ކ. މާލެ
|
10 ފެބްރުއަރީ 2022 | ބުރާސްފަތި 21:33
ދިއްދޫގައި ހަދާފައިވާ ހައުސިން ޔުނިޓްތަކެއް
ދިއްދޫގައި ހަދާފައިވާ ހައުސިން ޔުނިޓްތަކެއް
ޓްވިޓަރ
ހައުސިން ޔުނިޓްގެ މަސައްކަތް
ހަތަރު ރަށެއްގެ ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
 
ބީލަން ހުޅުވުން އޮންނާނީ 3 މާރިޗު 2022ގައި
 
ފަސްސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭ
 
ކުޅުދުއްފުށީގައި 400، ހޮޅުދޫގައި 30، ގަމުގައި 100 އަދި މިލަންދޫގައި 50، ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވޭ

ހަތަރު ރަށެއްގެ ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ، ނ. ހޮޅުދޫގައި 30 ހައުސިންގ ޔުނިޓް، ލ. ގަމުގައި 100 ހައުސިންގ ޔުނިޓް, އަދި ށ. މިލަންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށެވެ. މި ހަތަރު ރަށުގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރާ ބަޔަކު ހޯދުމަށް ހުޅުވާލާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށްވާއިރު، މިހާރު ވަނީ ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ހަތަރު ރަށުގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތުގެ ބީލަންތަކުގައި ބައިވެރިވުމަށް ފަސްސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭ ކަމަށާއި، ފައިސާ ބަލައިގަންނާނީ 13 ފެބުރުވަރީ 2022ން 1 މާރިޗު 2022ށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00ން މެންދުރުފަހު 2:00ށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އަދި ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފޮނުވަންޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި, މިނިސްޓްރީގެ ވެބްސައިޓުން 13 ފެބުރުވަރީ 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 ފެބުރުވަރީ 2022ވާ އާދިއްތަ ދުވަހުގެ މެންދުރު 1:30ގެ ކުރިން، އީމެއިލް ކުރަން ޖެހޭ ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 3 މާރިޗު 2022ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިނިސްޓްރީގެ, ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓްގެ ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ދެމިލިއަން އެއްލައްކަ ރުފިޔާ ހުށަހަޅަންޖެހޭއިރު، ހޮޅުދޫގައި 30 ހައުސިންގ ޔުނިޓްގެ ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި އެއްލައްކަ ފަންސާސް ތިންހާސް ރުފިޔާ ހުށަހަޅަންޖެހެއެވެ. ގަމުގައި 100 ހައުސިންގ ޔުނިޓް ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ފަސްލައްކަ ދިހަހާސް ރުފިޔާ ހުށަހަޅަންޖެހެއެވެ. އަދި މިލަންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ދެލައްކަ ފަންސާސް ހަތަރުހާސް ރުފިޔާ ހުށަހަޅަން ޖެހެއެވެ. ނުވަތަ އެ އަދަދާއި އެއްވަރު އަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށެވެ.

ހަތަރު ރަށެއްގެ ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވާއިރު، މާލެސިޓީގެ އިތުރުން އަތޮޅުތެރެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް މިސަރުކާރުން ބުނެފައިވެއެވެ. އެގޮތުން މިހާރު ވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ހައުސިންގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް