްތަކުން އަރައިގަތް ގޮތް އޮޅުން ފިލުވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެބައްދަލުވުމުންވެސް އެންމެ ބޮޑަށް ފަހަގަކުރެވުނު ގޮންޖެހުމަކީ އަންހެނުންނަށް ކަންކަން ވާނެކަން ސާބިތުކޮށްދޭން ކުރަންޖެހޭ މަސައްކަތްކަމަށް ޝާހިދު ވިދާޅުވިއެވެ.

އަންހެނުންނަށް މިއަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަންހެނުންނަށް ކަންކަން ވާނެކަން ސާބިތުކޮށްދޭން ކުރަންޖެހޭ މަސައްކަތް. މިއީ އަދުގެ ވަރަށް ގިނަ ޒުވާން އުމުރުގެ އަންހެން ކުދިންނަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް. މި ވީޑިއޯގެ ސަބަބުން، އަންހެން އަދި ފިރިހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިތްވަރެއް ލިބޭނެ ކަމަށް އުންމީދު ކުރަން.
އ.ދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ސައިންސްގެ އިލްމުގެ ދާއިރާއިން ކަނބަލުން ކުރިއަށްދިއުމަށް ހުރި ހުރަސްތަކާއި ދަތިތައް ނައްތާލުމަށް ގުޅިގެން މަސައްކަތްކުރުމަށްވެސް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ޝާހިދުގެ މި ޕޮޑްކާސްޓުގައި ބައިވެރިވެވަޑައިގަތް ކެނެޑާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް އަދި ނިއުރޯލޮޖިސްޓެއްކަމަށްވާ އުމުރުން 76 އަހަރުގެ ރޮބާޓޭ ބޮންޑާ ވަނީ އޭނާގެ ތަޖުރިބާތަކާއި ދާއިރާގައި ދިމާވި ގޮންޖެހުންތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން އަންހެނަކަށްވީތީ އެދާއިރާއިން ކިޔެވުމާއި މަސައްކަތުގެ މައިދާނުގައި ދިމާވި ގޮންޖެހުންތަކަށް ބޮންޑާ އަލިއަޅުވާލިއެވެ.

ޒުވާން ދުވަސްވަރުގައި ކުރުމަށް އަޒުމު ކަނޑައަޅާ ކަންތައްތައް ކުރުމުގައި އެކަމަށް ބޭނުންވާ ހިތްވަރާއި އެހީތެރިކަން ހޯދައި، އެކަމުން ކުރިއަށްދާން މަސައްކަތް ކުރުމަށް ބޮންޑާ ވަނީ ދެޖިންސުގެ ޒުވާނުންގެ ކިބައިން އެދިފައެވެ. އަދި އާންމު ދިރިއުޅުމުގެ އެހެން ކަންކަމާއި ސައިންސާއި މާބޮޑު ތަފާތެއް ނެތްކަން ފާހަގަކުރައްވާ ބޮންޑާ ވިދާޅުވީ ދުނިޔޭގައިވާ ކަންކަމާއި މެދު ވިސްނާ ފިކުރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގާލްސް އިން ސައިންސް" ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީމަހުގެ 11 ވަނަ ދުވަހުއެވެ. މިއަހަރު މި ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ބާއްވަމުންދާއިރު، އ.ދ.ގެ އާންމު މަޖިލީހުންވެސް ވަނީ ދުވަހާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން ސައިންސްގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަގު ވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަސް ފާހަގަކުރުމަށް "އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގާލްސް އިން ސައިންސް އެސެމްބްލީ"އެއްވެސް އ.ދ.ގެ އާންމު މަޖިލީހުން ވަނީ ބާއްވާފައެވެ.


Advertisement
- ކޮމެންޓް