ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 17:20
ކޮވިޑްގެ ތެރޭގައި ހާލުގައި ޖެހުނު ފަރާތްތަކަށް ކެއަރ ޕެކޭޖްތައް ބެހުމުގެ މަސައްކަތުގެ ތެރެއިން
ކޮވިޑްގެ ތެރޭގައި ހާލުގައި ޖެހުނު ފަރާތްތަކަށް ކެއަރ ޕެކޭޖްތައް ބެހުމުގެ މަސައްކަތުގެ ތެރެއިން
ޖެންޑާ މިނިސްޓްރީ
ޖެންޑަރ އޮޑިޓް
ކޮވިޑް-19 އާއި ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް ކެއިން ބުއިމުގެ އިންތިޒާމް ހަމަޖެއްސީ ދައުލަތަށް ގެއްލުންވާ ގޮތަށް – އޮޑިޓް
އަމިއްލައަށް އިޚްތިޔާރުކުރާ މެނޫއަކަށް އަގު ހުށަހަޅަން ފުރުސަތު ހުޅުވާލުމުން އެކިފަރާތްތަކުން އެކި ފެންވަރުގެ މެނޫތަކަށް އަގު ހުށަހަޅާފައިވޭ
ޚިދުމަތް ދިނުމަށް ދެންނެވުނު މުއްދަތުގައި ޚަރަދުކޮށްފައިވާ ޖުމްލަ 2,420,386 ރުފިޔާއަކީ އެމުއްދަތުގައި އެ ޝެލްޓަރތަކުގައި ބޭތިއްބި މީހުންގެ ކެއުމަށް ހިނގި ޚަރަދުކަން ކަށަވަރުކުރެވިފައި ނުވޭ

ކޮވިޑް 19 އާއި ގުޅިގެން މާލެ ފުރަބަންދު ކުރުމުން ހާލުގައި ޖެހުނު އާއިލާތަކަށް، 24 އޭޕްރީލް 2020 އިން ފެށިގެން ކެއިން ބުއިމުގެ ކަންތައް ހަމަޖެއްސުމަށް ހަތަރު ފަރާތަކުން ހުށަހަޅާފައިވާ ކޮޓޭޝަން އިވެލުއޭޓްކޮށްފައިވަނީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަށް ނޫންކަމަށް ޖެންޑަރ މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.47 ވަނަ މާއްދާގެ (ހ) ގައި، ކޮޓޭޝަންތައް އިވެލުއޭޓްކުރުމުގައި އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ފެންވަރާއި ހުށަހެޅިފައިވާ އަގުގެ މައްޗަށް ބަލައި، އެންމެ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހުށަހެޅުމެއް ހޮވުމުގައި މި ދެބައިގެ ބުރަދަނަށް ބަލަން ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެގަވާއިދުގެ 10.01 ގެ (ހ) ގައި ދައުލަތުގެ ފައިސާ ހޭދަކުރެވެނީ، ވާދަވެރި މާޙައުލެއްގެ ތެރެއިން، އިޤުތިޞާދީ ގޮތުން އެންމެ ފައިދާ ހުރި، އަދި ހާމަކަން ބޮޑު ޒިންމާދާރު ގޮތެއްގެ މަތިންކަން ޔަގީންކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ކޮވިޑް 19 އާއި ގުޅިގެން މާލެ ފުރަބަންދު ކުރުމުން ހާލުގައި ޖެހުނު އާއިލާތަކަށް، 24 އޭޕްރީލް 2020 އިން ފެށިގެން ކެއިން ބުއިމުގެ ކަންތައް ހަމަޖެއްސުމަށް ހަތަރު ފަރާތަކުން ހުށަހަޅާފައިވާ ކޮޓޭޝަން އިވެލުއޭޓްކޮށްފައިވަނީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަށް ނޫންކަން ކަމަށެވެ. މިގޮތުން، އެކަށީގެންވާ މެނޫއެއް ތައްޔާރުކޮށް އެ މެނޫއަށް ބިނާކޮށް އަގު ހޯދުމުގެ ބަދަލުގައި، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން އަމިއްލައަށް އިޚްތިޔާރުކުރާ މެނޫއަކަށް އަގު ހުށަހަޅަން ފުރުސަތު ހުޅުވާލުމުން އެކި ފަރާތްތަކުން އެކި ފެންވަރުގެ މެނޫތަކަށް އަގު ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެ.

އަދި ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމުގައި ކުޑަ އަގަށް ބޮޑު ބުރަދަނެއް ދިނުމުގެ ބަދަލުގައި މެނޫގައި ހިމަނާފައިވާ ބާވަތްތަކުގެ އަދަދަށް 60 ޕޮއިންޓް އަދި އަގަށް 40 ޕޮއިންޓްގެ ބުރަދަނެއް ދީފައިވާކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ. ރިޕޯޓުގައި ބުނެފައިވަނީ މިގޮތަށް ބިޑް އިވެލުއޭޓް ކުރުމުގެ ސަބަބުން އެންމެ މަތިން މާކްސް ލިބިގެން ޚިދުމަށް ދިނުމަށް ހަވާލުކޮށްފައިވާ ފަރާތުން ހުށަހަޅާފައިވާ އަގާއި (މީހަކަށް ދުވާލަކަށް -/152) ދެވަނައަށް މަތިން މާކްސް ލިބުނު ފަރާތުގެ އަގާއި (މީހަކަށް ދުވާލަކަށް -/117) ދެމެދު ވަރަށް ބޮޑު ފަރަގެއް ހުރިކަމަށެވެ. އަދި ބިޑްތަކަށް މާކްސް ދިނުމުގައި މަސައްކަތުގެ ތަޖުރިބާ ނުވަތަ މަސައްކަތް ކޮށްދިނުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރު އެއްވެސްވަރަކަށް ވަޒަންކޮށްފައިނުވާ އިރު، މަސައްކަތާއި ހަވާލުވި ފަރާތުގެ ހިދުމަތުގެ ފެންވަރާމެދު ގިނަ ކަންބޮޑުވުންތަކެއް ހުރުމުން، 28 އޭޕްރީލް 2020 އިން ފެށިގެން ކެއުމުގެ އިންތިޒާމް ހަމަޖެއްސުމަށް ދެވަނައަށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް މަސައްކަތް ހަވާލުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކެއިން ބުއިން ހަމަޖެއްސުމަށް ކޮށްފައިވާ ޚަރަދުތަކާއި ގުޅޭ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާ ކަމަށް ވެސް ކޮމްޕްލަޔަންސް އޮޑިޓްގައި ވަނީ ބުނެފައެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް ކެއިން ބުއިމުގެ ކަންތައް ހަމަޖެއްސުމަށް މިނިސްޓްރީން 28 އޭޕްރީލް 2020 ގައި ވެފައިވާ އެއްބަސްވުމުގެ 2.2 ވަނަ މާއްދާގައި، މިނިސްޓްރީން ކޮންމެ ދުވަހަކު ތަކެތި ބޭނުންވާ އަދަދު، އީމެއިލް މެދުވެރިކޮށް ނުވަތަ އެއްވެސް ރަސްމީ ލިޔުމަކުން އަންގާނެކަމަށް ބަޔާންކޮށްފައިވާއިރު، މިނިސްޓްރީން ކެއުމަށް އޯޑަރު ދިނުމުގައި މި ގޮތަށް ޢަމަލުކޮށްފައިނުވާއިރު އޮޑިޓަށް ލިބިފައިވާ ލިޔެކިޔުންތަކުން ދީފައިވާ އޯޑަރުތަކުގެ އަދަދުތަކާއި ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ބިލުތަކުގައި ހުރި އަދަދުތައް ދިމާނުވާކަމަށް ވަނީ ބުނެފައެވެ.

އަދި، އޯޑަރު ދިން ތަކެތި ލިބުމުން ޑޮކިއުމަންޓް ކުރެވި ދެފަރާތުން ސޮއިކޮށްފައި ނެތްކަން ފާހަގަކޮށްފައިވާ އިރު، އޮޑިޓަށް ފޯރުކޮށްދީފައިވާ ލިޔެކިޔުންތަކުން 15 އެޕްރީލު 2020 އިން 30 އޮގަސްޓު 2020 އަށް މިނިސްޓްރީން ބެލެހެއްޓި ޝެލްޓާތަކުގައި އެކި ދުވަހު ތިބި މީހުންގެ އަދަދު ވަކިން އެނގޭނެ ގޮތަށް ހަރުދަނާ ގޮތެއްގައި ލިޔެކިޔުން ބަލަހައްޓާފައި ނުވެއެވެ.

އަދި މިކަމުގެ ސަބަބުން ޚިދުމަތް ދިނުމަށް ދެންނެވުނު މުއްދަތުގައި ޚަރަދުކޮށްފައިވާ ޖުމްލަ 2,420,386 (ދެ މިލިއަން ހަތަރު ސަތޭކަ ވިހި ހާސް ތިން ސަތޭކަ އަށްޑިހަ ހައެއް) ރުފިޔާއަކީ އެމުއްދަތުގައި އެ ޝެލްޓަރތަކުގައި ބޭތިއްބި މީހުންގެ ކެއުމަށް ހިނގި ޚަރަދުކަން ކަށަވަރުކުރެވިފައި ނުވާކަމަށް އޮޑިޓްގައި ވަނީ ބުނެފައެވެ.

މި ކަންކަން އިޞްލާޙުކުރަން އަންގަފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކި ފަރާތްތަކުގައި އެދިގެން ހޯދާ ކޮޓޭޝަންތައް އިވެލުއޭޓްކުރުމުގައި އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ފެންވަރާއި ހުށަހެޅިފައިވާ އަގުގެ މައްޗަށް ބަލައި، އެންމެ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހުށަހެޅުމެއް ހޮވުމުގައި މި ދެބައިގެ ބުރަދަނަށް ބަލައި ދައުލަތަށް އެންމެ ފައިދާ ހުރިގޮތަށް ބިޑް އިވެލުއޭޓްކުރުމަށް އެންގުމާއެކު، މަސައްކަތުގެ އެއްބަސްވުމުގައި ވާގޮތުގެ މަތިން މަސައްކަތް ކުރިއަށްގެންދާކަން ލިޔެކިޔުމުން ކަށަވަރުކުރުމަށެވެ. އަދި ހޯދި ޚިދުމަތާއި ކުރި ޚަރަދުގެ ޞައްޙަކަން ކަށަވަރުކުރެވޭނީ އެ ޚިދުމަތެއް ހޯދަން ޖެހުނު ސަބަބާއި ޚިދުމަތް ލިބުނުކަން ކަށަވަރު ކުރެވޭނެ ގޮތަށް ދެފަރާތުން ސޮއިކޮށް ލިޔެކިޔުން ބެލެހެއްޓުމުން ކަމުން، ޚިދުމަތް ހޯދަން ޖެހުނު ސަބަބާއި ޚިދުމަތް ލިބުނުކަން ކަށަވަރު ކުރެވޭނެ ފަދަ ގޮތަކަށް ލިޔެކިޔުން ތައްޔާރުކޮށް ބެލެހެއްޓުމަށް ވަނީ އަންގާފައެވެ.

- ކޮމެންޓް
11 ފެބްރުއަރީ 2022 | ހުކުރު 22:41
އަންތަރީސް
އަޗާ.. އަދި އެކަންވެސް ކޮށްދޭންޖެހެނީ ސަރުކާރަށް ބޮޑު ފައިދާއެއްވާގޮތަށްތަ؟